ފެނަކަ ކޯޕްރޭޝަން

ދައުރުކުރަނީ ފޭކް މެސެޖުތަކެއް: ފެނަކަ އެމްޑީ ސައީދު

އޭނާގެ ނަމުގައި ދައުރުކުރަމުންދާ މެސެޖުތަކަކީ އަސްލެއް ނެތް މެސެޖުތަކެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދުއާ ގުޅުންހުރި ވާހަކައެއް އޭނާ ދޮގުކޮށްފައި މިވަނީ ބަޔަކަށް ވަޒީފާ ދޭނެ ކަމަށް ބުނެ ސައީދުގެ ނަމުގައި ރެއިން ފެށިގެން މެސެޖުތަކެއް ސޯޝަލްމީޑިއާގައި ދައުރުކުރަން ފެށުމުންނެވެ.

ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއާއި ފެނަކަ ކޯޕަރޭޝަންގެ ނަން ބޭނުންކޮށްގެން ދައުރުކުރަމުންދާ މެސެޖުތަކަކަކީ އެއްވެސް ހަގީގަތެއް ނެތް މެސެޖުތަކެއް ކަމަށެވެ. އެފަދަ މެސެޖުތަކެއް ދައުރުކުރަނީ އޭނާގެ އަބުރު ކަތިލުމަށް އަދި ފެނަކައިގެ އަގު ވައްޓާލުމަށް ކަމަށްވެސް ވިދާޅުވި އެވެ. އަދި އެއީ ނާތަހުޒީބު ފިނޑި އަމަލެއް ގޮތަށްވެސް ސިފަކުރެއްވި އެވެ.

"އެފަދަ އެއްވެސް މުއާމަލާތެއް ނުހިންގާނެ ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަން،" ސައީދު ވިދާޅުވި އެވެ.

ސައީދު އަށް މީގެކުރިންވެސް ކޮރަޕްޝަންގެ ތުހުމަތު އަމާޒުވުމުން އެ ވާހަކަތައް އޭނާ އޭރުވެސް ދޮގުކުރެއްވި އެވެ.