ވިޔަފާރި

މާފުށީގައި ޗައިނީޒް އާ އަހަރު ފާހަގަކޮށް ޓޫރިސްޓުން ހެއްވާލައިފި

Feb 9, 2016

އެހެން އަހަރުތަކުގައި ވެސް ރާއްޖޭގައި ޗައިނީޒް އާ އަހަރު ފާހަގަ ކުރެ އެވެ. އެކަމަކު މިފަހަރު ތަފާތެވެ. މިފަހަރުގެ އެއް ތަފާތަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު މާކެޓު ކަމަށްވާ ޗައިނާއަށް ނިސްބަތްވާ، އެ މީހުންގެ އާ އަހަރު ކ. މާފުށީގައި ފާހަގަ ކުރުމެވެ. އެރަށުގައި ރޭ ބޭއްވި ހާއްސަ ރޭގަނޑުގެ ކެއުމާއި ސަގާފީ ހަރަކާތްތަކެވެ. މިކަން ވެގެން ގޮސްފައިވަނީ ޓޫރިސްޓުން ހެއްވާލި ކަމަކަށެވެ.

"މި ހަރަކާތް ރާވާފައިވަނީ ހައުސް އެސޯސިއޭޝަނާ ގުޅިގެން. އެހެންވެ މި ހަރަކާތް ބާއްވަނީ މާފުށީގައި،" ޗައިނީޒް އާ އަހަރުގެ މައުލޫމާތު އާދީއްތަ ދުވަހު މީޑިއާއަށް ދެއްވަމުން އެމްއެމްޕީއާރުސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޗައިނީޒް އާއަހަރު ފާހަގަ ކުރުމުގެ ގޮތުން މާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޗައިނާ ސަފީރު ވަން ފޫކާން އާއި ޓޫރިޒަމް މިނިސްޓަރުގެ ނައިބު ހުސެއިން ލިރާރުގެ އިތުރުން އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި މާފުށީގައި ބޭއްވި ހާއްސަ ކެއުމުގައި، އެ ރަށުގެ ގެސްޓް ހައުސްތަކުގައި ތިބި ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް ބައިވެރިވެފައިވެ އެވެ.

މި ހަފުލާގައި އެންމެ ފާހަގަ ވެގެންދިޔަ އެއް ކަމަކީ ޗައިނާ އާއި ރާއްޖޭގެ ސަގާފީ މިއުޒިކްގެ މުއްސަނދިކަން ދައްކާލުމެވެ. ރާއްޖޭގެ ބޮޑު ބެރާއި ޗައިނާގެ ސަގާފީ ނެށުމެއްގެ އިތުރުން ޗައިނާ ލަވައެއް ވެސް ހުށަހަޅައިދީފައިވެ އެވެ. މިގޮތުން މެގަ މޯލްޑިވްސް އިން އިންތިޒާމުކުރި ބޮޑު ބެރުގެ އައިޓަމްގައި ޗައިނީޒް ޑްރެގަންގެ ހަރަކާތަކާއެކު ދިވެހި ބޮޑު ބެރު ޖަހާފައިވެ އެވެ. މިކަން ވެގެން ދިޔައީ ޓޫރިސްޓުންނަށް ވަރަށް ޝައުގުވެރި ކުރުވަނިވި ހަރަކާތަކަށެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމެވެ. އެ ގައުމުން ހަތަރު ލައްކައަށްވުރެ ގިނަ ޓޫރިސްޓުން މިދިޔަ އަހަރުވެސް ޒިޔާރަތްކޮށްފައިވެ އެވެ. ޗައިނީޒް އާ އަހަރަކީ ފެބްރުއަރީ އަށްވަނަ ދުވަހެވެ.