މޯލްޑިވްސް ޕޮލިސް ސާވިސް

އިމިގްރޭޝަން އޮފިސަރަކަށް ވެގެން ފޭރުނު މީހަކު ހައްޔަރުކޮށްފި

މޯލްޑިވްސް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ބިދޭސީއެއްގެ އަތުން ފޭރުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، ގ. ބެރުގެ މުހައްމަދު ނަވީން (44އ) ކަމަށް ފުލުހުން ބުނެ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ތިން މީހަކު ވަދެ ބަންގްލަދޭޝްގެ މީހެއްގެ އަތުން މޯބައިލް ފޯނަކާއި 9،000 ރުފިޔާ ފޭރުނު މައްސަލައެއް އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ގޮސް ބިދޭސީންތަކެއްގެ އަތުން ފޭރުނުކަން އިމިގްރޭޝަނުންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ގެއަކަށް ވަތް ދެ މީހެއްގެ ފޮޓޯ ހިއްސާކޮށް މީހަކު އެކްސްގައި ކުރި ޕޯސްޓަކާއި ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ ފޮޓޯގައިވާ ދެ މީހުންނަކީ އިމިގްރޭޝަންއާ ގުޅުން އޮތް ބައެއް ނޫން ކަމަށެވެ.

"އަދި ފުލުހުން މި ދެ މީހުންގެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފަ،" ޝަމްއާން ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އައިޑީ ފެންނަ ގޮތަށް ހުންނާނެ ކަމަށާއި މިހާރުގެ އޮޕަރޭޝަންތަކަކީ ޔުނިފޯމް ލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ.

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ގޮސް ބިދޭސީންތަކެއްގެ އަތުން ފޭރޭ މައްސަލައެއް ފެންމަތިވެފައި މިވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވަނިކޮށެވެ.