މޯލްޑިވްސް އިމިގްރޭޝަން

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ގޮސް ފޭރިގެންފި

Sep 17, 2024

މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ގޮސް ބިދޭސީންތަކެއްގެ އަތުން ފޭރިގެންފި އެވެ.

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ގޮސް ބިދޭސީންތަކެއްގެ އަތުން ފޭރުނުކަން އިމިގްރޭޝަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ގެއަކަށް ވަތް ދެ މީހެއްގެ ފޮޓޯ ހިއްސާކޮށް މީހަކު އެކްސްގައި ކުރި ޕޯސްޓަކާއި ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ ފޮޓޯގައިވާ ދެ މީހުންނަކީ އިމިގްރޭޝަންއާ ގުޅުން އޮތް ބައެއް ނޫން ކަމަށެވެ.

"އަދި ފުލުހުން މި ދެ މީހުންގެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފަ،" ޝަމްއާން ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އައިޑީ ފެންނަ ގޮތަށް ހުންނާނެ ކަމަށާއި މިހާރުގެ އޮޕަރޭޝަންތަކަކީ ޔުނިފޯމް ލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ.

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ގޮސް ބިދޭސީންތަކެއްގެ އަތުން ފޭރޭ މައްސަލައެއް ފެންމަތިވެފައި މިވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވަނިކޮށެވެ.

އެ ގޮތުން އިމިގްރޭޝަނުން ގެންދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ.

އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ މީހުންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން ވަނީ ރާއްޖެއިން ފޮނުވާލާފަ އެވެ.