މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅައި އާންމުކުރުމުން ޝަކުވާތަކެއް ހުރުމާ ގުޅިގެން ޝަކިވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ ބޯހިޔާވެހިކަމުގެ ސްކީމަށް ހާއްސަކޮށްގެން ހެދި "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ފްލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. މީގެތެރެއިން 13،000އެއްހާ މީހުން ޝަރުތު ފުރިހަމަވި ކަމަށާއި އެ އެންމެންނަށް ފްލެޓް ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން އޮތީ ދީފަ އެވެ.

ނަމަވެސް ހުޅުމާލޭގައި މިހާރު ހަދަމުންދާ 4،000 ފްލެޓް ލިބޭ މީހުން ފިޔަވާ އެހެން މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވަނީ ފްލެޓް ލިބުނު ކަމުގެ ލިޔުމެކެވެ. ސަބަބަކީ އިތުރަށް އެއްވެސް ފްލެޓެއްގެ މަސައްކަތް ކުރިއަށް ނުދާތީ އެވެ.

ޕްލޭނިން މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު އިމާރާތް ކުރަމުންގެންދާ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ.

އިއުލާންގައި ބުނެފައިވަނީ 4،000 ފުލެޓްގެ ތެރެއިން ފުލެޓް ލިބޭ މީހުންނަށް ލިބޭ ފުލެޓް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށެވެ. ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އެންގުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފްލެޓް އަޅަން ސަރުކާރުން ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. އެގޮތުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިދިޔަ ސެޕްޓެމްބަރު 27 ވަނަ ދުވަހު ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް ފްލެޓް ލިބޭ މީހުން ޕްލޭނިން މިނިސްޓްރީން އޭރު ތަރުތީބުކޮށްފައެއް ނުވެ އެވެ.