ރައީސް އަބްދުﷲ ޔާމީން

ޔާމީން ވާދަކުރައްވާނެ، ހުވާވެސް ކުރައްވާނެ: އަމީން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރުން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނުގެ ކެމްޕޭން މެނޭޖަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕޭން މެނޭޖަރު މުހައްމަދު އަމީން (ކެޕްޓަން އަމީން) ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށާއި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"ރައީސް ޔާމީންގެ ނަންފުޅު (ވޯޓު ކަރުދާހުގައި) އޮންނާނެ. ރައީސް ޔާމީން 2023ގައި ހުވާވެސް ކުރައްވާނެ،" އަމީން ވިދާޅުވި އެވެ.

އީދު ބަންދަށްފަހު ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ކެމްޕޭނަށް ފައިސާ ހަމަޖެހިފައިވާއިރު އެއީ ޕީޕީއެމްގެ ފައިސާ ކަމަށް އަމީން ވިދާޅުވި އެވެ.

"އީދު ބަންދަށްފަހު އިންތިހާބުގެ ހަރަކާތްތައް ކިކްއޮފްކޮށް، ޕާޓީގެ ސިޔާސަތުތައް ނެރެ، މެނިފެސްޓޯ އިއުލާނުކުރާނެ ވާހަކަ ދަންނަވަން،" އަމީން ވިދާޅުވި އެވެ.

އަމީން ވަނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގައި ފެކްޝަން އުފެދިފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ފެށުން ލަސް ނޫން ކަމަށާއި ވަރުގަދަ ސްކޭލެއްގައި ކެމްޕޭން ކުރަން ދެ މަސް ދުވަސް މަދު ނޫން ކަމަށްވެސް އަމީން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ޑެޕިއުޓީ ކެމްޕޭން މެނޭޖަރު އަބްދުﷲ ނާޒިމްވެސް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ޝަރީއަތަކީ ސިޔާސީ ޝަރީއަތެއް ކަމަށާއި ނަމަވެސް ވަގުތު ޖެހޭއިރު ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.