ބޭރު ކުޅިވަރު

2018ގެ ނިޔަލަށް ހުންނާނީ ރެއާލްގައި: ރޮނާލްޑޯ

Feb 9, 2016

2018 ވަނަ އަހަރުގެ ނިޔަލަށް އޭނާ ހުންނާނީ ރެއާލް މެޑްރިޑުގައި ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އުމުރުން މިހާރު 31 އަހަރުގެ ކުޅުންތެރިޔާ ބުނީ އޭނާގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތް ކަމަށާއި ކޮންޓްރެކްޓް ނިމެންދެން ރެއާލްގައި ދެމި ހުންނާނެ ކަމަށެވެ.

"އަހަރެންގެ އަމާޒަކި ރެއާލްގައި 2018 ވަނަ އަހަރާ ހަމަށް ކުޅުން. އަހަރެންގެ ކޮންޓްރެކްޓް ފުރިހަމަ ކުރަން ބޭނުންވަނީ ރެއާލްގައި. ދެން އެއަށް ފަހު ކަންތައްތައް ވާނެގޮތް ޖެހޭނީ ބަލަން،" ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ކުޅުންތެރިޔާ ބުންޏެވެ.

އޭނާ ބުނީ ސްޕެނިޝް ލީގަކީ ދުނިޔޭގެ އެންމެ މޮޅު ލީގު ކަމަށާއި ގިނަ އަދަދެއްގެ މޮޅު ކުޅުންތެރިން ލީގުގައި ކުޅޭތީވެ ސްޕެނިޝް ލީގަކީ ވަރަށް ވާދަވެރި ލީގެއް ކަމަށެވެ.

"އަހަރެން ޕްރެމިއާ ލީގުގައި ވެސް ކުޅެފިން. ސްޕެނިޝް ލީގަކީ އެންމެ ވާދަވެރި ލީގު. އަހަރެން އުއްމީދު ކުރަނީ މި ލީގުގައި ގިނަ އަހަރުތަކެއްގައި ކުޅުމަށް،" ރޮނާލްޑޯ ބުންޏެވެ.