ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ މައްސަލަ ޝަރުއީ ހުރިހާ މަރުހަލާއަކުން ސާބިތުވެއްޖެނަމަ އެފަދަ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
ނާޒިމުގެ ސަރުކާރެއްގައި ގެންގުޅޭނެ މަސްތުވާތަކެތީގެ ސިޔާސަތުގައި ހިމެނޭ ބައެއް ކަންކަން ހާމަކުރައްވަމުން ނާޒިމު ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އިންޒާރު ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޝަރުއީ މަރުހަލާ އިން ސާބިތުވެއްޖެނަމަ އެފަދަ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރާނަން ކަމަށެވެ.
ނާޒިމު ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމުގައި ގައުމެއް، ނަސްލެއް، ކުލައެއް އަދި އެމީހާގެ ބަލިމަޑުކަމަށް ބެލުމެއް ނެތް ކަމަށެވެ.
"އަޅުގަނޑު މިހެން މިދެންނެވީ ޑިފެންސް މިނިސްޓަރު އެބަވިދާޅުވީ ރާއްޖެއަށް މިފަހުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަކީ ކޮންމެވެސް ކަހަލަ ބަލިމަޑުކަމެއް ހުރި ބައެއް ކަމަށް،" ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒުކޮށްގެން ނޫނީ މިމައްސަލައަށް ހައްލެއް ނުލިބޭ މިންވަރަށް ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު މިހާރު ގޯސްވެފައިވާ ކަމަށެވެ. މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި އަދަބު ދޭން ޖެހެނީ ދިވެހި ޖީލު މިނުބައި ވަބާއިން ސަލާމަތްކޮށްގެން ނޫނީ ގައުމުގެ ކުރިމަގު ނެތުމުން ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކަމުގައި ހޯދާނީ ވަށާ ޖެހޭ ހައްލެއް. ހަމައެކަނި ޒުވާނުން ޖަލަށްލުމެއްވެސް ނޫން އޮތީ،" އޭނާ ވިދާޅުވި އެވެ.
ސިފައިންގޭގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ނާޒިމު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ވަރުގަދަކޮށްގެންވެސް މަސްތުވާތަކެތީގެ މައްސަލައަށް ވަރަށް ބޮޑަށް ހައްލެއް ގެނެވޭނެ ކަމަށެވެ. ސަލާމަތީ އިދާރާތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ހޯދައިދީގެން މައްސަލަ ހައްލުކުރަން އިދާރާތަކުން މަސައްކަތް ކުރާ ގޮތް ވަރަށް ގާތުން ބަލާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މިހާރު މި ގެންގުޅޭ ޑްރޯންތައް ބޭނުންކޮށްގެން މާލޭގައި ސިފައިން ތިބެގެންވެސް ރާއްޖޭގެ އުތުރާއި ދެކުނުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ،" އޭނާ ވިދާޅުވި އެވެ.
ނާޒިމު ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ދައްކާ ބައެއް ވާހަކަތަކަށްވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ނާޒިމު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓް ކުރާ މީހުންގެ އަދަދު މަދުކަމަށް ފުލުހުން ބުނާތީ އަޑުއަހާ ކަމަށެވެ. ނަމަވެސް ރިޕޯޓް ކުރާ އަދަދު މަދުވަނީ މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓްކުރަން ދިޔައީމާ ފުލުހުން އަޅާވެސް ނުލައި އެ މައްސަލަ ދޫކޮށްލުން އިތުރުވާތީ ކަމަށް ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޕްރިވެންޝަން ނުވަތަ އެކަމެއްގެ ފެށުން ހޯދައި އެކަމަށް ހައްލާއި ފަރުވާ ހޯދުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ. އެގޮތުން ސްކޫލުތަކުގައި ގޯސްކޮށް އުޅޭ ކުދިން ދެނެގަނެ އެކުދިން އިސްލާހުކުރުމަށް "ފަސްޓް އޮފެންޑާ ޕްރޮގްރާމު"ގެ ނަމުގައި ސްކޫލުތަކަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ހިންގާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ކަމާ ގުޅޭ މާހިރުންނާ ގުޅިގެން ޕްރިވެންޝަން ވަރުގަދަކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ޑްރަގު ރިހިބިލިޓޭޝަން ފަރުވާއަށް ހުރީ ތިން ސެންޓަރު ކަމަށްވާތީ އެއީ ފުދޭ އަދަދެއް ނޫން ކަމަށް ނާޒިމު ވިދާޅުވި އެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް ގޮތުން މިފަދަ ސެންޓަރުތައް ވަރަށް ބޮޑަށް އިތުރުކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ ކުށުގެ މުޖުތަމައު ރަނގަޅުކުރުމަށްޓަކައި ރައީސް މައުމޫންގެ ވެރިކަމުގައި ކުށްކުރާ ކުދިން އިސްލާހުކުރަން ހަދާފައި ހުރި ކަހަަލަ "އިސްލާހިއްޔާ"ތަކެއް ނުވަތަ އެފަދަ މަރުކަޒުތަކެއް ހަދަންޖެހޭ ކަމަށެވެ. ބައެއް މީހުންނަށް އެފަދަ މަރުކަަޒުތަކެއް ހުރުމަކީ ޖޯކެއް ކަމަށްވިޔަސް ކުށްކުރާ ކުދިން އިސްލާހުކޮށްގެން އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި އެފަދަ މަރުކަޒުތައް އޭނާގެ ވެރިކަމެއްގައި ހަދާނެ ކަމަށެވެ.
ރާއްޖޭގައި ގޭންގުތަކުގެ ހާލަތު ގޯސްވެގެން ވާހަކަދައްކާއިރު ގޭންގުތައް އުފެދި ޒުވާނުން ބޮޑެތި ކުށްތަކަށް އަރައިގަންނަނީ ސަރުކާރުތަކުގެ އިހްމާލުން ކަމަށެވެ. އެހެންކަމުން ކުށުގެ ވެށީގައި އުޅޭ ޒުވާނުން ދެނެގަނެ އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ކުށްކުރާ ކޮންމެ މީހުން ނުވަތަ ޖަލަށްލާ މީހުން އިތުރުވުމަކީ މައްސަލައިގެ ހައްލެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ނާޒިމު އިތުރަށް ވިދާޅުވީ މަރުގެ އަދަބު ރާއްޖޭގައި ތަންފީޒުކުރަން ފަށައިފިނަމަ ބައެއް ގައުމުތަކުގެ ފިއްތުއްތައް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް ރާއްޖެއަކީ މިނިވަން ގައުމަކަށް ވާތީ ރާއްޖޭގެ މަސްލަހަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަމެއް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. ރާއްޖެއިން ކުރަން ބޭނުންވާ ކަމެއްކޮށްގެން ފިޔަވަޅު އަޅައިފިނަމަ ރައްދުގައި ރާއްޖެއަށް ވެސް ކުރެވޭނެ ކަންކަން ހުންނަންވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެމެރިކާގައިވެސް ބައެއް ސްޓޭޓްތަކުގައި މަރުގެ އަދަބު ތަންފީޒުކުރޭ. ކީއްވެގެންތޯ އަޅުގަނޑުމެންނަށް އެކަން ނުކުރެވެންވީ،" ނާޒިމު ސުވާލު އުފެއްދެވި އެވެ.