ވާހަކަ

ގަހަނާ ފޮށި

( 20 ޖޫން 2023 އާ ގުޅޭ )

އަހަރެން ޖޯލިން ތެދުވީ ފައިސަލްގެ ކައިރިޔަށް ބަދިގެއަށް ދާށެވެ. އެކަނި އިންނަން ފޫހިވީއެވެ. ނަމަވެސް އަހަރެންނަށް ހުއްޓެވުނީ ވަށާފާރުބުރި މަތީ އަތްއަޅުވާލައިގެން ހުރި އަންހެން ކުއްޖާ ފެނިފައެވެ. އަހަރެން ބަލަން ހުއްޓާ އޭނާ ބޯއަރިކޮށްލިއެވެ. އޭނާ ދުރަށް ޖެހިލައި ފާރުގައި ކަނޑާފައިވާ ދޮރުން ވަދެގެން އައެވެ.

ހިމަ ހަށިގަނޑުގެ ބައްޓަން ފުރިހަމަވެފައި ދިގު މޫނުކޮޅެކެވެ. މުށިކުލަ ޖައްސާފައި އޮތް ދިގު އިސްތަށިގަނޑު ފަނެވެ. ބޮލުމެދުން މަގުފަޅައި ދެބައިކޮށްލާފައި ކުރިމައްޗަށް ވާނޭހެން ވައްޓާލާފައި އޮތްއިރު އޭނާގެ އިސްތަށިގަނޑު އަތުގެ ހިކަނދި މަސްގަނޑަށްވުރެ ތިރިއަށް އަރައެވެ. އަތާފައި ވެސް ދިގު ކަމަށް ދައްކާއިރު އަތްތިލައިގެ އިނގިލިތައް ވެސް ހިމަވެފައި ދިގެވެ. "ފެޝަންގެ" ދުނިޔެއިން ފެންނަ އަންހެންކުދީންގެ ހުންނަ ކަހަލަ އިސްކޮޅަކާއި ރޫފައިގެ އިތުރުން އެފަދަ ރީތިކަމެއް އޭނާއަށް ލިބިފައިވެއެވެ. ފެންނަފެނުމަށް އަހަރެންނާ އެއް އުމުރެއްގެ އަންހެން ކުއްޖެއްހެން ހީވެއެވެ. ޔަގީނުން ވެސް އޭނާގެ ސިފައަށް ބަލާފައި އަހަރެންނަށްވުރެ ދޮށްޓެއްނުވާނޭކަން ހިތާއި ސިކުނޑި ވެސް އެއްބަސްވިއެވެ. އަހަރެންނަށް ކާކުކަމެއް ސީދާ ނަގައިގަންނަން ނޭނގުނަސް އެ މޫނުގައި ދަންނަ ގޮތެއް ހުއްޓެވެ. ކޮންމެވެސް ތަނަކުން އަހަރެންނަށް އޭނާ ފެނުނުހެން ހީވަނީއެވެ. އުނަގަނޑާ ދިމާއަށް އެއްފަރާތުން އައްސާލާ ގޮތަށް ހުރި "އޮލިވް" ފެހި ކުލައިގެ ހެދުމުގެ ކަރުވަޅު ބޮޑެވެ. އަދި ހިނގާފައި އަންނައިރު އޭނާގެ ވައަތު ފަލަމަސްގަނޑުން ބޮޑުބައެއް ހާމަވާ ވަރަށް ހެދުމުގެ ތިރީބައި ފޭވަލައެވެ. އަހަރެންނަށް އެކަހަލަ ހެދުމެއް ލާން ނުކެރުނަސް އޭނާ އެ ހެދުމުގައި ފެންނަލެއް ވަރަށް ރީއްޗެވެ. ޔަގީނުން ވެސް ޒަމާނުގެ ތަހުތީބަށް އިތުރުވެފައިވާ ފަހުގެ ރަހަތައް ނިކަން ފުރިހަމައަށް އެ އަންހެންކުއްޖާގެ ކިބައިން ފެންނަން އެބަހުއްޓެވެ. ފަރި ހިނގުމެއްގައި އައިސް އަހަރެންނާ ތިން ވަރަކަށް ފޫޓު ދުރުގައި އޭނާ މަޑުކޮށްލިއެވެ.

"ތީކާކު." އަހަރެން އަހާލީމެވެ. އޭނާ އަނގަޔަކުން ނުބުނެއެވެ. ނަމަވެސް ބަލަނީ ނިކަން ޝައުގުވެރިވެފައި ހުރި ފަދައަކުންނެވެ.

"މިހިސާބުން އާންމުކޮށް މީހުން ނުފެނޭ. އެހެންވެ އަހާލީ." އަހަރެން އަނެއްކާ ވެސް ވާހަކަދެއްކީމެވެ. އޭނާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެ އަންހެންކުއްޖާ ފެނި ހިތަށް ބިރުވެރިކަމެއް އެއްފަހަރު ވެސް ނުވަދެއެވެ. ފެންނަނީ އަހަރެން ކަހަލަ އަންހެންކުއްޖެއް ވީމައެވެ. ނަލަވެގެން ހަވީރު ފިންޏަށް ރަށުތެރެއަށް އެހެން ކިތައް އަންހެން ކުދީން ނުކުމެ އުޅޭނެ ހެއްޔެވެ. އަނެއްކޮޅުން ގެސްޓްހައުސް ހުންނަ ސަރަޙައްދަކީ ރަށު މީހުން އައިސް އުޅޭން މަނާކޮށްފައި އޮންނަ ހިސާބެއް ނޫނެވެ. ހަމައެކަނި މައްސަލައަކީ އެ ހިސާބުގައި ދިރިއުޅޭ މީހުން މަދުވުމެވެ. ގެސްޓްހައުސް ހުންނަ މަންޒިލަކީ އަހަރެން ޤަބޫލުކުރާ ގޮތުގައި މީހުން އަންނަ ހިތްވާ ފަދަ ހިތްގައިމުކަމެއް އެކުލެވޭ މަންޒިލެކެވެ.

"މިހިސާބަށް އެކަނިތަ އައިސް ތިއުޅެނީ." އަހަރެން އަހާލީމެވެ. މިފަހަރު އޭނާ އަނގައިން ނުބުންޏަސް ބޯޖަހާލިއެވެ.

"މަޖާ ކާނަންތަ؟." ގޮނޑިމަތީ ހުރ ދޮލަނގަށް އިޝާރާތްކޮށްލަމުން އަހާލީމެވެ. ޖަވާބެއްގެ ގޮތުން އޭނާ ދެ ފަރާތަށް ބޯހޫރާލިއެވެ.

"ކީއްވެ ވާހަކަ ނުދައްކަނީ؟." އަހަރެން އަހާލީމެވެ. މިފަހަރު އެ އަންހެންކުއްޖާގެ މޫނު މިލައިގެންދިޔައެވެ. މޮޅިވެރިކަމުގެ އަސަރަކާއެކީ އޭނާ އިސްޖަހާލީއެވެ. އޭނާ ދަން އެނބުރިލައި އައިކޮޅަށް ހިނގައިގަތެވެ.

"ދަނީތަ؟." އަހަރެން އަހާލީމެވެ. އޭނާ ހުއްޓުމާއެކު ފަސްއެނބުރި އަހަރެންނަށް ބަލާލިއެވެ. ދެން ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. އެއާއެކު އިތުރަށް މަޑެއްނުކުރިއެވެ. ހަލުވިކޮށް އޭނާ ވަން ދިމާއިން ނުކުމެގެން ދިޔައީއެވެ.

"ވާހަކަ ނުދެއްކެނީ ކަންނޭނގެ." އެ އަންހެންކުއްޖާއަށް ވީގޮތުން އަހަރެންގެ ހިތަށް އެރިއެވެ. ދެރަވާވަރުގެ އެއްޗެއް އޭނާއާ ދިމާއަށް ނުބުނެވޭކަން އަހަރެންނަށް އެނގެއެވެ. އެހެންވިޔަސް އަހަރެންގެ އެ ސުވާލުން އޭނާއަށް ކޮންމެވެސް ކަހަލަގެ ހިތްދަތިކަމެއް ލިބިއްޖެއެވެ.

"ރަށުތެރެއިން ފެންނަ ކުދީންގެ ހުންނަ ކަހަލަ ގޮތެއް އޭނާގެނެތް. އަނެއްކާ މި ރަށު ކުއްޖެއް ނޫންބާ... އެކަމަކު ރަށަށް ފަރިތަނޫނިއްޔާ އެކަނި މިހިސާބަށް އައިސް ގޮސް އުޅޭކަށް ނުކެރޭނެ. އޭނާއަށް ވާހަކަ ނުދެއްކޭނަމަ ފަސޭހައެއްނުވާނެ ކަމެއް އޮޅުންފިލުވާލާކަށް. އެންމެ ކުޑަމިނުން ނަން ވެސް އެނގުނީއެއްނޫން."

ގޮނޑިމަތީ ބެހެއްޓި ދޮލަނގު ހިފައިގެން އަހަރެން ހިނގައިގަތީމެވެ. ގެސްޓްހައުސްގެ ބިއްދޮށުން ހުރި ދޮރުން ވަދެގެން ބަދިގެއަށް އައީއެވެ. ފައިސަލް ހުރީ ސިންކު ކައިރީގައެވެ. އެއީ މަސައްކަތްތެރި ޒުވާނެއްކަން ގައިމެވެ. ކުރަން ނޭނގޭ ކަމެއް މަދެވެ. ސިންކާ ދިމާގައި ހުރި ކުޑަދޮރުތައް ހުޅުވާފައި ހުރިއިރު ވެސް އެތެރޭގައި ވަނީ މަހުގެ ފަރުވަސްގަނޑު ހިފާފައެވެ.

"ހޭއި..." ނިކަން ސިއްރުސިއްރުން ކާމޭޒުމަތީ ދޮލަގަނޑު ބަހައްޓާފައި އައިސް ފައިސަލްގެ ފަހަތުން ކައިރިވެލީއެވެ.

"ކީއްވެ ތިއައީ؟. އަކަނިވީތަ؟." ފައިސަލް އަހާލިއެވެ. އަހަރެން ހޫން ލައްވާލީމެވެ.

"ދެންމެ މި ހިސާބަށް އައިސް އުޅުނު ކުއްޖަކާ ދިމާވެއްޖެ. އެކަމަކު ވާހަކައެއް ނުދެއްކޭ. ނިކަން އަވަހަށް ހިނގައްޖެ." އަހަރެން ބުނީމެވެ.

"ހަންޑިއަކާ ދިމާވީތަ؟." ލާނެތް ހިންޏެއް އައިސްފައި ހުރެ ފައިސަލް ބުންޏެވެ.

"ރީތިކަމުން ހީވޭ އެކަހަލަހެން. ފައިސަލްއާ އަޅައިނުގަތިއްޔާ ރަނގަޅު." އަހަރެން ބިރުނުގަނެ މިހެން ބުނެލީތީ ފައިސަލް ބަލާލީ ހައިރާންކަމާއެކުއެވެ. އަހަރެންނަށް ދެވުނީ އޭނާ ހީނުކުރާ ކަހަލަ ޖަވާބެކެވެ. އެހެންވެ ހިނި އާދެވުނެވެ. އެއާއެކު އޭނާ ވެސް ހީލައިފިއެވެ. އަހަރެން ދެއްކި ވާހަކައާމެދު ސަމާލުކަމެއް ފައިސަލް ނުދިނެވެ.

"މިތާ ހުރީމަ ނުބައިވަސް ހިފާނެ. ދެން ނުވާނެ ގިނައިރެއް... ދޭ ސޯފާގައި އިންނަން. މިކަން ކޮށްލާފައި ދުއްވާލަން ނުކުންނާންތަ؟." ފައިސަލް ވާހަކަދެއްކިއެވެ.

"ޔެސް. ދުއްވާލަން ދާނީ." އަހަރެން ބުނީމެވެ. އަދި ފައިސަލް އެދުނުހެން ބަދިގެއިން ނުކުމެ ސޯފާގައި މަޑުކޮށްލައިގެން އިނީއެވެ. ފައިސަލްއާއެކީ ވަގުތު ހޭދަކުރަންވެގެން އިތޫމެން ގެއަށް ވެސް އަހަރެން ނުދިޔައީއެވެ. އަހަރެމެންގެ ގުޅުން އިތޫއަށް އެނގެއެވެ. އެ ވާހަކަ އަދިވެސް އަހަރެން މިހުންނަނީ ފައިސަލްއަށް ސިއްރުކޮށްގެންނެވެ.

އަހަރެމެންނަށް ދުއްވަން ނުކުމެވުނީ ދަޅަމައްޗަށެވެ. ގިނައިރެއްނުވެ އިރުއޮއްސި ދުނިޔެމަތި އަނދިރިވެއްޖެއެވެ. ފަޒީލުގެ މެސެޖެއް އަހަންނަށް ލިބުނީ ފައިސަލްއާއެކީ ކާރުގައި އިންދައެވެ. ކިހިނެއްތޯއާއި އޭނާ ރަށުގައި ނެތީމައި ކަމެއް ވެސް ރާވާނުލެވޭނޭތީ އެކަމާ ދެރަވާ ވާހަކަ ބުންޏެވެ. ފަޒީލުގެ ޚަބަރެއްވީ ވަގުތު އޭނާއާ ވާހަކަދައްކަން ބޭނުންވިއެވެ. ނަމަވެސް އަހަރެން ފޯނަށް ގެއްލިފައި އިނުން ފައިސަލްއަށް ކަމަކުނުދިޔައެވެ. ފަޒީލުއާ ޗެޓުކުރުން ހުއްޓާލީ އެހެންވެއެވެ. އޭނާ މާލެއިން އެނބުރި ރަށަށް އަންނަން އަދި ހަތަރު ވަރަކަށް ދުވަސް އެބައޮތެވެ. ކީއްވެކަމެއް ނޭނގެއެވެ. ފަޒީލު މާލެ ފޮނުވާލީ އަހަރެންނާއެކު މާގިނަ ވަގުތު އުޅެދާނޭ ފައިސަލްއަށް ހީވެގެންނޭ ބައެއް ފަހަރު އަހަރެންގެ ހިތަށް އަރައެވެ. އެކަމަކު އެފަދަ އަސަރެއް ފައިސަލް ފާޅުވިޔަ ނުދެއެވެ. އަދިވެސް އެއީ ސިއްރުތަކުން ފުރިފައިވާ މީހެކޭ އެއްވަރެވެ.

"ބާކީ ވިހި ދުވަސް. އެކަމަކު އަދި ދާން މާ އަވަސް... އެހެންވެ ޗުއްޓީގެ މުއްދަތު އިތުރުކުރަން މިވިސްނަނީ." ފައިސަލްއަށް ސަމާލުކަން ދެމުން އަހަރެން ވާހަކަދެއްކިއެވެ.

"ދުވަސްތައް ދާލެއް ވަރަށް އަވަސް." ޚިޔާލަކަށް ގެއްލިފައި އިންހެން ފައިސަލް ވެސް ބުނެލިއެވެ.

"މި ގުޅުމަށް ވާނޭ ގޮތަކާމެދު ވިސްނެނީ... މިކޮޅުގައި އަބަދަކު ނުހުރެވޭނެ. ޗުއްޓީ ވެސް އިތުރު ކުރެވޭނީ ވަކިވަރަކަށް. އަހަރެންގެ ދިރިއުޅުން އޮތީ މާލޭގައި. ޖޮބު ވެސް އެކޮޅުގައި... ފައިސަލްއަށް މާލެ ބަދަލުވެވޭކަށް ނޯންނާނެ ދޯ." އެ ޚިޔާލުތަކެއް ނުކުރަން ހުއްޓަސް އަހަރެންނަށް މިހާރު އެންމެ ގިނައިން ވިސްނޭ ކަންތަކުގެ ވާހަކަ ފެށީމެވެ. ފަރުވާތެރިކަމާއެކު އަހަރެން ދެއްކި ވާހަކަ ފައިސަލް އަޑު އަހަން އިނެވެ.

"އަހަރެންނަށް ގެސްޓްހައުސް ދޫކޮށެއް ނުލެވޭނެ.... އެހެންތާކު ނޫޅެވޭނެ އަހަންނަކަށް." ފައިސަލް ބުންޏެވެ. އޭނާ އަހަންނަށް ބަލާލި ގޮތުން ދޭހަވީ އެ ނިންމުން އަހަންނަށް ޓަކައި ވިޔަސް ބަދަލުނުވާނެކަމެވެ. އަދި އެކަމަށް އަހަރެން ބާރު ނޭޅުމަށެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ހިމޭންކަން ޚިޔާރުކުރީއެވެ.

"އާނަ..." ވެރިވި ހިމޭންކަން އިރުކޮޅެއްގެ ތެރޭ ނައްތާލަމުން ފައިސަލް ގޮވާލިއެވެ. އަދި ހުންގާނާ ދުރުކޮށްލި އަތް އަހަރެންނަށް ދިއްކޮށްލީ އެ އަތުގައި ހިފާބަލާށޭ ބުނާ އުސޫލުންނެވެ. އަހަރެންގެ އަތްތިލަ އެ އަތުގެ ތެރެއަށް ލުމުން ފައިސަލްގެ އިނގިލިތައް އަހަރެންގެ އިނގިލިތަކާއި މެހި ބާރަށް ހިފަހައްޓާލިއެވެ.

"މިކޮޅުގައި ދެ މީހުންނަށް އުފަލުގައި ނޫޅެވޭނެތަ؟." ފައިސަލް ސުވާލުކޮށްލިއެވެ.

"ހުރިހާ ކަމެއް ދޫކޮށްލާފައި އަހަރެން ޖެހޭނީ މިކޮޅަށް އަންނަން. ފެމެލީއާއި ޖޮބު ވެސް... އަހަރެން ޖޮބަކަށް ނުގޮސް ހުންނާކަށް ބޭނުމެއްނޫން." ރަށެއްގައި ދިރިއުޅުމުގެ ތަސައްވުރެއް އަހަރެންގެ ނެތީއެވެ. ޢާއިލާއާ ދުރުގައި އުޅުން ވެސް ރަނގަޅު ޚިޔާލަކަށް ނުވަނީއެވެ. އެކަމަކު އަހަރެންނަށް ފައިސަލް ކަމުދެއެވެ. އޭނާގެ ފަރާތުން ލިބޭ ސަމާލުކަމައި ބަހައްޓާ ގާތްކަމުން، އޭނާ އަހަރެންނަށް ދެރަގޮތެއް ނުހަދާނޭކަން އެނގެއެވެ.

"އިހަށް ދެން އެ ވާހަކަތައް ބަހައްޓަމާ." ފައިސަލް ބުނެލިއެވެ. އަހަރެމެން ދެ މީހުންގެ ޚިޔާލު ތަފާތުވާން ފައިސަލް ނޭދޭ ކަހަލައެވެ. ޚުދު އަހަރެން ވެސް އެގޮތް ބޭނުމެއްނޫނެވެ. ހޫން ލައްވާލަމުން އަހަރެން ބޯޖަހާލީ އެހެންވެއެވެ. މީހެއްގެ ހިލަމެއްނުވާ ފަޅު ހިސާބެއްގައި ފައިސަލް ކާރު މަޑުކޮށްލިއެވެ. އަދި އަހަންނާ ދިމާއަށް އޭނާ އެނބުރިލިއެވެ.

ހަތެއް ޖަހަންވާއިރަށް އަހަރެމެން އެނބުރި ގެސްޓްހައުއަށް އަތުވެއްޖައީމެވެ. އަބްދުލްއާއި ފައިސަލް ހަޓުތެރޭގައި ގްރިލް ރޯކޮށް މަސްފިހެން ތައްޔާރުވުމުގައި އުޅެއެވެ. އަހަރެން ހުރީ އެމީހުން ފެންނަ ހިސާބު ހަޓުގެ ވަށައިގެންވީ ލަކުޑި ރެއިލިންގައި ލެނގިލައިގެންނެވެ. އަބްދުލްގެ ރައްޓެހިންތަކެއް ރާވާ ދަތުރެއްގައި ބައިވެރިވާން އެދޭތީ އެކަމުގެ ހުއްދައަށް އޭނާ ފައިސަލް ކައިރިން އެއްސެވެ. ދެ ދުވަހު އޭނާ ނެތިއްޔާ އުނދަގޫވާނެތޯ ފައިސަލް ކައިރީ އެއްސެވެ. ފައިސަލް ނިކަން ނޫން ގޮތަކަށް ބަލާލީ އަހަންނަށެވެ. ދެން ނިކަން އަވަހަށް އަބްދުލްއަށް ހުއްދަ ދީފިއެވެ. މުޅި ތަނުގައި އަހަރެންނާއި ފައިސަލް އޭރުން އެކަނިވާނެއެވެ. އޭނާގެ ސިކުނޑީގައި އެ ހިނގައިގަތް ޝުޢޫރުތައް އަހަރެންނަށް އެނގެއެވެ. ރަކި ހިނިތުންވުމެއް ތުންފަތަށް ވެރިވުމުން އަހަރެން އަވަހަށް އެނބުރުނީ ފައިސަލްއަށް މޫނު ފޮރުވާށެވެ. އެހެންނޫނީ އޭނާއަށް އަހަރެންގެ ޚިޔާލުތައް ބޭޒާރުވާނެއެވެ.

އަތިރިމަތީ ޖަހާފައި ހުރި ކޮންމެ ކުޑައެއް ކައިރީ ބީޗްގޮނޑީގެ ދެ ގޮނޑި ކައިރިކައިރީ ހުއްޓެވެ. ހޫނުކަން ފޯރާ ހިސާބުގައި އަލިފާންގަނޑެއް ޖަހައި ހުޅުގަނޑުގެ ތެރޭ ދަރުތައް ގަދައަށް އަނދައަނދާ ހުއްޓެވެ. ކައިނިންމާފައި ފައިސަލް ކުރިކަމަކީ އެއީއެވެ. އެކަންކޮށްފައި އޭނާ އަހަރެން ގޮވައިގެން އައިސް އިށީނީ އެ ދިމާގައި ހުރި ބީޗްގޮނޑީގައެވެ. ގޮނޑީގެ ދެ ފަރާތަށް ފައިސަލްގެ ފައި ބާލުވާލައިގެން އިންއިރު އަހަރެން އޮތީ އޭނާގެ އުނގުގައި އޭނާގެ މޭގައި ބޯއަޅާލައިގެންނެވެ. ވަށައިގެންވީ އަނދިރިކަމުގެ ތެރޭގައި އުޑުގައިވީ ތަރިތަކުގެ ވިދުން ގަދައެވެ. ރާޅުފަށުގެ އަޑު ޖަހާފައިވާ މިއުޒިކެއްހެން މެދުނުކެނޑި އިވެއެވެ. އަހަރެންގެ ދެކޮނޑުގައި ވަށާލެވިފައި ފައިސަލްގެ ދެ އަތްތުގެ ތެރޭ އޭނާ އަހަރެން ވަކިންބޮޑަށް ގާތްކޮށްލިއެވެ. ޤުދުރަތުގެ ފުރިހަމަކަންވީ އެ މާޙާއުލު އަހަރެމެން ދެ ލޯބިވެރީންނަށް މިލްކުވެފައިވާ ކަހަލައެވެ. އެ ހިމޭންކަމުގައި އަހަރެމެން އެ ހިތްގައިމުކަމަށް ގެއްލި އެތައް އިރެއްވާންދެން ތިބީމެވެ.

"އައި ލަވް ޔޫ." ފައިސަލް މަޑުމަޑުން ބުނެލި އަޑު އިވުނެވެ. އަހަރެން ތެދުވެލައި އޭނާއަށް ބަލާލި ހިނދު އަހަރެންގެ އުނަގަނޑުގައި ހިފައި ފައިސަލްއާ ނުހަނު ގާތަށް ދަމާލައިފިއެވެ. އިސްނެގީ ފައިސަލްއެވެ. އޭނާގެ ޢަމަލުތައް ހުއްޓުވުމުގެ ބަދަލުގައި އަހަރެން ޝާމިލުވީއެވެ. މަސްތުކަމުގެ އަސަރުގައި ޖެހި ދެ ނަފްސުގެ ހަމަވިސްނުން ގެއްލެމުން ދިޔައެވެ. ފައިސަލްގެ ހަރަކާތްތަކުގައިވީ ލަސްކަން އަހަރެންގެ ހިތް އަވަސްކުރުވަމުންދިޔައީ އިންތިހާއަށެވެ. ކެތްތެރިކަމެއް އަހަރެންގެ ނެތް ކަހަލައެވެ. ދަހިކުރުވުމަކީ ފައިސަލް ގެންގުޅޭ އުކުޅަކީ ހެއްޔެވެ. އަހަރެންނަށް އެނގެނީ ހަށިގަނޑާއި ފުރާނަ ވެސް ފައިސަލްއަށް ބޭނުންވެއްޖެކަމެވެ. އަހަރެންގެ ކެތްތެރިކަމެއްނެތްތަން ފެނި ފައިސަލް ހީނލައެވެ. އެ ހީނލުމުން އިތުރަށް އަހަރެންގެ މަސްތުގެ ކަނޑަކަށް ގެނބިގެންދާ ފަދައެވެ. ދެ ޖިސްމު ޖެހި ފިތިބާރުވަމުންދިޔައިރު އެކަކުއަނެކަކުގެ ނޭވާގައިވީ ހޫނުކަން އިޙްސާސް ކުރެވެއެވެ. އެ މަސްތުގެ އާލަމުން އަހަރެން ސިއްސުވާލީ ފެންއެއްޗަކުން ބޮކި އަރާފަދަ އަޑެއް އިވެންފެށީމައެވެ. ފައިސަލްގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އެ އަޑު އިވުނީ އަހަރެން އެކަންޏަށްނޫންކަން އެނގުނެވެ. މިފަހަރު ފައިސަލްއަށް ވެސް އިވިއްޖެއެވެ. އޭނާގެ ނަޒަރު ހުރީ މޫދާ ދިމާއަށެވެ. ރާޅުޖަހާއަޑު ތަންކޮޅެއް ބާރުވެއްޖެކަން އެނގުނީ ދެނެވެ.

"ވިއްސާރާވާން ކަންނޭނގެ އެ އުޅެނީ. އެތެރެއަށް ދަމާ." ފައިސަލް ބުންޏެވެ. އަހަރެން ގޮވައިގެން އޭނާ ތެދުވިއެވެ. ހުލިވަމުންދިޔަ އަލިފާންގަނޑަށް ފައިން ވެލިއަޅައި ނިވާލުމަށްފަހު އަހަރެންގެ އަތުގައި ހިފައިގެން ފައިސަލް އައީ ގެސްޓްހައުސްއަށެވެ.

"އަބްދުލް މިރޭ ދެން ނާންނާނެ. އަހަރެމެން ވެސް ބޭރަކަށް މިރޭ ނުދާނަމެންނު." ގެސްޓްހައުސްއަށް ވަނުމާއެކު ފައިސަލް ބުންޏެވެ. އަދި އޭނާ ހުރިހާ ދޮރުތަކެއް ލައްޕަންފެށިއެވެ. އެކަން ކޮށްފައި އޭނާ އަހަރެން ގޮވައިގެން ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. އަހަރެންގެ ކޮޓަރިއަށްކަން މިދަނީ ނަގައިގަންނަން އެނގުނީ ދެނެވެ.

އަހަރެންގެ ފަހަތުން ވަދެ ކޮޓަރީގެ ދޮރު ލައްޕާ ތަޅުލީ ފައިސަލްއެވެ. ފާޚާނާއަށް ވަދެ ދެފައި ދޮވެލައިގެން އައިސް އަހަރެން އެނދަށް އެރުމުން ފައިސަލް ވެސް ކަންތައް ކުރީ އެފަދައިންނެވެ.

"ސަޅި ފިލްމެއް މިރޭ ދައްކާތޯ ބަލާލަން ހިނގާބާލަ." ރިމޯޓު ނަގައި ޓީވީ ހުޅުވާލަމުން ފައިސަލް ބުންޏެވެ. އަހަރެން ވަކި އެއްޗެއް ނުބުނަމެވެ. ދާދި ދެންމެއަކުހެން އަތިރިމަތީގައި އަހަރެމެން ތިއްބާ އިވުނު އަޑާމެދު އަހަރެންނަށް ވިސްނެނީއެވެ. ފައިސަލްއަށް އެ ވާހަކަދައްކަން ބޭނުންނުވާ ކަހަލައެވެ. ވިއްސާރަވުމުގެ އަލާމާތަކަށް ފެންގަނޑަކުން ބޮކިއަރާ ފަދަ އަޑެއް ވެދާނޭ ހެއްޔެވެ.

އަހަރެންނަށް ނިދުނުއިރެއް ނޭނގެއެވެ. ހޭލެވުނީ ހެނދުނު އަށެއް ޖަހަން ދަނިކޮށް ފޯނު ރިންގުވާ އަޑުންނެވެ. ލޯ ހުޅުވާލިއިރު ފުރަތަމަ ވެސް ފާހަގަވީ އެނދުގައި ފައިސަލް ނެތްކަމެވެ. ރޭގައި އަހަރެންނަށް ނިދުނީމަ ފައިސަލް ވެސް ނިދަން ދިޔައީބާއޭ ހިތަށް އެރިއެވެ. އަނެއްކޮޅުން އަހަރެންގެ ފޯނުން ރޭގައި ޤުރުއާނެއް ނުޖަހާކަން ހަނދާންވިއެވެ. އަޖައިބުވީ ރޭގައި އެއްވެސް އުނދަގުލެއް ވެސް ނުވީމައެވެ. ފޯނުގެ ރިންގާއެކީ ބޮލަށް އުނދަގޫވެގެން އަވަހަށް ފޯނު ނަގައި ބަލާލީމެވެ.

"ދެން މިގެއަށް ނާންނާނަންތަ؟." ފޯނުކޯލު ނެގުމާއެކު އިތޫގެ އަޑު އިވުނެވެ.

"ދެންމެ މި ހޭލެވުނީ. އެވެސް އިތޫ ގުޅާވަރުން." ނިދިއަޑާއެކު އަހަރެން ބުނީމެވެ.

"އެހެންވީރު މިކޮޅަށް ފޯރާނީ ކިހާއިރަކުން." އިތޫ އަހާލިއެވެ.

"ޓެންއަށް ދާނަން." އަހަރެން ބުނީމެވެ.

"އަންނާތި ޓެންއަށް." އިތޫ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އަހަރެން ދާނަމޭ ބުނެ ކޯލުކަނޑާލީއެވެ.

ފެންވަރައިގެން ނުކުމެ ތައްޔާރުވެލުމަށްފަހު އަލަމާރި ތެރެއިން އަހަރެން ހޫދު ދިން ފޯނު ބަލާލީމެވެ. އޭނާ އެންމެ ދުވަހެއް ވެސް ވައްޓާނުލާ އަހަރެންނަށް ހެނދުނުގެ ސަލާމް ފޮނުވާފައި އޮވެއެވެ. އަދި ލޯބީގެ އެކިކަހަލަ މެސެޖުތައް ވެސް މެއެވެ. މިފަހަރު ވެސް މެސެޖުތައް ކިޔާލާފައި ރައްދެއްނުދީ އަލަމާރިއަށް ފޯނުލީއެވެ. އަތް ދަބަސް ނަގައި ކޮނޑަށް ހެޔޮވަރުކޮށްލަމުން ކޮޓަރިން ނުކުތީ ފައިސަލް ތިރީގައި ހުންނާނޭކަން ޔަގީންކޮށްގެންނެވެ.

"ފައިސަލް..." ބަދިގެ ތެރެއިން ނުފެނުމުން އެތަނުން ނުކުމެ އަހަރެން ގޮވާލީމެވެ. ހިލަމެއްނުވިއެވެ. ގޭގެ ބިއްދޮށަށް ނުކުމެ ބަލާލީމެވެ. އެތާކު ވެސް އޭނާ ނެތެވެ. ދެން އަވަހަށް ފައިސަލްއަށް ގުޅައިފީމެވެ.

"ނިދާފަތަ؟." ނިދިބަރު އަޑަކުން ހެލޯއޭ ފައިސަލް ބުނެލި އަޑަށް އަހަރެން އަހާލީމެވެ.

"މި ހޭލީ." ފައިސަލް ބުންޏެވެ. ފެންވަރާލައިގެން އޭނާ އަންނަންދެން މަޑުކޮށްލަން ފައިސަލް ބުންޏެވެ. އެހެންވެ އަހަރެން ކޮފީއެއް ހަދައިގެން ނުކުތީ ގެސްޓްހައުސްގެ ދޮރޯށި ކައިރިޔަށެވެ. ދުނިޔެމަތި ކަޅުވިލާތަކުން ބައްދަމުން އަންނަކަން ފެނުނީ ދެނެވެ. އަހަރެންގެ ނަޒަރު އަތިރިމައްޗަށް ހުއްޓުނެވެ. ރޭގައި ހިނގައިދިޔަ ހުރިހާކަމެއްގެ ހަނދާން އާވާންފެށިއެވެ. ތިރީތުންފަތުގައި ދަތްއަޅާލެވުނީ އަހަރެންނާއި ފައިސަލްއާ ދެމެދު ރޭގައި އޮތް ގާތްކަން ސިފަކުރެވިފައެވެ. އިސްޖަހާލާފައި އަހަރެން އިސްއުފުލާލީ ހިނދު އަތިރިމަތިން ހިނގަމުންދިޔަ އަންހެންކުއްޖާ ފެނުނެވެ. އެއީ އިއްޔެ ހަވީރު އަހަރެންނަށް ފެނުނު އަންހެންކުއްޖާކަން ވަގުތުން އެނގުނެވެ. އަހަރެން ތަންކޮޅެއް ބާރަށް އޭތްޔޭ ގޮވާލީމެވެ. އަދި ކޮފި ޖޯޑު ހިފައިގެން އަތިރިމައްޗަށް ފައިބަން ހިނގައިގަތީމެވެ. އެ އަންހެންކުއްޖާ ބަލާނުލިއިރު އޭނާ ހުރީ ތެމިފޯވެފައެވެ.

(ނުނިމޭ)