ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރިޔާސަތާ ރައީސް ނަޝީދު ހަވާލުވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެންފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގެންނެވި ރައީސް ނަޝީދު ވިދާޅުވީ އެ މުއްދަތުގައި ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ބައްދަލުކުރެއްވި ކަމަށެވެ. ނަމަވެސް އެ ބައްދަލުވުންތަކުން މަޖިލިސް ކުރިއަށް ގެންދަން ފުރުސަތު ނުލިބުނު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު މިތަނުގައި ރިޔާސަތު ބެލެހެއްޓުމަށް މިއިނީ. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ އުޒުރުތަކަށްވުރެ އަދި މާ މަތީ މަސްލަހަތެއް، އަޅުގަނޑު އެބަ ހިފަހައްޓަންޖެހޭ. އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތު. ދިވެހިރާއްޖޭގެ މަސްލަހަތު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިސް ހުއްޓުނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުންނެވެ.

މަޖިލިސް ހުއްޓިފައި އޮތުމަކީ ރާއްޖޭގެ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތު ހިފެހެއްޓޭނެ ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ހުއްޓިފައި އޮތް މައްސަލަ ހައްލުކުރަން ދައުލަތުގެ އެހެން ބާރުތަކުންނާއި މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަސައްކަތް ނުކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.