ބޯހިޔާވަހިކަން

ގޯއްޗަށް ޝަރުތު ހަމަވާ މީހުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލައިފި

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތުހަމަވެ، ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް މީހުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލައިފި އެވެ.

ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ޝަރުތުހަމަވެ، ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް މީހުން އެކަމަށް އެދި ހުށަހަޅާނީ ގެދޮރުވެރިޔާ ޕޯޓަލްއިން ނެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ޕޯޓަލް އިން ލޮގިންވުމުން ގޯއްޗަށް އެދި ހުށަހެޅި އެޕްލިކޭޝަން ފެންނާނެ ކަމަށެވެ. ޖޮއިންޓް ރިކުއެސްޓް ފޮނުވުމަށް ޝަރުތު ހަމަވާނަމަ ރިކުއެސްޓް ފޮނުވުމަށް ހާއްސަކުރެވިފައިވާ ބައި ފެންނާނެ ކަމަށާއި ޖޮއިންޓް ރިކުއެސްޓް ފޮނުވޭނެ އުސޫލުވެސް ބަލާލަވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ޖޮއިންޓްވުމުގެ ޝަރުތު ހަމަވާ އިތުރު މީހުންނަށްވެސް ޖޮއިންޓް ރިކުއެސްޓް ފޮނުވޭނެ އެވެ.

މި މަރުހަލާގައި ޖޮއިންޓް އެޕްލިކަންޓުންގެ ގޮތުގައި ބައިވެރި ކުރެވޭނީ ގޯތި ލިބޭ މީހުންގެ "ޝަރުތުހަމަވޭ، ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ސްޓޭޓަސްގައި އޮތް، މީހުންނަށް އެކަންޏެވެ.

ސަރުކާރުން ދޫކުރާ 5،000 ގޯއްޗަށް އެދި 15،164 ފޯމު ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓުންނާއި އެކި މީހުންނާ ގުޅިގެން ޖުމްލަ 23،088 މީހުން މީހުން ހިމެނޭއިރު ޝަރުތު ހަމަވަނީ 12،794 ފޯމު -- 19،857 މީހުންނެވެ.

މި މަޝްރޫއުގައި ދޫކުރާ 5،000 ގޯތި ލިބޭ 10،314 މީހުންގެ ވަގުތީ ލިސްޓު އާންމުކުރީ އިއްޔެ އެވެ.

ޝަރުތު ހަމަވި ނަމަވެސް މިފަހަރު ގޯތި ނުލިބުނު މީހުންނަށް ސަރުކާރުގެ ކުރިއަށް ހުރި ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކުން ގޯތި ދޭން ވަނީ ނިންމާފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ވަގުތީ ލިސްޓްގެ ޝަރުތުހަމަވެ، ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް ސްޓޭޓަސްގައި ނެތް މީހުން ފަހުން ތަރުތީބުކުރެވޭ ގޯތިލިބޭ ލިސްޓްގައި ހިމެނޭނެ ކަމަށެވެ.