އެމެރިކާގެ އަސްކަރީ މަނަވަރު "ޔޫއެސްއެސް ރޮނާލްޑް ރޭގަން" މިއަދުގެ ވަގުތެއްގައި ވިއެޓްނާމްގައި ބަނދަރުކުރާނެ އެވެ. ވިއެޓްނާމްގެ ޚާރިޖާ ވުޒާރާއިން ބުނާ ގޮތުން މި މަހުގެ 25 އިން 30 އަށް އެ ގައުމުގެ ޑަނަންގް ބަނަދަރުގައި މި މަނަވަރު އޮންނާނެ އެވެ.
ޔޫއެސްއެސް ރޮނާލްޑް ރޭގަން އަކީ ނިއުކްލިއާ ހަކަތައިން ދުއްވާ މަނަވަރެކެވެ.
ވިއެޓްނާމަށް މި އުޅަނދު ދަތުރުކުރުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުމަށް 10 އަހަރު ފުރުން ފާހަގަކުރުން ކަމަށް އެމެރިކާ އަދި ވިއެޓްނާމުން ވެސް ވަނީ ބުނެފަ އެވެ.
ދުނިޔޭގެ ޚަބަރު ސުރުޚީތަކަށް މި ވާހަކަ އަރާފައި މިއޮތީ އެމެރިކާގެ މަނަވަރެއް ވިއެޓްނާމަށް ދާތީއެއް ނޫނެވެ. މިއީ ދުނިޔޭގެ މަސްލަހަތާ ގުޅިފައި އޮތް އަދި ދެކުނު ޗައިނާ ކަނޑު -- ގަޑުބަޑުކުރަން އެމެރިކާ ހިންގާ ހަރަކާތަކަށް ވާތީ އެވެ.
ދެކުނު ޗައިނާ ކަނޑަކީ ޗައިނާއަށް ނިސްބަތްކުރި ނަމަވެސް ބައިނަލްއަގްވާމީ ދަތުރުފަތުތަކަށް ވަރަށް މުހިންމު މަގެކެވެ. މި ކަނޑަށް ޝައުގުވެރިވާ އަދި ހިއްސާދާރުންގެ ގޮތުގައި ޗައިނާ އާއި ފިލިޕީންސް، ވިއެޓްނާމް، އިންޑޮނީޝިއާ، ބުރޫނާއީ އަދި މެލޭޝިއާ ފަދަ ކިތަންމެ ގައުމެއް ހިމެނެ އެވެ.
މިހެން ކަން އޮތުމުން ޗައިނާގެ ސުވާލަކީ -- ދެކުނު ޗައިނާ ކަނޑަށް އެމެރިކާ ވެރިވެގަތުމުގައި އޮތީ ކޮންބޭނުމެއްތޯ އެވެ. ނުވަތަ ދެކުނު ޗައިނާ ކަނޑު އެމެރިކާގެ މަސްލަހަތާ ގުޅިފައި އޮތީ ކޮން ދިމާއަކުންތޯ އެވެ.
އެމެރިކާ ބުނާ ގޮތުން އެ މީހުންގެ މަސްލަހަތަކީ އެކުވެރިންގެ މަސްލަހަތެވެ. ދެކުނު ޗައިނާ ކަނޑަށް އުފަން ބައެއް ޖަޒީރާތަކުގެ މިލްކުވެރިކަން އޮންނަނީ ހަމައެކަނި ޗައިނާއަށް ނޫން ކަމަށްވެސް އެމެރިކާ ބުނެ އެވެ. މިހެންކަމުން އެމެރިކާގެ މަނަވަރުތައް އެ ސަރަހައްދުގައި އުޅެނީ ކަމަށް އެމެރިކާ ބުނެ އެވެ.
ޗައިނާ ކިތަންމެ ދެކޮޅުހެދި ނަމަވެސް އެމެރިކާގެ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ނުފައިބާނެ ކަމަށް އެމެރިކާއިން އޮތީ ބުނެފަ އެވެ.
ދުނިޔޭގެ ކަނޑުތަކާއި ހިކިފަސް ބިމުގެ ސިޔާސަތު ދަންނަ މީހުން ދެކޭ ގޮތުގައި އެމެރިކާއިން ދެކުނު ޗައިނާ ކަނޑަށް ބާރުގަދަ ކުރުމަކީ ސުލްހަވެރި އަމަލެއް ނޫނެވެ. މިއީ ޗައިނާއިން ކެނޑިނޭޅި ދެކޮޅުހަދާ ހަރަކާތަކަށް ވާއިރު އިހުތިރާމް ކުރުމާއި ގަދަރު ދިނުމަކީ ބައިނަލްއަގްވާމީ ސިޔާސަތަށް ބޭނުންޖެހިފައި އޮތް އަޚުލާގެކެވެ.
ދެކުނު ޗައިނާ ކަނޑުގެ ހިއްސާދާރުންގެ ތެރޭގައި އެމެރިކާއާ ގުޅުން ރަނގަޅު ބައިވެރިން ތިބި ނަމަ ވަކި ބަޔަކަށް އަމާޒުނުކޮށް ރަހުމަތްތެރިކަމުގެ ގޮތުން ކުރާ އެއްވެސް ދަތުރެއް މައްސަލައަކަށް ނުވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
އަދި ހެޔޮ ގުޅުމަކީ ބައިނަލްއަގްވާމީ މެރިޓައިމް ގާނޫންތައް ދެމެހެއްޓުމަށް އެންމެ ފަސޭހަ މުއާމަލާތް ކަމަށްވެސް ތަޖުރިބާކާރުން ދެކެ އެވެ.