ފިނިޕޭޖް

ތެނޯޗް ހުއެރްތާ ނެޓްފްލިކްސްގެ ފިލްމުން ވަކިވެއްޖެ

މާވެލް "ބްލެކް ޕެންތާ: ވަކަންޑާ ފޯއެވާ"ގައި "ނޭމޯ"ގެ ރޯލް އަދާކުރި ތެނޯޗް ހުއެރްތާގެ ނެޓްފްލިކްސް ފިލްމް "ފިއެސްތާ އެން ލާ މެޑްރިގޭރާ" އިން ވަކިވެއްޖެ އެވެ.

ތެނޯޗް މި ފިލްމުން ވަކިވީ މިއުޒިޝަން އަދި އެކްޓިވިސްޓް މަރިއްއާ އެލޭނާ ރިއޯސް، ޖިންސީ އަނިޔާގެ ތުހުމަތުކުރުމުން، ތެނޯޗްގެ އިއްޒަތާއި އަބުރު ގެއްލުމުގެ އިތުރުން، މި ފިލްމް ޕްރޮޖެކްޓަށާއި މި ޕްރޮޖެކްޓް ހަގީގަތަކަށް ގެނައުމަށް ބުރަ މަސައްކަތްކޮށްފައިވާ މީހުންނަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެތީ އެވެ.

މަނޯލޯ ކާރޯ ޑައިރެކްޓްކުރާ މި ފިލްމްގެ ޝޫޓިން ވަނީ މެކްސިކޯގެ ރަށްތަކެއްގައި މިދިޔަ މަހު ފަށާފަ އެވެ.

ތެނޯޗް ވަނީ މީގެ ކުރިން މަރިއްޔާގެ ތުހުމަތުތަކަކީ އެއްވެސް ހެއްކެއްނެތް، ދޮގު ތުހުމަތުތަކެއް ކަމުގައި ބުނެ، މަރިއްޔާ އާއި އޭނާގެ މެދުގައި ދުވަސްތަކެއް ވަންދެން ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފަ އެވެ. އަދި އެ ގުޅުމަކީ ލޯތްބާއި އޯގާތެރިކަމާއި އެއްބާރުލުން އެކުލެވިގެންވި ގުޅުމެއް ކަމަށާއި އެ ގުޅުން ނިމުމުން، މަރިއްޔާ ވަނީ ދެ މީހުން ވަކިން ތިބޭއިރުގައި އާއި ދެމީހުންގެ ރައްޓެހިންނާއެކު ހުންނަ ތަންތާނގައި ދެމީހުންގެ މެދުގައި ހިނގާ މުއާމަލާތްތައް ހަގީގަތް އޮޅޭފަދަ ތަފާތު ގޮތަކަށް ގެނެސްދޭން ފަށާފައި ކަމަށް ތެނޯޗް ބުންޏެވެ.

"އަހަރެންނަކީ އެއްވެސް ހާލެއްގައި ޕާފެކްޓް މީހެއް ނޫން، އެކަމަކު އެއީ މުޅިން ދޮގު ތުހުމަތުތަކެއް. އަހަރެން އަބަދުވެސް އަމިއްލަ ނަފްސު ރަނގަޅުކުރުމަށް މަސައްކަތްކުރިނަމަވެސް، އެ ފަދަ ތުހުމަތުތަކާ ދެކޮޅަށް އަޑުއުފުލާނަން،" ތެނޯޗް ބުންޏެވެ.

މި މަހުގެ ކުރީކޮޅު މަރިއްޔާ ވަނީ ތެނޯޗް އަކީ "ޖިންސީ ޝިކާރަވެރިއެއް" ކަމަށާއި މަރިއްޔާގެ ނުގަބޫލުގައި ޖިންސީ އަމަލު ހިންގައި އަނިޔާ ދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. އަދި ފިލްމެއްގެ ކެރެކްޓާއެއް ކުޅެގެން އެންމެންގެ ލޯބި ލިބިފައިވާ މީހަކު "އިމޯޝަނަލް އެބިއުސް" އާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްފައިވާ ކަމުގެ ވާހަކަ ދެއްކުމަކީ ވަރަށް އުނދަގޫ ކަމެއް ކަމުގައިވެސް މަރިއްޔާ ބުންޏެވެ.