މުހްތާޒު މުހުސިން

ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލަ މަޖިލީހަށް ވައްދަނީ

ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީ [241 ކޮމިޓީ] އަށް ވައްދާނެ ކަމަށް ވިލިފުށި ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވީ، މާލެއިން ބަޔަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ރާއްޖެތެރޭ ރަށަކަށް ގޮސް ދަންވަރު 3:00 ގައި މެޖިސްޓްރޭޓް ކޯޓެއް ހުޅުވައިފެން ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ހައްޔަރު ކުރުމަށް ފޭކް ކޯޓު އަމުރެއް ނެރެން މަސައްކަތް ކުރުމުން ނެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ސިފައިންގެ އިސްވެރިއަކާ ގުޅުއްވައި، ސިފައިން ރައީސް ހައްޔަރު ކުރުމަށް ބާރު އެޅުއްވި ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

މިމައްސަލައާ ގުޅިގެން ވިލިފުށި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދު އަޑީގައި ހުރެގެން ކުރީގެ ޕީޖީ މުހުތާޒު މުހުސިން ލައްވާ ކޯޓު އަމުރެއް ނެރިގެން ވެރިކަން ވައްޓާލަން އުޅުން މައްސަލަ ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީއަށް އެ މައްސަލަ ވައްދާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

މި މައްސަލައާއި ގުޅިގެން އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގައި ހައްޔަރު ކުރި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން ވަނީ ކޯޓުން ދޫކޮށްލާފަ އެވެ.