މީރާ

އާމްދަނީން ނަގާ ޓެކްސް ދެއްކުމުގެ ސުންގަޑި ފަސްކޮށްފި

މިދިޔަ އަހަރަށް އާމްދަނީން ނަގާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑި ފަސްކޮށްފި އެވެ.

ފައިސާ ދެއްކުމުގެ ސުންގަޑި ފަސްކުރީ ކުރިއަށް އޮތް ޖުލައި ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ސުންގަޑި ފަސްކޮށްދީފައިވަނީ މި ހިނގާ ޖޫން މަހުގެ ފަހު ހަފްތާ އީދު ޗުއްޓީއާ ދިމާވާތީ ކަމަށެވެ.

އިތުރުކޮށްދިން ވަގުތުގެ ތެރޭގައި މިދިޔަ އަހަރަށް ހުށަހަޅަންޖެހޭ އާމްދަނީން ނަގާ ޓެކްސް ބަޔާނާއި އެ ބަޔާނާއެކީ ހުށަހަޅަންޖެހޭ މާލީ ހިސާބުތައް ތައްޔާރުކޮށް ހުށަހެޅޭނެ ކަމަށް މީރާ އިން ބުނެ އެވެ.

އެ އޮތޯރިޓީން ބުނީ އާމްދަނީން ނަގާ ޓެކްސްގެ ސުންގަޑިއަށް ބަދަލުގެނެސްފައިވީ ނަމަވެސް، ޖުލައި 2ގައި އަންނަ އެހެން އެއްވެސް ސުންގަޑިއަކަށް ބަދަލުގެނެސްފައި ނުވާ ކަމަށެވެ. އެހެންކަމުން ކުރިއެކޭ ވެސް އެއްފަދައިން މެއި މަހުގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމާއި، ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމާއި، އެއާޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމާއި އަދި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި އަކީ ޖުލައި ދޭކެވެ.

މީރާއިން ބަލައިގަންނަ ޓެކްސްތައް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކޮންމެ ތަނަކުން، ކޮންމެ ވަގުތަކު ވެސް އޮންލައިންކޮށް މީރާގެ އޮންލައިން ޕޯޓަލް 'މީރާކަނެކްޓް' މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާދެއްކޭނެތީ، މި ޚިދުމަތް ވީހާ ވެސް ގިނަ ފަރާތްތަކުން ބޭނުންކުރުމުކަމީ މީރާގެ ވަރަށް ބޮޑު އެދުމެކެވެ.