އެޗްޕީއޭ

އާންމު ރޯގާތައް އިތުރުވާތީ ސަމާލުވުމަށް އެދިއްޖެ

ރާއްޖޭގައި މިދުވަސްވަރު އާންމު ރޯގާތައް އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ މިދުވަސްވަރު ރާއްޖޭގައި ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށްހިންގުން އާންމު ދުވަސްތަކަށް ވުރެ އިތުރު ކަމަށެވެ.

އެޗްޕީއޭ އިން ވަނީ ކުރިއަށް އޮތީ ބޮޑު ޗުއްޓީގެ ދުވަސްތައް ކަމަށްވާތީ ގިނަ ބަޔަކު އަތޮޅުތެރޭގެ ރަށްތަކާއި ރާއްޖެއިން ބޭރަށްވެސް ދަތުރުކުރާނެތީއާއި އަދި މީހުން އެއްވެ އުޅޭތަންތަނަށް އެއްވުން މިދުވަސްވަރު އިތުރުވާނެތީ އާންމު ބަލިތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ބައްޔެއް ޖެހިއްޖެނަމަ ގޭގޭގައި ކުރެވިދާނެ ބައެއް ކަންކަން ވެސް އެޗްޕީއޭ އިން ބުނެދީފައިވެ އެވެ. އެގޮތުން އަރާމު ކުރުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި، ހުން މަޑުކުރުމާއި ހުޅުހުޅުގައި ރިއްސުމަށް ޕެރަސިޓަމޯލް ބޭނުން ކުރުމަށް އެދިފައިވެ އެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަނަމަ ނުވަތަ ދިޔާ އެއްޗެތި ބޭނުން ނުކުރެވޭނަމަ ނުވަތަ މާބޮޑަށް ވަރުދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭ އިން އެދިފައިވެ އެވެ.