ހަބަރު

ބޭންކްތަކުގެ ބައެއް މުވައްޒަފުން ހިޔާނާތުގައި ބައިވެރިވޭ: ރައީސް

މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގައި ބޭންކްތަކުގެ ބައެއް މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ރައީސް ތުހުމަތުކުރައްވައިފި އެވެ. ރައީސް ވިދާޅުވީ، ހިޔާނާތުގައި ބޭންކުތަކުގެ އިހުމާލު ވެސްވާ ކަމަށެވެ.

އިއްޔެ ނ. ކުޑަފަރީ ބަނދަރު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަކީ ދިވެހިރާއްޖޭގައި ހިނގާފައިވާ އެންމެ ބޮޑު ކަރަޕްޝަންގެ މައްސަލަ ކަމަށެވެ. އެފަދަ ބޮޑު ހިޔާނާތެއް ހިންގުނީ އޭގައި ބޭންކްތަކުގެ ނުވަތަ ބޭންކުތަކުގެ މުވައްޒަފުންގެ ބައިވެރިވުމެއް ވެސް އޮތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ފައިސާ މި ދައުރުކުރަނީ ބޭންކް މެދުވެރިކޮށް ކަމަށްވާތީ، ބޭންކްގެ ތެރޭގައި ވެސް އިހުމާލުވުމެއް ނުވަތަ ބައެއް މުވައްޒަފުން އަމިއްލަ ގޮތުން ވެސް މީގައި ބައިވެރިވުންތަކެއް ހުރީމައި މި ގޮތަށް މި ހިނގީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ބޭންކު އެތެރޭގައި ފައިސާ ދައުރުވާ ގޮތް ބަލަން ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ނޫނީ އޮޑިޓާ ޖެނަރަލް ނުދާނެ ކަމަށާއި ބޭންކު އެތެރޭގައި ހިނގާ އެފަދަ ކަންކަން އެނގޭނީ ގޯހެއްވެއްޖެކަން އެނގުމުން އެކަމެއް ބެލުމުން ކަމަށެވެ.

"ސަރުކާރު ހިންގަން ހުންނަ މީހާއަށް ނޭނގިދާނެ، އެއީ ބޭންކް އެތެރޭގައި ފައިސާ ދައުރުވާ ގޮތް ބަލަން ރައީސް އޮފީހުން ނުވަތަ އޮޑިޓާ ޖެނަރަލުން ބޭންކްތަކަށް ނުދާނެ، އެކަން އެނގެނީ ގޯހެއް ވެއްޖެކަން އެނގިޖެނަމަ އެކަން ބަލައިގެން، ކަންކަން ކުރައްވަން ތިބޭ ފަރާތްތަކުން މި ކަންކަން ކުރުމަށް އެހީތެރިވާނަމަ ކަންކަން ކުރެވޭނެ، ކިތަންމެ ވަރުގަދަ ނިޒާމެއް ގާއިމުކުރިޔަސް ކުރެވޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ފައިސާތައް ރައީސް އާއި މެޑަމް ފާތުމަތު އިބްރާހިމްގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ތުހުމަތުކުރާއިރު، އެކަން އެނގޭ އެއްވެސް ލިޔުމެއް ފެންނަން ނެތް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ ފައިސާ ރައީސްގެ ދެކަނބަލުންނަށް ހަވާލު ކުރި ނަމަ ނޫނީ އެހެން ގޮތަކުން ވެސް ޕީޕީއެމްއާ ހަވާލު ކުރި ނަމަ އެ ފައިސާ އެއް ހަވާލު ކުރި ގޮތެއް އޮންނަން ވާނެ ކަމަށެވެ. އަދި އެކަމަށް ހެކިދޭ ލިޔެކިޔުމެއްހާ ހިސާބު ވެސް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ އެހުރީ އެބޭފުޅުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައި، ދެން އެ ފައިސާއަކީ އަޅުގަނޑަށް ލިބުނު ފައިސާ ކަމާއި އަޅުގަނޑުގެ އަންހެނުންނަށް ދިން ފައިސާ ކަމާއި ޕީޕީއެމްއަށް ދެއްވި ފައިސާ ކަމަށް ވިދާޅުވި ނަމަވެސް އަޅުގަނޑު މިއަދު ދިވެހި ރައްޔިތުންނަށަށް ދަންނަވާލަން ބޭނުންވަނީ އޭގައި ހަމަ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނެތޭ، އެ ފައިސާ އަޅުގަނޑުމެންނާ ހަވާލުކުރެއްވިނަމަ އެ ފައިސާ އަޅުގަނޑުމެންނާ ހަވާލުކުރި ގޮތްތަކެއް އޮންނާނެ، އަދި އޮޑިޓް ރިޕޯޓަކުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބަލާއިރު އެ ފައިސާ އަޅުގަނޑުމެންނާ ހަވާލުކުރިނަމަ އެ ފައިސާ އަޅުގަނޑުމެންނާ ހަވާލުކުރިކަމުގެ ލިޔުންތަކެއް އޮންނަންވާނެ،" ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ބޮޑު ހިޔާނާތެއް ހިނގަން މެދުވެރީ އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީއަކީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބެލުމުގެ ދަށުގައިވާ ދެން ތަން ކަމުން ފާރަލުމަށް ތިބޭ މުއައްސަސާތަކަށް ހުރަސްތަކެއް ކުރިމަތިވުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.