ހަބަރު

ޖަޕާނަކީ ބޭނުންވާ ވަގުތުގައި އެހީވާ އެކުވެރި ގައުމެއް: ދުންޔާ

ޖަޕާނަކީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތައްޔާރަށް އޮންނަ ގާތް އެކުވެރި ގައުމެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. ދުންޔާ މިހެން ވިދާޅުވީ، ޖަޕާނުގެ އެންބަސީއެއް ރާއްޖޭގައި ހުޅުވުމުގެ އުފަލުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ދުންޔާ ވިދާޅުވީ، ރާއްޖެ އާއި ޖަޕާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދެ ގައުމުގެ ގުޅުން އަންނަނީ ވަރުގަދަވަމުން ކަމަށެވެ. ރާއްޖެއަށް ބޭނުންޖެހޭ ވަގުތުތަކުގައި ޖަޕާނު އަބަދުވެސް އެހީތެރިވުމަށް އޮންނަކަން ދުންޔާ ފާހަގަކުރެއްވި އެވެ.

ޖަޕާނުގެ ދީލަތި ފަރާތަކުން ރާއްޖެއަށް ވަމުންދާ އެހީތަކުގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ބޮޑެތި ތަރައްގީތަކެއް ލިބިފައިވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.

ރާއްޖޭގައި ހުޅުވި ޖަޕާނުގެ އެމްބަސީއަކީ ރާއްޖެ އައި ޖަޕާނާއި ދެމެދު އޮންނަ އެކުވެރިކަމުގެ އާ ބާބެއްގެ ފެށުން ކަމަށާއި ކުރިއަށް އޮތްތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އިތުރު ތަންތަން ހުޅުވުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

އެމްބަސީ ހުޅުވުމަށް ބޭއްވި މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ދުންޔާ މައުމޫން ވިދާޅުވެފައިވަނީ، އެމްބަސީގެ ސަބަބުން ހަމައެކަނި ވަރުގަދަ ވެގެންދާނީ ދެގައުމުގެ ދެމެދު އޮންނަ އެކުވެރި ކަމުގެ ގުޅުން ނޫން ކަމަށާއި އެކަމުން އެ އެނގެނީ ރައީސް އަބުދުﷲ ޔާމީންގެ ވަރުދަގަ ސިޔާސަތުތައް ބޭރު ދުނިޔޭގައި ބަލައި ގަންނަ ކަން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް ވަޑައިގެންފަހުން ޖަޕާނަށް ވަޑައިގެންނެވީ ޖަޕާން ރައީސްގެ ރަސްމީ ދައުވަތަކަށް 2014 ވަނަ އަހަރެވެ.