ދުނިޔެ

ސާބިއާގެ އިކޮނޮމިކް މިނިސްޓަރަށް ވަޒީފާ ގެއްލިއްޖެ

ރަޝިއާއަށް ދަތިކުރަން ހުޅަނގުގެ ގައުމުތަކުން އަޅާފައި ހުރި ފިޔަވަޅުތައް ގަބޫލުކޮށް ސާބިއާއިން ވެސް ގޮތެއް ނިންމައި ރަޝިއާއަށް ދަތިކުރަން ތަކުރާރުކޮށް ގޮވާލެއްވުމުން -- އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ރޭޑް ބާސްޓާއަށް ވަޒީރުކަން ގެއްލި ވަޑައިގެންފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރޭޑް ބާސްތާ ވަނީ އެކި މައިދާންތަކުގައި ރަޝިއާއަށް ބަދުބަސް ވިދާޅުވެ ވެރިކަންކުރާ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

އޭނާއަށް ވަޒީރުކަން ގެއްލި ވަޑައިގަތީ ތަކުރާރުކޮށް ނަސޭހަތެރިވުމުން ވެސް އޭނާގެ ގޮވާލުން އެގޮތުގައި ދެމެހެއްޓެވުމުންނެވެ.

ވަޒީރުގެ މަގާމުގައި ދެމިހުންނަވަން އެދިވަޑައިގަންނަވާނަމަ އަނގަމަޑުންލައިގެން ހުންނެވުމަށް ވެސް އޭނާގެ ޕާޓީން ވަނީ ނަސޭހަތްތެރި ވެފަ އެވެ.

އެހެން ނަމަވެސް، އޭނާއަށް އެކަމެއް ނުވި އެވެ.

ދައުލަތުގެ އިސް މަގާމެއްގައި ހުންނަވައިގެން ސަރުކާރުގެ ސިޔާސަތާ ފާޅުގައި ދެކޮޅުހެދުމަކީ ޕާޓީ ކޯލިޝަން ހުއްދަކުރާ ކަމެއް ނޫންކަން ވެސް އޭނާއަށް ވަނީ ހަނދާންކޮށްދެއްވާފަ އެވެ.

ރޭޑް ބާސްޓާގެ ގޮވާލެއްވުމަކީ ރަޝިއާއަށް ދާއީދުކުރަން ހަދައިގެން ހުޅަނގުން ޖެހިފައި ހުރި ދަތިތަކުން ސަލާމަތް ވާނެ ގޮތެއް ސަރުކާރުން ހޯދުމެވެ. އަދި ހުޅަނގަށް ބޯނުލަބައި ދެމިތިބެން ހަދައިފި ނަމަ ތަކެތީގެ އަގުބޮޑުވެ އާންމުންގެ ޕްރެޝަރު ސަރުކާރަށް ބޮޑުވުމެވެ.

ސާބިއާގެ ރައީސް އެލެގްޒެންދަރު ވޫޗިޗް ވިދާޅުވި ގޮތުގައި ރަޝިއާއާ އެކު ދެމި ތިބުމަކީ އާންމު ރައްޔިތުންގެ ވިސްނުމެވެ. އާންމުން ނޭދޭ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރެއްވުމުގެ ވިސްނުނެ ނުގެންގުޅުއްވާ ކަމަށް މީގެ ކުރިން ވެސް ވޫޗިޗް ވަނީ ވިދާޅުވެފަ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި -- ރަޝިއާ ކޮޅަށް ބުރަވުމަކީ ހުޅަނގުގެ ގައުމުތަކުން ޕްރެޝަރު ބޮޑުވާނެ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވޫޗިޗް ވިދާޅުވި އެވެ. އެހެން ނަމަވެސް، ސާބިއާއަށް މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތަކީ ވަކިކޮޅަކަށް ބުރަ ނުވެ އަދި ރަޝިއާގެ ކިބައިން މަންފާ ލިބޭ ގޮތަށް އޮތުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.