ވިލާ ގްރޫޕުގެ ދަށުން ހިމެނޭ އެކި ކުންފުނިތައް ބައިވެރިކޮށްގެން ކޮންމެ މަހަކު ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
މޯލްޑިވްސް ބްލަޑް ސާވިސަސް އާއި ވިލާ ގްރޫޕު ގުޅިގެން ފެށި ޕްރޮގްރާމުގެ މަގުސަދަކީ މެދުނުކެނޑި ލޭ ފޯރުކޮށްދިނުމާއި މުޖުތަމައުގައި ލޭ ހަދިޔާ ކުރުމުގެ މިންވަރު އިތުރުކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ލޭ ހަދިޔާ ކުރުމަކީ ފުރާނަ ސަލާމަތްކުރުމަށާއި ސިއްހީ ނިޒާމު ކުރިއެރުވުމަށް މުހިންމު ކަމެއް ކަމަށްވާއިރު ލޭ ފޯރުކޮށްދިނުމަކީ ރާއްޖެ ފަދަ ލޭގެ ޑިމާންޑު ބޮޑު ގައުމަކަށް ލިބޭނެ ކުރިއެރުމެއްކަން ވިލާ ގްރޫޕުން ވަނީ ފާހަގަކޮށްފަ އެވެ.
މެދުނުކެނޑި ލޭ ހަދިޔާކުރުމަށް ވިލާ ގްރޫޕުން ފެށި ޕްރޮގްރާމްގެ ސަބަބުން ބޭސްފަރުވާތަކާއި، ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް އެކަށީގެންވާ ވަރަށް ލޭ ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
"ވިލާ ގްރޫޕުން ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ މުހިންމުކަން ދެނެގަނެ، ހީވާގިކަމާއެކު ބައިވެރިވުމަށް ހިތްވަރު ލިބި، ގިނަ އަދަދެއްގެ ފަރުދުންނަށް މިކަމުން މަންފާ ލިބިގެންދާނެ،" ވިލާ ގްރޫޕުން ވަނީ ބުނެފަ އެވެ.
ވިލާ ގްރޫޕުން އިއްޔެ ފެށި ޕްރޮގްރާމަށް ބައިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
ޕްރޮގްރާމްގައި ބައިވެރިވެ ލޭ ހަދިޔާކުރި ބައެއް މުވައްޒަފުންނަކީ މުޅިން އަލަށް ލޭ ހަދިޔާ ކުރި މުވައްޒަފުންކަން ވިލާ ގްރޫޕުން ވަނީ ފާހަގަކޮށްފަ އެވެ.
ވިލާ ގްރޫޕުން ބުނި ގޮތުގައި ކުންފުނީގެ އުންމީދަކީ ކުރިއަށް އޮތް ލޭ ހަދިޔާކުރުމުގެ ހަރަކާތްތަކުގައިވެސް ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވެ ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމެވެ.