މޯލްޑިވްސް ޕޮލިސް ސާވިސް

ޗުއްޓީއަށް ފުރުމުގެ ކުރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ސްކޫލު ޗުއްޓީ ބަންދާއި އީދު ޗުއްޓީއަށް ފުރައިގެން ދިއުމުގެ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ވަނީ ޗުއްޓީއަށް ފުރުމުގެ ކުރިން ގޯތި ގެދޮރު ރަނގަޅަށް ތަޅުލުމަށާއި، އަލިފާނުގެ ހާދިސާއެއް ހިނގުމަށް މަގުފަހި ނުވާނޭހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، އަގުބޮޑެތި ވެހިކަލްތަކުގެ ތެރޭގައި ހިމެނޭ ސައިކަލާއި ކާރަށް ރައްކާތެރިވުމަށާއި އަދި ދަތުރަށް ފުރުމުގެ ކުރިން އުޅަނދުގެ ރައްކާތެރިކަމަށް ބެލުމަށާއި މޫސުމަށް ބެލުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.

މީގެއިތުރުން ޗުއްޓީ ދުވަސްވަރަކީ ދަތުރު ދިއުމާއި މޫދަށް އެރުންވެސް އިތުރުވާނެ ދުވަސްވަރަކަށްވާތީ ދަތުރު ދިއުމާއި މޫދަށްއެރި އުޅުމުގައި ތިމާއާއި އަނެއްކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށްވެސް ފުލުހުން އެދިފައިވެ އެވެ. އޮޔާއި ދިޔަވަރަށް ވިސްނައި، މޫދަށް އެރުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެދިފައިވެ އެވެ. އަދި ވަކިން ހާއްސަކޮށް، މޫދަށްއެރި އުޅުމުގައި ކުޑަކުދިންގެ ކޮންމެ ހަރަކާތެއް ވީހާވެސް ގާތުން ބަލައި އެކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.

މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމަށް ކުރަަމުންދާ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތްކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ. އަދި އެކި ޕްރޮމޯޝަންތަކުގެ ނަމުގައާއި ހަދިޔާ ލިބިގެން ކަމަށް ބުނެ ގުޅާ މީހުންނަށް ޖަވާބުދާރީ ނުވުމަށްވެސް އެދިފައިވެ އެވެ. ކޭޝްކާޑުގެ މައުލޫމާތާއި އޯޓީޕީ ކޯޑު ފަދަ މުހިންމު މައުލޫމާތު ހިއްސާނުކުރުމަށާއި ގޮތް ނޭނގޭ މީހުން ފޮނުވާ ލިންކުތަކަށް ނުވަނުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.