ހަބަރު

ފޭކް ކޯޓު އަމުރަކުން ވެރިކަމާ ތޮޅޭ ވަރަށް ވުރެ ފިރިހެން ވާން ވެއްޖެ: ރައީސް

ކޯޓަކުން މީހަކު ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރޭއިރު އެމީހަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށާއި ކޯޓު އަމުރު ނެރެ އެމީހަކު ހައްޔަރުކުރަން އުޅޭނީ ނިދާފައި އޮތްވާ ނޫން ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ނ. ކުޑަފަރީގައި މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުން އެމަނިކުފާނު ހައްޔަރުކުރުމަށް ނެރުއްވި ކޯޓު އަމުރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކޯޓު އަމުރުގެ ސްކްރީން ޝޮޓެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"ކޯޓު އަމުރެއް މީހެއްގެ މައްޗަށް ނެރޭއިރު ގާނޫނު އަސާސީގައި އޮންނަ އެންމެ އަސާސީ އެއް ހައްގަކީ މީހެއްގެ މައްޗަށް ކޯޓެއްގައި މައްސަލައެއް ރައްދުވެއްޖެނަމަ، އެމީހެއްގެ ބަހެއް ހޯދަންޖެހޭނެ، ކޯޓު އަމުރު މި ނެރުނީ އަޅުގަނޑު ނިދާފައި އޮތްވާ، ކޮބައިތޯ އަޅުގަނޑުގެ ބަހެއް ހޯދުން، ނުވެސް ދަންނަ މައްސަލައެއްގައި، މިވަރުގެ ކަންތައް މިކުރައްވަނީ، މެޖިސްޓްރޭޓް ކޯޓަކުން ނެރުއްވާފައި އޮތް އަމުރެއް މިއީ، ރައީސް ޔާމީންއަށް ރައްދުވާ މައްސަލައެއްނަމަ އެކަމަކީ ދެނަހުރި މައްސަލައެއްތޯ އަހާލަން އަޅުގަނޑަށް ނޯޓިސް ދެއްވަންވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ހައްޔަރުކުރުމުގެ ކުރިން އެމަނިކުފާނަށް އެކަން އަންގާ ކޯޓަށް ވެސް ހާޒިރުކުރަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ނިދާފައި އޮތްވާ ހައްޔަރުކުރައްވަން މަސައްކަތްކުރިއިރު އެއީ ވެރިކަމާ ތޮޅުމަށް ބަޔަކު ކުރި ކަމެއް ކަމަށެވެ. "އަޅުގަނޑު ނިދާފައި އޮތްވާ ކޯޓު އަމުރު ނެރެ، އަޅުގަނޑު ހައްޔަރުކުރަން ހުވަފެނުގައި ކަންނޭނގެ މިހާރު މި އުޅުނީ، މިކަހަލަ ދޯދިޔާ ކަންތައްތައް ކޮށްގެން ރާއްޖޭގެ ވެރިކަމާ ކުޅެން މި އުޅެނީ،"

"މިއަށްވުރެ ތަންކޮޅެއް ފިރިހެން ވާންވީ ނޫންތޯ އަޅުގަނޑުމެން، މިހާ ފިލަފިލައިގެނެއް ނޫން ދެއްތޯ އުޅެންވީ، މަސައްކަތް ކޮށްލައިގެން 2018 ގައި އަންނަންވީ ނޫންތޯ ކުޑަފަރީއަށް ވެސް ވޯޓު ހޯދަން، އަޅުގަނޑުމެން ވެސް ހާދަ މަސައްކަތެއް ކޮށްގެންނޭ ވޯޓު ހޯދީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް ކަމަށް ވަޑައިގަތީ ވަރުގަދަ ޖިހާދަކަށްފަހު ކަމަށާއި އެކަން ނައްތާލުމަށް ބަދިގެއެއް ނޫނީ ފަހާނައެއްގެ ތެރޭ ތިބެގެން ކޯޓު އަމުރެއް ނެރެ މަސައްކަތްކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ފުލުހުން ބުނެގެން ކަމަށް ވަގު ކޯޓު އަމުރު ނެރުމުން އެ އިދާރާގެ އަގު ވެސް ވެއްޓޭނެ ކަމަށާއި އެކަން ކުރި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެ ފަރާތްތަކަށް ފިޔަވަޅު އެޅީ ކީއްވެތޯ ބޭރުގެ ފަރާތަކުން ސުވާލުކުރާނެ ކަމަށާއި އެހެން ނަމަވެސް އެ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ. ބޭރުގެ ފަރާތްތަކަށް ޖަވާބު ދެއްވަނީ ފިޔަވަޅު އެޅުމަށްފަހު ކަމަށް ވެސް ވިދާޅުވި އެވެ.