ރައްޔިތުންގެ މަޖިލިސް

ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިދޭން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިދިނުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި އެވެ.

އެމްޑީޕީން މިގޮތަށް ހުށަހަޅާފައި މިވަނީ މަޖިލީހުން ބޮޑެތި މައްސަލަތަކެއް ނިންމަން ހުއްޓާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިންމާލުމަށްފަހު މަޖިލިސް މިއަދު ޗުއްޓީއަށް ގޮސްފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި ހަފްތާ ދެ ދުވަހު ނުބާއްވާ އޮތުމަށްފަހު އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ފަހުން ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަތުމަށްފަހު މިއަދު އަލުން ރިޔާސަތާ ހަވާލުވެވަޑައިގެން މިއަދު ވަނީ މަޖިލިސް ޗުއްޓީއަށް ދިޔަ ކަމަށް އިއުލާންކުރައްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލުމުގެ ކުރިން އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގައި ނިންމަން ހުރި މުހިއްމު މައްސަލަތަކެއް ހުރުމާ ގުޅިގެން ވަކިން ހާއްސަކޮށް މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހިފައިވާތީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ކޮމިޓީތަކުގެ މައްސަލަ ހައްލުކުރުމަށް މަޖިލީހުގެ ރައީސްއަށް ދަންނަވާފަ އެވެ.

ނަމަވެސް މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު އެކަމަށް ސަމާލުކަމެއް ނުދެއްވަ އެވެ. އަދި މަޖިލިސް އާންމުކޮށް ހުސްވަގުތު ކޮޅަކަށްދާ ވަގުތެއް ކަމުގައިވާ މެންދުރު 12:00އާ ދިމާކުރައްވާ ރައީސް ނަޝީދު ވަނީ މިއަދުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިޔައީ ކަމަށް އިއުލާންކުރައްވާ ޖަލްސާ ނިންމާލައްވާފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ 29 މެންބަރަކު ސޮއިކުރައްވާ މިހާރު ވަނީ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިދިނުމަށް އެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުން ސޮއިކޮށް ހުށަހަޅައިފިނަމަ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށެވެ.

މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތައް

  • މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
  • މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ
  • ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ
  • ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
  • މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް
  • މަޖިލީހަށް ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތައް
  • ޖޭއެސްސީ އަލުން އެކުލަވާލުމުގެ ބިލް

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށީ މެއި 18 ވަނަ ދުވަހު އެވެ. ދެވަނަ ދައުރުގައި 14 ޖަލްސާއެއް ބާއްވާފައިވެ އެވެ. ޗުއްޓީއަށްފަހު މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ދެން ފަށާނީ އޮގަސްޓް 16 ވަނަ ދުވަހު އެވެ.