އެމްޑީޕީ

އެމްޑީޕީ ނިމިއްޖެ، ދެން ވެރިޔަކަށް ވާނީ ޖާބިރު

އަންނަ އަހަރު މިދުވަސް އަންނައިރު އެމްޑީޕީގެ ވެރިޔަކަށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެމްޑީޕީއަށް މަލާމާތް ކުރައްވައިފި އެވެ.

އެމްޑީޕީ އަކީ މިދިޔަ މެެއި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އީވާ ސިޔާސީ މަސައްކަތް ކުރިއަށް ގެންދެވި ޕާޓީ އެވެ. ނަމަވެސް އީވާ ވަނީ މިދިޔަ މެއި 17 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީކުރުމުގެ މަސައްކަތުގައި ބައިވެރިވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީއަށާއި ރައީސް ސޯލިހަށް ފާޑުވިދާޅުވަމުން އީވާ ވިދާޅުވީ އެމްޑީޕީން ރައީސް މުހައްމަދު ނަޝީދު ވަކިވެވަޑައިގަތުމަކީ "މިއީ އެމްޑީޕީގެ ނިމުން" ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަށް އޮތީ މާފާގަތި ދުވަސްތަކެއް ކަމުގައި ވިދާޅުވި އެވެ. އޭގެފަހުގައި އީވާ ވިދާޅުވީ އަންނަ އަހަރުގެ މިދުވަހު އެމްޑީޕީގެ ވެރިޔަކަށް ހުންނަވާނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ލަފާކުރެވެނީ އަންނަ އަހަރު މިދުވަސްކޮޅު ބަލާލާއިރު އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރުގެ ޗެއާމަންކަމުގައިހެން. އަޅުގަނޑަށް ހީވަނީ އަންނަ އަހަރު މި ދިވެހި ރައްޔިތުންގެ ޕާޓީއޭ މިކިޔާ އެމްޑީޕީ ވާނީ އަބްދުﷲ ޖާބިރުގެ، އަޅުގަނޑަކަށް ނޭނގޭ ބައްލަވައިގަންނާނީ ހިލޭ ކަމެއް ނުވަތަ ކޮންމެވެސް ވަރެއްގެ ފައިސާ ފޮއްޗަކަށް ކަމެއް. އެކަމަކު އަޅުގަނޑަށް އެނގޭ އެއްޗަކީ ޑީއާރްޕީއަށްވެސް ވީހެން މާދަމާ އަންނަ އަހަރު މިދުވަހު އެމްޑީޕީގެ ވެރިއެއްގެ ގޮތުގައި ހުންނަވާނީ އަބްދުﷲ ޖާބިރުކަން،" އީވާ ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވަމުން އީވާ ވިދާޅުވީ މި ވެރިކަން ފެށިގެން އައީވެސް ތާއީދެއް އޮވެގެން ނޫން ކަމަށެވެ. އެމަނިކުފާނަށް ވެރިކަން ހޯދައިދިން ޕާޓީވެސް ބައިބައިކޮށްލާފައިވާ ކަމަށާއި އެހެންވެ ހިސާބުތަކުން ފެންނަނީ ރައީސް ސޯލިހަށް ކާމިޔާބުވާން ނެތް މަންޒަރު ކަމަށެވެ.

"ހިސާބު އަކުރު ޖަހާލީމާވެސް އެނގޭ އެއްވަނަ ބުރެއް ދެވަނަ ބުރެއްވެސް [ރައީސް ސޯލިހަށް] ނެތްކަން. ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގެންގުޅުއްވާ އެއްޗަކީ ފައިސާ. އެކަމު މިވަރަށް ބަލިވާ އަތަށް އަޅާލީމާ 15 މެންބަރުން އެކަންޏެއް ނޫން އެނގޭތޯ ރައްޔިތުންގެ މަޖިލީހުން އަންނަނީއަކީވެސް. އަދިވެސް އޮތީ. އަދިވެސް އޮތީ،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހް ސިޔާސީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައިވާތީ ދެން ފެންނާނީ ފައިސާ ހިއްޕަވައިގެން ފިއްލަވާ މަންޒަރު ކަމަށެވެ. ފައިސާ ހިއްޕަވައިގެން ރައީސް ސޯލިހް ވަޑައިގަންނަވާނީ ސިންގަޕޫރު ނުވަތަ ސްރީލަންކާއަށް ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ކެމްޕޭންގައި ބެހުމަށް ބޮޑިބޮޑިއަށް ފައިސާ ބަހަން ހަވާލުކުރާ މީހުންވެސް "ދެން އެ ފައިސާ ބަހާކަށް ނޫޅޭނެ" ކަމަށާއި އެމީހުންވެސް އުޅޭނީ "ބެޗޭތޯ" ކަމުގައިވެސް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްވެސް ބަޗާނެ އިނގޭތޯ އިއްޒަތްތެރި ރައީސް. މަގުމަތިވާނީ ފަހަތުން މިއުޅުއްވާ ބޭފުޅުން. އެބޭފުޅުން މަގުމަތިވާނީ. ޖަލަށް ދާންވިޔަސް ދެން އަންނަ ވެރިކަމެއްގައި ހިޔާނަތްތައް ފަޅާއަރައިގެން ޖަލަށް ދާންވެސް އޮންނާނީ ފަހަތުން އެ އުޅުއްވާ ބޭފުޅުން. އަޅުގަނޑަށް ހީވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިންނަވާނީ ފައިސާ ފޮއްޗާއެކު ސިންގަޕޫރުގައި ނުވަތަ ސްރީލަންކާގަހެން. ކޮޅުނބުގެ ކޮންމެވެސް ގެއެއްގައި އިންނަވާނީ. އެހެން މީހުން މަގުމަތިވާނީ އިއްޒަތްތެރި ރައީސް،" އީވާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ސޯލިހްގެ މިވެރިކަން ބަދަލުކުރުމަށްޓަކައި އިއްތިހާދުވާން ޖެހުނު ކޮންމެ ބަޔަކާވެސް އިއްތިހާދުވާން "ދަ ޑިމޮކްރެޓްސް" ތިބީ ތައްޔާރަށް ކަމަށެވެ.