ވެގްނާ ސިފައިން ހަނގުރާމައިގެ ސަފުތައް ދޫކޮށް މަރުކަޒު ކުރުމަށް ރަޝިއާގެ އަސްކަރިއްޔާއިން ގޮވާލާފައި އެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނާ ގޮތުން ވެގްނާ ގުރޫޕްގެ ލީޑުރު ޔެވްގެނީ ޕްރިގޯޒިން އެވަނީ އެ ޖަމާއަތުގެ ސިފައިންނަށް ވެސް އޮޅުވާލަފަ އެވެ.
ވެގްނާ ގުރޫޕުން ރަޝިއާގެ އަސްކަރިއްޔާއާ ދެކޮޅަށް ބަޣާވާތްކުރަން ނިންމައި އެކަން އިއުލާންކުރުމުން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ ގައުމާ މުޚާތަބު ކުރައްވާފަ އެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި ޕްރިގޯޒިން އެދިނީ ވަރަށް ބޮޑު ކެއްސެކެވެ. އަދި އޭނާއާ އެކު މަސައްކަތްކުރާ ކުލީ ސިފައިންނަށް ވެސް އޭނާ އެދިނީ ވަރަށް ބޮޑު ލަނޑެކެވެ.
ޕޫޓިން ސިފަކުރެއްވި ގޮތުގައި ޕްރިގޯޒިން ފަހަތުން އައިސް އެހެރީ ބުރަކައްޓަށް ވަޅި އެވެ.
ވަރަށް ބޮޑު ލަނޑެއް ގޮތުގައި ޕޫޓިން އެކަން ސިފަކުރެއްވި ސަބަބަކީ ރަޝިއާއާ ދެކޮޅަށް ހަނގުރާމަކުރަނިކޮށް އަތުޖެހިއްޖެނަމަ އެ މީހަކު މުޅި އުމުރު ޖަލުގައި -- ބުރަ މަސައްކަތާ އެކު ހޭދަކުރަން ޖެހޭނެތީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕޫޓިން މިހާރު ވަނީ ޕްރިގޯޒިން ހައްޔަރު ކުރުމަށް އަސްކަރިއްޔާއަށް އަންގާފަ އެވެ. އަދި އޭނާ އަތުލައި އަސްކަރީ ބަޣާވާތެއް ކުރަން އުޅުނުކަން ސާބިތުކުރުމަށް އޭނާގެ މައްޗަށް ތަހުގީގެއް ހިންގުމަށް ޕްރޮސެކިޔުޓަރުން ވެސް ވަނީ އަމުރުކޮށްފަ އެވެ.
ޕްރިގޯޒިން ބުނާ ގޮތުން އޭނާގެ ސިފައިން ޔުކްރޭން ބޯޑަރު ހުރަސްކޮށް މިހާރު ތިބީ ރަޝިއާގަ އެވެ. އަދި ބައެއް އަވަށްތައް އޭނާ ކޮންޓްރޯލް ކުރަމުން ގެންދާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ރަޝިއާގެ ވެރިރަށް މޮސްކޯ ހިފުމަށް ހަމަލާދޭނެ ކަމަށް ވެސް އޭނާއާ ހަވާލާދީފައި ހުރި ޚަބަރުތައް ބުނެ އެވެ.
ޕްރިގޯޒިން މިފަހަކުން ރަޝިއާގެ ދިފާއީ ވަޒީރު ސަރުގޭ ޝޮއިގޫއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ޔުކްރޭންގެ އަމާޒުތަކަށް ވެގްނާ ގުރޫޕުން ވާސިލުވާން ބޭނުންވާ ހަތިޔާރު ޝޮއިގޫ ސަޕްލައި ނުކޮށްދޭ ކަމަށް ބުނެ އޭނާ ވަނީ ވަރަށް ހުތުރު ބަހުން ވާހަކަދައްކާފަ އެވެ.
ވެގްނާ ގުރޫޕްގެ ކުލީ ސިފައިންނަށް ރަޝިއާގެ އަސްކަރިއްޔާއިން ހަމަލާދޭ ކަމަށްވެސް ޕްރިގޯޒިން ތުހުމަތުކުރެ އެވެ. އެކަމަކު ރަޝީއާގެ ދިފާއީ ވުޒާރާއިން އޭނާގެ މި ބުނުން ދޮގުކުރެ އެވެ.