މުހައްމަދު އަސްލަމް

ދައުރު ދަންމާލަން އެމްޑީޕީން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގައި ގޮތެއް ނިމެންދެން މަޖިލީހުގެ މި ދައުރު ދަންމާލުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމަށް އަސްލަމް އެދިވަޑައިގެންނެވީ މިއަދަކީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ތަމްސީލުކުރާނެ ނިސްބަތަށް ގެނެވޭ ބަދަލާމެދު ބަހުސްކުރުމެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނޭ ގޮތަށް އިސްލާހު ހުށަހެޅުމަށް މެންބަރުންނަށް މުއްދަތެއް ދިނުމަށްފަހު އިސްލާހު ހުށަހެޅުމަށް ފުރުސަތުދީ ވޯޓަށް އެހުމާއި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ތަމްސީލުކުރާ ގޮތާމެދު ގޮތެއް ނިންމުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާގަ އެވެ.

ބަހުސްގައި އަސްލަމް ވަނީ މަޖިލީހުގެ ގަވާއިދުގެ ދަށުން އެޖެންޑާކުރުން ލާޒިމުކުރާ ކަންކަމުގައި ގޮތެއް ނިމޭނެ ގޮތަށް އެޖެންޑާ ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފަ އެވެ. ހާއްސަކޮށް ކޮމިޓީތަކުގައި ގޮތެއް ނިންމައިދިނުމަށް އެދިވަޑައިގެންނެވި އެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ އޮތް ގޮތުން މަޖިލިސް ޗުއްޓީއަށް ދަނީ ކޮމިޓީތަކާމެދު ގޮތެއް ކަނޑަނާޅައި ކަމަށާއި އެހެންކަމުން ކޮމިޓީ އެކުލަވާލުމުގައި ގޮތެއް ދެން ނިންމޭނީ އަންނަ ދައުރުގައި ކަމަށެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން ދެމި އޮންނަ ކޮމިޓީތަކެއް ކަމަށް އެމްޑީޕީން ދެކޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެ ކޮމިޓީތައް ދެމި އޮތްކަން ނުވަތަ ނޫންކަން ކަށަވަރެއް ނުވޭ. އެ ކޮމިޓީތަކުގައި މިހާރު މެންބަރުން ތިއްބެވިކަން ނުވަތަ ނޫންކަން ކަށަވަރެއް ނުވޭ. އެ ކޮމިޓީތަކުގައި މުގައްރިރުން ތިއްބެވިކަން ނުވަތަ ނޫންކަން ކަށަވަރެއް ނުވޭ،" އަސްލަމް ވިދާޅުވި އެވެ.

ކޮމިޓީތައް އެކުލަވާލުމުގައި ބަހުސްކުރުމަށްފަހު ގޮތެއް ނިންމުމަށް ވޯޓަށް އެހުން އެހެން ޖަލްސާއަކަށް އެޖެންޑާކޮށްފައިވާތީ އަސްލަމް ވަނީ ފާޑުވިދާޅުވެފަ އެވެ.

އެޖެންޑާ އައިޓަމެއްގައި ބަހުސްކުރުމަށްފަހު ވޯޓަށް އެހުމަށް ވަކި ޖަލްސާއެއް ބޭއްވުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.