މިނިސްޓްރީ އޮފް ޓޫރިޒަމް

އޮޅުފުށްޓަށް 11 މިލިއަން ރުފިޔާ ދައްކައިފި

ތ. އޮޅުފުށީގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހަތް ލައްކަ ޑޮލަރު ނުވަތަ 11 މިލިއަން ރުފިޔާ ދައްކައިފި އެވެ.

ރިސޯޓު ހަދަން އޮޅުފުށި ބީލަމަށް ލުމުން ބިޑް ކާމިޔާބުކުރީ ސަބް ސޯލާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓުންނެވެ.

ހއ. އަލިދުއްފަރު ފިނޮޅުގެ ބިޑް 350،000 ޑޮލަރު ނުވަތަ 5.3 މިލިއަން ރުފިޔާއަށް ކާމިޔާބުކުރީވެސް އެ ކުންފުނިންނެވެ. އެކަމަކު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އަލިދުއްފަރު ފިނޮޅަށް ދައްކަންޖެހޭ ފައިސާ އަދި ދައްކާފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ޖެނުއަރީ 23 ވަނަ ދުވަހު ބީލަމަށް ހުޅުވާލި 14 ރަށުގެ ތެރެއިން ބީލަން ހުށަހަޅާފައިވަނީ ވެސް އޮޅުފުއްޓާއި ހއ. އަލިދުއްފަރު ފިނޮޅަށެވެ. ސަބް ސޯލާ އިންވެސްޓްމަންޓުން އިކުއިޒިޝަން ކޮސްޓް ދެއްކުމަށް މިމަހުގެ ނިޔަލަށް ފުރުސަތު އޮންނާނެ އެވެ.

ރިސޯޓް ތަރައްގީކުރަން ސަރުކާރުން ޖެނުއަރީގައި ހުޅުވާލި ތަންތަނުގެ ލިސްޓުގައި އެންމެ ބޮޑު އެކުއިޒިޝަން ކޮސްޓް ދައްކަން ޖެހެނީ ފ. ނިލަންދޫ ފަޅާއި ކ. ކާށިދޫ ފަޅުން ދޫކުރާ ތަނަށެވެ.

ކާށިދޫ އަދި ނިލަންދޫ ފަޅުން ކޮންމެ ފަޅަކުން ރިސޯޓް ތަރައްގީކުރަން ކަނޑައަޅާފައިވާ 10 ހެކްޓަރުގެ ސަރަހައްދަށް ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 2.2 މިލިއަން ޑޮލަރު ނުވަތަ 34 މިލިއަން ރުފިޔާ އެވެ.

މިއީ އޯޕަން ބިޑިން މަރުހަލާއެއްގެ ދަށުން ދޫކުރާ ފަޅުތަކަކަށް ވުމުން ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ މާބޮޑު އަގެއް ލިބޭނެ ކަމަށް ސަރުކާރުން އޭރު އުއްމީދު ކުރި އެވެ. ނަމަވެސް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.