ވާހަކަ

ގަހަނާ ފޮށި

( 22 ޖޫން 2023 އާ ގުޅޭ )

އިސްޖަހާލާފައި އަހަރެން އިސްއުފުލާލީ ހިނދު އަތިރިމަތިން ހިނގަމުންދިޔަ އަންހެންކުއްޖާ ފެނުނެވެ. އެއީ އިއްޔެ ހަވީރު އަހަރެންނަށް ފެނުނު އަންހެންކުއްޖާކަން ވަގުތުން އެނގުނެވެ. އަހަރެން ތަންކޮޅެއް ބާރަށް އޭތްޔޭ ގޮވާލީމެވެ. އަދި ކޮފީޖޯޑު ހިފައިގެން އަތިރިމައްޗަށް ފައިބަން ހިނގައިގަތީމެވެ. އެ އަންހެންކުއްޖާ ބަލާނުލިއިރު އޭނާ ހުރީ ތެމިފޯވެފައެވެ.

ދެ ފަހަރަކު އަހަރެން ގޮވާލީމާ ވެސް އަހަރެންގެ އަޑު އޭނާއަށް ފޯރި ކަމަކަށް ނުވިއެވެ. އެހެންނޫންނަމަ ހުއްޓި އަހަރެންނަށް ބަލާލާނެކަން ޔަގީނެވެ. ޚިޔާލެއް ފިކުރެއްނެތް މީހަކު ފަދައިން ލަސް ހިނގުމެއްގައި އޭނާ ކުރިޔަށް ދިޔައެވެ. އަތުގައި ހިފަން ހިތަށް އެރިއެވެ. އެކަމަކު އަހަރެންނަށް އޭނާ އެހާ ރަނގަޅަށް އެނގެނީއެއް ވެސް ނޫނެވެ. ވީއިރު އަންހެނަކަށްވެ ހުރެ އަންހެންކުއްޖެއްގެ އަތުގައި ހިފާތަނުން އޭނާ ރުޅި އަތުވެދާނޭތީ ވިސްނާލެވުނެވެ. އެ ވިސްނުމުގެ ސަބަބުން އަހަރެން އޭނާގެ ކުރިކެނޑީއެވެ. ޔަގީނުން ވެސް ކުރިމަތީ ހުންނަ މީހަކު ފެންނަންވާނެތާއެވެ. އަހަރެން ހީކުރި ފަދައިން އޭނާ ހުއްޓުނެވެ. އަހަރެމެންގެ ނަޒަރު ސީދާ ވެލިއެވެ.

"ކޮންތާކަށް ތިދަނީ؟. މޫދަށް އެރުނީތަ؟... ހާދަ ހެނދުނަކާ މިހިސާބަށް ތިއައީ... އަނެއްކާ މިފަހަރު ވެސް އެކަނިތަ އައިސް ތިއުޅެނީ." އަހަރެން އޭނާއާ ވާހަކަދެއްކީމެވެ.

އެ އަންހެންކުއްޖާގެ މޫނުން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ. ހަރަކާތެއް ނުކޮށް އޭނާ އަހަރެންނަށް ބަލަން ހުރީއެވެ. އަހަންނާ ވާހަކަދައްކަން ބޭނުންނުވަނީބާއޭ ހިތަށް އެރިއެވެ. ރައްޓެހިކަން ބަދަހިކަން ކުރަން އުޅެވުނީ އަހަންނަށޭ ހީވިއެވެ.

"ފެނުނީމަ ހަމަ ގޮވާލީ... ދަނީ އިނގޭ." ގިނަ ވާހަކަތަކެއް ނުދައްކާ ދާން އަހަރެން ނިންމީމެވެ. ނަމަވެސް އަހަރެންނަށް އެނބުރިނުލެވެނީސް އެ އަންހެންކުއްޖާ ކަނާއަތް އުފުލާލިއެވެ. އިޝާރާތެއްވީތީ އަހަރެން މަޑުކޮށްލީއެވެ. އޭނާ އަތް ދިއްކޮށްލީ އަހަރެންގެ ކަރާ ދިމާއަށެވެ. ވަގުތުން ފަހަތަށް ފިޔަވަޅެއް އަހަރެންނަށް އަޅާލެވުނީ ޖެހިލުންވެގެންނެވެ. އޭނާގެ ގަސްދަކީ ކޮބައިކަން ނޭނގޭތީއެވެ. އޭނާ ދެން ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. އަހަރެންނަށް އެއްޗެއް ދައްކަން އުޅޭ ފަދައިންނެވެ. އޭނާ އިޝާރާތް ކުރަނީ އަހަރެންގެ ކަރަށްކަން އެނގެއެވެ. ބޭއިޚްތިޔާރުގައި ކަރުގައި އަތްހާކާލެވުނީ އެހެންވެއެވެ. އެހިނދު ކަރުގައި އޮތް ފަށުގައި އަތް ޖެހުނެވެ.

"އޭނާ އިޝާރާތް އެކުރަނީ މި ފަށަށްތަ؟." އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. އެކަން ޔަގީންކުރާން ބޭނުންވިއެވެ. އެހެންވެ ފަށުފުލުގައި ހިފާލުމާއެކު އަހަރެން ސުވާލުކޮށްލީމެވެ.

"ކޯއްޗެއް؟. މިފަށްތަ؟." އަހަރެން އެހީމެވެ. މިފަހަރު އޭނާ ބޯޖަހާލައިފިއެވެ. ކުރީން އަހަރެން ކުރި އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއް ނުދިނީތީ ހައިރާންވިއެވެ.

"ރީތިތަ؟." އަހަރެން އަހާލީމެވެ. އެއާއެކު އޭނާ އަނެއްކާވެސް ބޯޖަހާލީއެވެ. ދެން އަތްތިލަ ހުޅުވާލައި އަހަރެންނަށް ދިއްކޮށްލިއެވެ. އަހަރެންގެ ފަށް އޭނާ ބޭނުންވީ ކަހަލައެވެ. އިޝާރާތުން އެ ބުނަނީ އޭނާއަށް ފަށް ދޭށޭ ކަހަލައެވެ. އަހަރެން ވަރަށް އަޖައިބުވިއެވެ. މީ އަނެއްކާ ކޮންކަހަލަ އަންހެންކުއްޖެއްބާއޭ ހިތަށް އެރިއެވެ. ރީތިވާހާ އެއްޗެއް ބޭނުންވާ ކަހަލަ އަންހެންކުއްޖެއްބާއެވެ.

"ސޮރީ... މީ ވަރަށް ޚާއްޞަ އެއްޗެއް. ޚާއްޞަ މީހަކު ދީފައި އޮތް ހަދިޔާއެއް... އެހެން ލިބޭ ހަދިޔާ އެހެން މީހުންނަށް ދޭކަށްނުވާނެއެއްނު." ސީދާ ނުލިބޭނޭ ނުބުނަންވެގެން އަހަރެންގެ ބަސްތައް ތަންކޮޅެއް ރީތިކޮށްލީމެވެ. އޭނާ ކުރިޔަށް ޖެހިލިއެވެ. އަދި އަހަންނަށް ދިއްކޮށްލައިގެން ހުރި އަތްތިލަ ތަޅުވާލިއެވެ. އަހަރެން ކުޑަކޮށް ބިރުގަންނަން ފެށިއެވެ. އަހަރެން ފަށް ނުދީފިއްޔާ އޭނާ އަނެއްކާ ގަދަކަމުން އަހަރެންގެ ކަރުން އެ ފަށް ފޭރިގަނެދާނޭ ހިތަށް އެރިއެވެ. އެހެންވިއްޔާ މީ ވަރަށް ނުރައްކާތެރި އަންހެންކުއްޖަކަށް ވާނެއެވެ. މީ ފިރިހެނުންނަށްވުރެ ވެސް ކަންކަން ކުރުމުގައި ކުޅަދާނަކަމަށް އަންހެނުން ދަޢުވާކުރާ ޒަމާނެއްވިއްޔާއެވެ. ވީއިރު މި އަންހެންކުއްޖާއަކީ ފޭރޭ މީހަކަށްވެދާނެއެވެ. ދެ ފަހަރު ފެނުންއިރު ވެސް ފެނުނީ އެކަނި އުޅޭތަނެވެ. އެހާ ބިރުކުޑަކޮށްލައިގެން އުޅޭން ކެރޭނީ ފިސާރި ޖެހިލުންކުޑަ އަންހެނަކަށެވެ.

"ސޮރީ... މިއެއް ނުދެވޭނެ." ވައަތުގެ މުށުތެރެއަށް ފަށުފޫ ލައިގެން ހުރެ އަހަރެން ފަހަތަށް ޖެހެންފެށީއެވެ. އޭނާގެ ދެ ލޮލުން މާޔޫސްކަން ފާޅުވާންފެށިއެވެ. އެނބުރި ދުއްވައިގަންނަން އަހަރެން ނިންމީމެވެ. ފައިސަލް އަހަރެންނަށް ގޮވާލީ ހަމައެވަގުތެވެ. އޭނާ ހުރީ ގެސްޓްހައުސްގެ ދޮރޯށިން ބޭރަށް ނުކުމެއެވެ. އެ ދިމާއަށް އަހަރެން ބަލާލިހާއިރުން އަހަރެންގެ ކައިރީ ހުރި އަންހެންކުއްޖާ ހިނގައިގަނެއްޖެއެވެ. އަހަރެން ވެސް ހަލުވި ހިނގުމުގައި ފައިސަލްގެ ކައިރިޔަށް ހިނގައިގަތީމެވެ.

"މިއަދު ކޮފީ ބުއިން އޮތީ ބީޗުގަތަ." ފައިސަލްއާ ކައިރިއަށް އާދެވުމުން އަހާލިއެވެ.

"އެއްކަލަ ހަންޑިކުއްޖާ ފެނުނީ. އޭނާއާ ވާހަކަދައްކާލަން ދިޔައީ." އަހަރެން ބުނީމެވެ. އެއާއެކު ފައިސަލް ހީނގަތެވެ.

"ދެން ފަހަރަކުން މަގޭ ސަލާމް ބުނާތި." ހެމުންހެމުން ފައިސަލް ބުންޏެވެ. އަދި އޭނާ ހިނގައިގަތީ ގެސްޓްހައުސް ދޮރޯށިން ވަންނާށެވެ. އަހަރެން ފަސްއެނބުރި ބަލާލީމެވެ. އެނބުރި ވަންނަން ދިއުމުގެ ބަދަލުގައި އަހަރެންގެ ފިޔަވަޅު މަޑުޖެހުނީއެވެ. އަތިރިމަތިން އެ އަންހެންކުއްޖާ ފެންނަން ނެތީމައެވެ. އެހާ އަވަހަށް އޭނާ ދިޔައީ ކިހިނެއްބާއޭ ސުވާލު އުފެދުނީއެވެ. ގެސްޓްހައުސްގެ ދޮރުމަތީ ހުއްޓަސް އަތިރިމަތީން ހިނގާފައިދާ މީހަކު ދުރުދުރަށް ދަންދެން ބޯކޮޅު ފެންނާނެއެވެ. ފައިސަލް އޭނާއާ ކުރިމަތިލާފާނޭތީ ފިލަން ވާ ހެދިފައި އޮތް ގަސްތަކުގެ ތެރެއަށް ގޮސް ވަނީބާއެވެ. އެކަމަކު ފައިސަލްއަށް އެފަދަ މަންޒަރެއް ފެނުނުނަމަ އެ ވާހަކަ ނުދައްކާ ހުރެދާނެބާއެވެ. އޭނާ ވާހަކަދެއްކި ގޮތުން އެ އަންހެންކުއްޖާ ފެނުނުކަމެއް ޔަގީނެއްނޫނެވެ.

"އާނަ... އަދިވެސް ހުރީތަ؟. ސައިނުބޯ ދުވަހެއްތަ؟. ދެން އާދޭ." އަހަރެން ނުގޮސްގެން ފައިސަލް ދޮރޯށިން ބޭރަށް ބޯދިއްކޮށްލައި ވާހަކަދެއްކިއެވެ. ހައިރާންކަމާއި އުފެދިފައިވާ ސުވާލުތަކާއެކު އަހަރެން ފައިސަލްގެ ފަހަތުން ގެސްޓްހައުސްއަށް ވަދެގެން އައީއެވެ. އެހެންނަމަވެސް ހިތުގައި އޮތީ ދެން އެ އަންހެންކުއްޖާ އަހަރެންނަށް ފެނިއްޖެނަމަ ފައިސަލްއަށް ދައްކާނަމޭއެވެ.

* * * * *

އަހަރެން އައިސް އިތޫ މެންގެއަށް ވަންއިރު އޭނާއާއި ސީރަތާ ތިބީ ސިޓިންރޫމު ސޯފާގައެވެ. އަހަރެން ފެންނައިރަށް އިތޫގެ މޫނު އުޖާލާވެއްޖެއެވެ. މީހެއްގެ ކުރިމަތީ އޭނާ އަހަރެން ބޭޒާރު ނުކުރިޔަސް އެކަނިވާއިރަށް ފައިސަލްއާ ގުޅުވާ ނިކަން ދިމާކުރެއެވެ. އަހަރެން އައިސް އެ މީހުންގެ ކައިރީ އިށީނީއެވެ. އިތޫގެ އުނގުމަތީ ބަހައްޓާލައިފައިވާ ލެޕްޓޮޕުން އޭގެ ދެ މީހުން އެއްޗެއް ބަލަނީއެވެ.

"މައިދައިތަ އަންގައިފި ކައިވެނި ހެދުން ފަހަން އުޅޭން." ސީރަތު އަހަންނަށް ބަލާލާފައި ވަގުތުން ޚަބަރު ދީފިއެވެ.

"އޯ... ހެދުން ފައިނަލް ކުރަންވީ ވަގުތު ޖެހުނީ ދޯ." ނިކަން ހިނިއައިސްފައި އަހަރެން ބުނީމެވެ. އަދި އިންތަނުން ތެދުވެ އޭގެ ދެ މީހުންގެ ގާތުގައި އަހަރެން އައިސް އިށީނީމެވެ. ލެޕްޓޮޕްގެ އިސްކުރީނުން ފެންނަން ހުރީ ބުރުގާއާއެކު ހުރި ކައިވެނި ހެދުންތަކުގެ ފޮޓޯއެވެ.

"ބްލޫޝޭޑް އިނގޭ ކުލައަކީ." އިތޫ ބުންޏެވެ.

"ތިހެންވީރު އަހަރެން ވެސް ޖެހޭނީ ހެދުމެއް ހޯދަން." އަހަރެން ބުނީމެވެ. އިތޫގެ ކައިވެނީގެ ޙަފުލާގައި ލާން އަހަރެން ގެނައީ ކަޅުކުލައިގެ ހަވީރީ ހެދުމެކެވެ. ކުރީން ވެސް އަހަރެންނަށް އެނގޭކަމަކީ ޒަފަރުއާއި ދެ ފަރާތުގެ ޢާއިލާއާ މަޝްވަރާ ކޮށްފައި ނޫނީ ކައިވެނީގެ އެއްވެސް ކަމެއް އިތޫ ނުނިންމާނޭ ކަމެވެ.

"އެކަމާ ހާސްނުވޭ. އާނައަކީ މިގޭ ކުއްޖެއް. އެހެންވީމަ އަހަރެމެން އެކަމާ އުޅޭނީ... އެހެންނު އިތޫ." ސީރަތު ބުންޏެވެ.

"އާން. މިރޭ ޝޮޕިންނަށް ނުކުންނަން މިއުޅެނީ. އާނަ ދާންވާނެ އަހަރެމެންނާއެކީ. ފޮތިގަންނަން އެނގޭނީ އޭރުން... ދޮންތަބޭގެ ކޮއްކޮ ޖީހާން ފެނިފައި ހުންނާނީ އާނައަށް. އޭނާ ނިކަން މޮޅުވާނެ ފަހަން. މިގޭ މީހުންގެ ހެދުން ފަހައިދޭނީ އޭނާ. ދޮންތަ ބުނެފަ އޮތީ ފޮއްޗާއި ޑިޒައިން ހިފައިގެން އެގެއަށް އަންނަން. އެކަމަކު މަގޭ ވެޑިންޑްރެސް ނުލާ އިނގޭ. އެކަމާ ޒަފަރު މަންމަ މާކުރިން ހަވާލުވެއްޖެ... ބަލާބަލަ އާނަ. މީ ޒަފަރު މަންމައަށް ކަމުދިޔަ ޑިޒައިންތަކޭ ކިޔާފައި ޒުހާ ފޮނުވާފައި ހުރި ފޮޓޯތައް. ޔޫގެ ޚިޔާލެއް ދީބަލަ." އިތޫ ބުންޏެވެ.

ދުވަހުގެ ބޮޑުބައި ހޭދަވެގެން ދިޔަ ކަމަކަށް ހެދުން ފައިނަލް ކުރުން ވިއެވެ. ބުރުގާ ނާޅާ މީހަކަށް ހުރީ އަހަރެންނެވެ. ބަލަމުންދިޔަ ފޮޓޯތަކުން އަހަރެންނަށް ކަމުދިޔައީ ސެޓިން ފޮތީގައި ކަށިމައްޗާ ހަމައަށް ހުރި ހަވީރީ ހެދުމެކެވެ. ޒީނަތްތެރިކުރުމުގައި ހެދުމުގައި މާ ގޮތްބޮޑުކޮށްފައެއް ނެތެވެ. ލޭސްފޮތީގެ އަތްކޮޅަކާއި މަތީބުރީގެ ކުރިމަތީގައި ހުރީ ހުދުކުލައިގެ ތަންކޮޅެއް ބޮޑެތި މިނާފުށް ދުރުދުރުގައި ހަރުކޮށްލާފައެވެ. އިތޫއާއި ސީރަތަށް ވެސް އަހަރެންގެ އެ ހޮވުން ކަމުދިޔައެވެ. އޭރު އިތޫ ވެސް ވަނީ ކައިވެނި ޙަފުލާގައި ލާން ހެދުމެއް ހޮވައިފައެވެ. އަހަރެމެން ތިން އަންހެނުންގެ މަޝްވަރާއަށްފަހު ނިންމީ ޒަފަރު މަންމަ ފޮނުވާފައި ހުރި ފޮޓޯތަކުން ޑިޒައިނެއް ނެގުމަށެވެ. އަސުރުން ފައިބައިގެން ގެއަށް އައި އިތޫގެ ބައްޕަ ވެސް ހަވީރުގެ ސަޔަށް އަހަރެމެން އަރަންދެން އިނީ އަހަރެމެންގެ މަޝްވަރާގެ އަޑު އަހަން ސިޓިންރޫމުގައެވެ. ފާޑެއްނުކީ ނަމަވެސް އެ ބައްޕަގެ ޚިޔާލު ވެސް ދޭތެރެއަކުން ހޯދައެވެ. އިތޫގެ ކައިވެނި ކުރެވެން އުޅޭތީ އެ ބައްޕަގެ މޫނުން ހިތްހަމަޖެހުމުގެ އުފާވެރިކަން އަހަރެން ދުށީމެވެ.

އިރުއޮއްސޭ ވަގުތަކީ އަބަދުވެސް އަހަރެން އިތޫމެން ގޭގައި އެކަނިވާ ވަގުތު ކޮޅެކެވެ. އެންމެން ނަމާދަށް ދިޔައީމައެވެ. އިތޫ އަންނަންދެން އެހެންޏާ ވެސް އިންނަހެން ސިޓިންރޫމު ސޯފާގައި އަހަރެން އިނީމެވެ. ގޭގެ މައިދޮރު ފެންނާނޭހެންނެވެ. ކުރިމަތީ ހުރި ކޮފީމޭޒުމަތީގައި އިތޫ ޕްރިންޓުކޮށްފައި ހުރި ހެދުން ޑިޒައިންތަކުގެ ކަރުދާސްތައް ހުއްޓެވެ. ފަންކާގެ ވަޔާ އުދުހިގެން ގޮސްދާނެތީ އެ ކަރުދާސް ހުރީ ލެޕްޓޮޕްގެ ދަށަށް ކޮންމެވެސް ވަރަކަށް ކޮށްޕާލައިފައެވެ. އެ ކަރުދާސްތަކަށް ބަލަން އިނދެފައި އަހަރެން ދޮރުން ބޭރަށް ނަޒަރު ހުއްޓާލީމެވެ. ވަކި މިސްރާބެއްނެތިއެވެ. އެ ހަނދާންތަކުގެ ޚިޔާލު ސިކުނޑިއަށް ވެރިވާން ފުރުޞަތު ލިބުނީ އަހަރެން އެކަނިވީ ވަގުތެވެ. އަހަރެން ވެސް ކައިވެންޏަށް ވަރަށް ތައްޔާރުވީމެވެ. ކައިވެނި ކުރަން ނިންމީ ވެސް ރީތި ތާރީޚަކާ ދިމާކޮށްފައެވެ. ދެމަސް ކުރީން ކައިވެނީގެ ވަލީމާ ބާއްވާނޭ ގޮތަކާމެދު ޒިޔާންއާއި އަހަރެންގެ ޢާއިލާގެ މެދުގައި މަޝްވަރާކުރެވި ރޭވުންތައް ރާވަން ފެށިއެވެ. ކައިވެންޏަށްފަހު އަހަރެމެންގެ މާމުއިހަނދުވަރުގެ ދުވަސްތައް ހޭދަކުރާނޭ މަންޒިލަކަށްވީ ތުރުކީއެވެ. ކައިވެނީގެ ފުރަތަމަ މަރުހަލާ ކަމުގައި އިންނަން ރަންކިޔުން ވެއެވެ. އަހަރެން ރަން ވެސް ކީމެވެ. ކައިވެނީގެ ފޯމު ފުރައި ކޯޓަށް ހުށަހަޅައި އަހަރެމެން ބޭނުންވީ ތާރީޚަށް ހަމަވެސް ޖެހުނެވެ. ކައިވެނީގެ ވަލީމާގެ ގޮތުގައި ބާއްވާ ޙަފުލާގައި ދެ ޢާއިލާގެ ހާޟިރުގައި ކައިވެނި ކުރާގޮތަށް ހުރިހާކަމެއް އޮތީ ނިމިފައެވެ. ހުރިހާކަމަށް ތައްޔާރުވަމުން އައީ ނިކަން ފޯރީގައެވެ. ކައިވެނި ޙަފުލާގެ ތީމްއަކީ އިރުއޮއްސޭ މަންޒަރުގެ ކުލަތަކެވެ. ތިމާގެ މީހުންނާއި ގާތްއެކުވެރީންނާއި އެކުގައި މަސައްކަތްކުރާ މީހުންނަށް ކައިވެނީގެ ވަލީމާއަށް ދަޢުވަތު ފޮނީމެވެ. އެންމެން ވެސް ދަޢުވަތު ކާޑު ފެނި އެއަށް ތަޢުރީފު އޮއްސިއެވެ. ކާޑު އެހާ ޚާއްޞަވުމުން ކައިވެނީގެ ޙަފުލާގެ ޒީނަތްތެރިކަން ހުންނާނޭ މިންވަރު ދުށުމަށް އެންމެން ވެސް ތިބީ އިންތިޒާރުކޮށްގެންނެވެ. ވާންއުޅޭ އަލަތު ދެމަފިރިންނަށް ޚާއްޞަ ކުރެވިފައިވީ ހުދާއި މެރޫން ކުލައެވެ. އެކަމަކު އެ ހުދުކުލައިގެ ކައިވެނި ހެދުން ލާން އަހަރެންނަށް ފުރުޞަތު ލިބުނީ ހަށިގަނޑަށް ހެދުން ހެޔޮވަރު ކުރާން ލީ ދުވަހު އެކަންޏެވެ. އަހަރެންގެ ނަސީބު ނިކަން ދެކެބަލާށެވެ. ކައިވެންޏަކަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވުމަށްފަހު ވެސް ކައިވެނި ނުކުރެވުނެވެ. ކުރި ހުރިހާ ހޭދައެއް ބޭކާރުވީއެވެ.

"މިސްޓޭކެއް ހެދޭނީ އެންމެ ފަހަރަކު... ތަކުރާރުކޮށް އެކަމެއް ހިނގާނަމަ އެއީ މިސްޓޭކެއްނޫން. އެހިސާބުން އެއީ ތިމާ އިޚްތިޔާރު ކުރި ގޮތް." ހިތާހިތުން އަހަރެން ކިޔާލީމެވެ. ހަނދާންތަކުން އަހަރެންގެ ސިކުނޑިއަށް ބަރުވެ ރިހެންފެށިއެވެ. ފައިގައި ވިއްދާލި ދެ އަތުގެ ތެރޭ އަހަރެން މޫނު ފޮރުވާލީމެވެ. އިތޫ އަހަރެންނަށް ގޮވާލީ އެގޮތުގައި އިރުކޮޅެއްވީ ފަހުންނެވެ.

"ކީއްވެ މޫނުގައި އަތްއަޅައިގެން ތިއިނީ." އަހަރެންގެ ކައިރީ އިށީންނަމުން އިތޫ އަހާލިއެވެ.

"ހަމައިނީ." އަހަރެން ކަމެއްނުވާކަމަށް ހެދުނީމެވެ. ނަމަވެސް އިތޫ އަހަރެންގެ އަތުގައި ހިފާލިއެވެ. ފަރުވާތެރި ބެލުމަކުން އަހަރެންނަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

"ބުނޭ... އަނެއްކާ... ޔޫގެ ހޫމްހޫމްގެ ކަމެއްތަ؟." އިތޫ ނޫންގޮތަކަށް އެ އިޝާރާތްކުރީ ފައިސަލްއަށްކަން އަހަރެންނަށް އެނގުނެވެ. އަހަރެން ދެ ފަރާތަށް ބޯހޫރާލީމެވެ. އެވަރުން ވެސް އިތޫ ދުލެއް ނުކުރިއެވެ.

"ބޭކާރު ކަމަކާ ވިސްނުނީ." އަހަރެން ބުނީމެވެ.

"ޒިޔާންތަ؟." އިތޫ ނަގައިގަތްލެއް އަވަހެވެ. އަހަރެން އާނއެކޭ ބުނަން ބޯޖަހާލީމެވެ.

"އިތޫ... އަހަރެން ކޮންމެ މީހަކާ ގުޅުނަސް ހިތުގައި އޮވޭ ޒިޔާންހެން އަހަރެންނަށް އޮޅުވާނުލާނެބާއޭ. އެ ވިސްނުމުން އަރައިގަނެވިދާނެބާއޭ." ޒިޔާންގެ ސަބަބުން ހިތަށް ފޭދުނު ވިހައިގެ އަސަރު އަހަރެން ހާމަކުރީމެވެ.

"ހުރިހާ ފަހަރަކު އެހެނެއްނުވާނެ. އިންޝާﷲ... އާނައަށް މެރީ ކުރެވުނީމަ އެ ދުވަހަކުން އަލުން އިތުބާރު ކުރެވޭނެ. ހަޤީޤީ ލޯތްބަކީ ކޮބާކަން ވެސް އެނގޭނެ. އިރާދަކުރެއްވިއްޔާ އެ ދުވަސް ދުރެއްނޫން. އަހަރެން ދުޢާކޮށްދޭނަން. އާނަގެ ހަޔާތަށް ވަރަށް ރަނގަޅު ބައިވެރިއަކު ލިބެން އަދި އާނަދެކެ މޮޔަވާވަރަށް ލޯބިވާ... ދުވަހަކުވެސް އާނައަށް ބޭވަފާތެރި ނުވާނެ މީހެއް ލިބުމަށް. ދެން ޑައުންވެފައި ނީނދޭ." އިތޫ ހިނިތުންވެލިއެވެ. އަދި އަހަރެންގެ އަތުގައި ބައްދާލައި ކޮނޑުގައި އޭނާ ބޯއަޅާލިއެވެ.

"އަދުހަމް އެނގެއެއްނު. ޒިޔާންއާ ދެބެންގެދެދަރި." އަހަރެން އަހާލީމެވެ.

"އެނގޭ. އޭނަ ކިހިނެއްވީ." އިތޫ އަހަންނާއި ދުރަށް ޖެހިލައި ބަލާލިއެވެ. އަހަރެން ބޮޑު ވާހަކައެއް ބުނަން އުޅޭހެން އޭނާއަށް ހީވީ ކަންނޭނގެއެވެ. ނިކަން ސީރިއަސްކޮށް އަހަރެން ދައްކަން އުޅޭ ވާހަކައެއް އަޑުއަހަން ބޭނުންވެފައި އިންކަން އިތޫގެ މޫނުން ފާޅުވޭވޭ ހުއްޓެވެ.

"ޒިޔާންގެ އަނދިރި ފަރާތެއް އޮތްކަން އަހަރެންނަށް ކިޔާދިނީ އޭނަ. އެނގޭތަ..." އަހަރެން އިތޫއާ ނަޒަރު ވަކިކޮށްލީ އެކުވެރުޔާއަށް ބަލަން އިނދެ އެ ވާހަކަތައް ދައްކަން ފަސޭހަނުވީމައެވެ. އެހެންވިޔަސް އަހަރެންގެ ކައިވެނި ހުއްޓުމަކަށް އައިސް ޒިޔާންއާ އޮތް ގުޅުން ކަނޑާލީ ކީއްވެކަން އެއްވެސް މީހަކަށް ކިޔާ ނުދިނަސް އިތޫއަށް މިފަހަރު ކިޔައިދޭން ބޭނުމެވެ.

(ނުނިމޭ)