ހަބަރު

މައުމޫނަކީ އިސްލާމްދީނާ ދުރު، އިތުރުފުޅު ހައްދަވާ ބޭފުޅެއް: އެމްޑީޕީ

ރާއްޖޭގައި 30 އަހަރު ރައީސްކަން ކުރެއްވި މައުމޫން އަބްދުލް ގައްޔޫމަކީ އިސްލާމްދީނާ ދުރު، އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފި އެވެ. އެމްޑީޕީއިން ބުނީ ރައީސް މައުމޫނަކީ ހަގީގަތާ ހިލާފު ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރާއްޖޭގައި ފައްޅި އެޅުމަށް މަސައްކަތް ކުރެއްވި ކަމަށް އިއްޔެ ރައީސް މައުމޫން ވިދާޅުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުން އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ނެތް މައްސަލައެއް އަމިއްލަފުޅަށް އުފައްދަވައިގެން އެފަދަ އިތުރުފުޅު ހެއްދެވުމަކީ އިސްލާމްދީނާ ދުރު، އަދި ފިތުނަވެރިންގެ ސިފައެއް ކަމަށެވެ.

ރައީސް މައުމޫން، ސިޔާސީ ބޭނުންފުޅަށް ދީން ހަތިޔާރަކަށް ނަންގަވައިގެން އަނެއްކާ ވެސް 21 ވަނަ ގަރުނަށް ނުފެތޭ ހަގީގަތާ ހިލާފު ވާހަކަފުޅުތައް ދައްކަވާ ކަމަށް ބުނެ އެކަން އެމްޑީޕީއިން ވަނީ ކުށްވެރިކޮށްފަ އެވެ.

"އެމަނިކުފާނުގެ ބަސްފުޅުތަކާ ހިލާފަށްގެ ސަރުކާރުން ދައްކުވާދީފައިވާނީ އެމަނިކުފާނު ވެރިކަން ކުރެއްވި 30 އަހަރުގައި ދީނީ އިލްމުވެރިން ހިފާ ހައްޔަރުކޮށް ޖަލަށްލައި އަދި އަނދަގޮނޑިޖެހުމަށްފަހު ކުރަމުންދިއަ ބޮޑެތި ލާއިންސާނީ އަނިޔާތަކުގެ ސަގާފަތް ނިމުމަކަށް ގެނައިކަމާއި، ދީނީ އިލްމުވެރިން މިނިވަންކޮށް އަދި އެބޭފުޅުންނަށް ފަތުވާދެއްވުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާކަމެވެ." ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައިވާ ގޮތުން، ރިޔާސީ އިންތިހާބާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ބިދޭސީ ފާދިރީއެއްގެ ގާތަށް ވަޑައިގެން އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީކުރައްވާފައިވާ ސިހުރު ހާހޫރު ހެއްދެވިކަން ފަޅާއެރުމުން، އެކަމަކީ ނުކުރައްވާ ކަމެއް ކަމަށް ދެއްކެވުމުގެ ގޮތުން ސިހުރަކީ އޮންނަ ކަމެއް ވެސް ނޫންކަމަށް ރައީސް މައުމޫން ވިދާޅުވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި އެމަނިކުފާނުގެ ޅިޔަން ބޭފުޅެއް ކަމަށްވާ އިލްޔާސް އިބްރާހިމް ވެރިކަމަށް ވަޑައިގަތުމަށް ސިހުރު ހެއްދެވިކަމަށް ތުހުމަތުކުރައްވައި ކޯޓުން ހުކުމް އިއްވަވާފައިވާކަމީ ދިވެހިރައްޔިތުންގެ ހަނދާނުގައި ހުރި ކަމެއް ކަމަށެވެ.

"އިސްލާމް ދީނުގެ މަތިވެރި އެންމެހައި އުސޫލުތަކާއި ހިލާފަށް، އަދި ދައުލަތުގެ މާލިއްޔަތުން ބޮޑެތި ވައްކަން ކުރެއްވުމާއި ހިޔާނާތްތެރިވެވަޑައިގަތުމާއި، ސިހުރު ހެއްދެވުމާއި، ނާއިންސާފާއި ލާއިންސާނީ އަނިޔާކުރެއްވުން ފަދަ ދީނުގައި ހރާމްކުރައްވާފައިވާ އެންމެހައި ނުބައި ކަމެއްގެ މަތީގައި ދެމިތިއްބަވައިގެން ސިޔާސީ ބޭނުންފުޅަށްޓަކައި އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ނަންގަވައި ވާހަކަފުޅުދެއްކެވުމަކީ ދަށުދަރަޖައިގެ މުނާފިގު އަދި ފިތުނަވެރި ސިފައެކެވެ. އެހެންކަމުން އެފަދަ އެންމެހައި ނުބައި ސިފަތަކަކުން އެއްކިބާވެވަޑައިގެން، ދެފުށް އެއްގޮތް ކުރެއްވުމަށް ސަރުކާރަށާއި ސަރުކާރު ހިންގާ ޕީޕީއެމް އަށް އިލްތިމާސްދަންނަވަމެވެ." އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.