ފިނިޕޭޖް

ޑިޒްނީގެ ލައިވްއެކްޝަން ފިލްމުތައް

ވޯލްޓް ޑިޒްނީ ސްޓޫޑިއޯސް އަކީ އެންމެ ފުރަތަމަ އެނިމޭޓަޑް ފީޗާ ފިލްމެއް ނެރުނު ސްޓޫޑިއޯ އެވެ. އަދި އެނިމޭޓަޑް ފިލްމު ހެދުމުގެ އިތުރުން ކޮމްޕިއުޓާ ޖެނެރޭޓަޑް އިމޭޖަރީ ބޭނުންކޮށްގެން ލައިވް އެކްޝަން ފިލްމު ހެދުމުގައި އެންމެ ކުރީގައި އުޅޭ ސްޓޫޑިއޯ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޑިޒްނީން ވަނީ އެ ސްޓޫޑިއޯގެ ކާމިޔާބު އެނިމޭޓަޑް ފިލްމުތަކަށް ލައިވް އެކްޝަން ފިލްމް ހަދަން ފަށާފަ އެވެ. އަދި އޮރިޖިނަލް ވާހަކަ ބަދަލުކޮށް، މެއިން ކެރެކްޓާވެސް ބަދަލުކޮށްފަ އެވެ. އެގޮތުން މިފަހަރު މިގެނެސްދެނީ މީގެ ބައެއް ފިލްމުތަކެވެ.

1
 

101 ޑެލްމޭޝިއަންސް (1996) އާއި ކްރުއެލާ (2021)

މި ފިލްމުގެ އެނިމޭޓަޑް ފިލްމު ނެރެފައިވަނީ 1961 ގައެވެ. މިއީ ޑިޒްނީން އެ ސްޓޫޑިއޯގެ އެނިމޭޓަޑް ފީޗާ ފިލްމަކަށް ހެދި ފުރަތަމަ ލައިވެ އެކްޝަން ފިލްމެވެ. "101 ޑެލްމޭޝިއަންސް" ލައިވް އެކްޝަން ފިލްމުގައި މަޝްހޫރު ވިލަން ކްރުއެލާ ޑީވިލްގެ ރޯލް ކުޅެފައިވަނީ ގްލެން ކްލޯޒް އެވެ. އަދި ރޮޖާ ޑިއަލީގެ ރޯލް ބިލް ޕުލްމަން ކުޅެފައިވާއިރު، އަނީޓާގެ ރޯލް އަދާކޮށްފައިވަނީ ޖޯލީ ރިޗަޑްސަން އެވެ.

މި ފިލްމްގެ ސިކުއެލް "102 ޑެލްމޭޝިއަންސް" 2000 ވަނަ އަހަރު ނެރެފައި ވެއެވެ. މި ފިލްމުގައި ގްލެން ކްލޯޒް ކްރުއެލާގެ ރޯލް އަލުން އަދާކޮށްފައިވާއިރު، ދެން އުޅެނީ އާ ކެރެކްޓަރުންތަކެކެވެ.

މީގެ އިތުރުން 2021ގައި ކްރުއެލާ ޑިވިލް މެއިން ކެރެކްޓާގެ ގޮތުގައި، ޕްރިކިއުއެލް އެއް ރިލީޒްކުރި އެވެ. މި ފިލްމުގައި ކްރުއެލާގެ ރޯލް އަދާކޮށްފައިވަނީ އެމާ ސްޓޯން އެވެ. މި ފިލްމާއި އޮރިޖިނަލް ފިލްމުގެ ކެރެކްޓާތަކަކާ ގުޅުމެއް ނެތެވެ.

2
 

އެލިސް އިން ވޮންޑަލޭންޑް (2010)

1951 ވަނަ އަހަރު ނެރުނު "އެލިސް އިން ވޮންޑަލޭންޑް"ގެ ލައިވް އެކްޝަން ފިލްމް ނެރެފައިވަނީ 2010 ގައެވެ. ޓިމް ބާޓަން ޑައިރެކްޓްކޮށް، ކޮންމެވެސް ވަރަކަށް ބަދަލުކޮށްފައިވާ މި ފިލްމުގައި އެލިސްގެ ރޯލް އަދާކޮށްފައިވަނީ މިއާ ވަސިކޯސްކާއެވެ.

މީގެ އިތުރުން މި ފިލްމްގައި ޖޮނީ ޑެޕް މޭޑް ހެޓާގެ ރޯލުގައި، ހެލީނާ ބޮންހެމް ކާޓާ ރެޑް ކުއީންގެ ރޯލުގައި އަދި އޭން ހެދަވޭ ވައިޓް ކުއީންގެ ރޯލުން ފެނުނެވެ. މި ފިލްމްގެ ސިކުއެލް "އެލިސް ތްރޫ ދަ ލުކިން ގްލާސް" 2016 ގައި ނެރުނެވެ.

3
 

ދަ ސޯސަރާސް އެޕްރެންޓިސް (2010)

މި ފިލްމަކީ ޑިޒްނީގެ "ފެންޓޭޝިއާ"ގެ ބަޔަކަށް ހަދާފައިވާ ލައިވް އެކްޝަން ފިލްމެކެވެ. "ފެންޓޭޝިއާ" ގައި މިކީ މައުސް ސޯސަރާ ޔެން ސިޑްގެ އެޕްރެންޓިސްގެ ރޯލު އަދާކުރި އެވެ.

"ފެންޓޭޝިއާ"ގެ ބައިން ތަރައްގީކޮށްފައިވާ މި ލައިވް އެކްޝަން ފިލްމުގައި މިކީގެ ރޯލްގައި ފެންނަނީ ޖޭ ބަރުޗަލް އެވެ. ސޯސަރާގެ ރޯލުގައި ނިކޮލަސް ކޭޖް އަދި ވިލަންގެ ރޯލުން މޮނިކާ ބެލޫޗީ ފެނުނެވެ.

4
 

މެލެފިސަންޓް (2014)

"މެލެފިސަންޓް" އަކީ 1959 ގައި ޑިޒްނީން ނެރުނު "ސްލީޕިން ބިއުޓީ"ގެ ތަފާތު ވާޝަން އެކެވެ. "މެލެފިސަންޓް" ގައި ވާހަކަ ވަރަށް ބޮޑަށް ބަދަލުކޮށް، ވިލަން ކަމުގައިވާ މެލެފިސަންޓްގެ ނަޒަރުން ފިލްމު ގެނެސްދީފައިވެ އެވެ. އަދި އޭނާ އަކީ މުޅިން ވިލަންއެއްގެ ބަދަލުގައި ހާލަތު ދިމާކުރި ގޮތުން ނުބައި ކަންކަން ކުރި ޕަރީއެއް ކަމަށާއި އޭނާގެ ކިބައިގައި މައިވަންތަކަންވެސް ހުރިކަން މި ފިލްމުން ފެނުނެވެ.

މި ފިލްމްގައި މެލެފިސަންޓްގެ ރޯލް އަދާކޮށްފައިވަނީ އެންޖެލީނާ ޖޯލީ އެވެ. އަދި ސްލީޕިން ބިއުޓީ / އަރޯރާގެ ރޯލް އަދާކޮށްފައިވަނީ އެލް ފެނިން އެވެ. މި ފިލްމްގެ ސިކުއެލް، "މެލެފިސަންޓް: މިސްޓްރަސް އޮފް އީވަލް" 2019 ގައި ރިލީޒްކުރި އެވެ.