ފައްޔާޒް އިސްމާއީލް

ވަކި ފަރުދަކަށްވުރެ ގައުމާއި އެމްޑީޕީ ބޮޑު: ފައްޔާޒް

ވަކި ފަރުދަކަށްވުރެ ގައުމާއި އެމްޑީޕީ ބޮޑު ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް 18 އަހަރު ފުރުމުން ދެއްވި ވީޑިއޯ ބަސްދީގަތުމެއްގައި ފައްޔާޒް ވިދާޅުވީ ވަކި ފަރުދަކަށްވުރެ އެމްޑީޕީ އަދި ގައުމު އެ ޕާޓީގެ މެންބަރުންނަށް ބޮޑު ކަމަށާއި އެ ފަލްސަފާ ޕާޓީގައި އަށަގަތުމަކީ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ޕާޓީގެ އެތެރެއިން ގޮންޖެހުންތައް ކުރިމަތިވިކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ޕާޓީން މިއަދު ހާސިލުކޮށްފައިވާ ކާމިޔާބީގެ ދަތުރު ފަސޭހަ ނޫން ކަމަށެވެ.

"އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވި ތަކުލީފުތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލު ކުރާނެ އެންމެ އުނދަގޫ މަރުހަލާ،" ފައްޔާޒް ވިދާޅުވި އެވެ.

އުނދަގޫތަކުގައި ކެތްތެރިކަމާއެކު ޕާޓީން ހިފެހެއްޓީ އެމްޑީޕީގެ އަސާސު ކަމުގައިވާ ޑިމޮކްރަސީގެ ހަމަތައް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ހިތި ހަގީގަތްތަކާއެކު ހިތުގެ އެއް ފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީ ބަރުދާސްތުކުރިކުރުން،" ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމަށް ފާޑު ވިދާޅުވެފަ އެވެ.

ވާދަވެރި ސިޔާސީ ވިސްނުމެއް އޮތުމަކީ އޭރު ބޮޑު ކުށެއް ކަމަށާއި އެންމެ މީހަކު މުޅި އުމުރު ވެރިކަމުގައި ހުރުމަށް އޭރު ހުރަހެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކާއި އިންސާނީ ގަދަރާއި ކަރާމަތުގެ އެއްވެސް އަގެއް އޭރު ނެތެވެ.

"ހުރިހާ ކަމެއްގައި ރައްޔިތުން ތިބެންޖެހުނީ ބިރުން، ސަރުކާރަށް އަޅުދާސްތުވުމުގައި ފިތި ހަފުސްވެފައި" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ދިވެހިން ހަށިފޮޅާލައި މިނިވަންވުމަށް އުފެއްދި ނަމަކީ އެމްޑީޕީ އެވެ.