ވާހަކަ

ގަހަނާ ފޮށި

( 26 ޖޫން 2023 އާ ގުޅޭ )

"ޒިޔާންގެ އަނދިރި ފަރާތެއް އޮތްކަން އަހަރެންނަށް ކިޔާދިނީ އޭނަ. އެނގޭތަ..." އަހަރެން އިތޫއާ ނަޒަރު ވަކިކޮށްލީ އެކުވެރުޔާއަށް ބަލަން އިނދެ އެ ވާހަކަތައް ދައްކަން ފަސޭހަނުވީމައެވެ. އެހެންވިޔަސް އަހަރެންގެ ކައިވެނި ހުއްޓުމަކަށް އައިސް ޒިޔާންއާ އޮތް ގުޅުން ކަނޑާލީ ކީއްވެކަން އެއްވެސް މީހަކަށް ކިޔާ ނުދިނަސް އިތޫއަށް މިފަހަރު ކިޔައިދޭން ބޭނުމެވެ.

އަހަރެންނާއި ޒިޔާންގެ ކައިވެނި ކުރެވެން އެންމެ ދެ ދުވަހަށްވެފައި ވަނިކޮށް، ހެނދުނު ދިހައެއް ޖަހާކަން ހާއިރު އަހަރެންނަށް އައީ އަދުހަމްގެ ކޯލެކެވެ. ޒިޔާންއާއި އަދުހަމްއަކީ ދެބެންގެދަރީންނެވެ. އެ ޢާއިލާ އުޅެނީ ވެސް އެކީގައެވެ. އެހެންވެ ޒިޔާނާއެކީ އަހަރެން ފެނި އަދުހަމާ ވެސް ރައްޓެހިކަން އުފެދުނީއެވެ. ޢާއިލާގެ އެހެންކުދީންހެން އޭނާ ވެސް އަހަރެން ފެންނަ އިރަށް ގޮވާނީ ކުޑަފަހަރިއޭ ކިޔާފައެވެ. އަދުހަމް ގުޅާފައި ފުރަތަމަވެސް ބުނީ ވަރަށް ދެރަކަމެއްވެއްޖެއެވެ. އަހަރެން ހީކުރީ ޒިޔާނަށް އަނިޔާއެއް ލިބުނީ ކަމަށެވެ. ކައިވެނި ކުރާ ދުވަސް އެހާ ކައިރިވެފައި ވަނިކޮށް ޒިޔާނަށް ކަމެއްވެއްޖެނަމަ ދެން ހަދާނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. ނަމަވެސް އަދުހަމްގެ ވާހަކަ ދިޔައީ އަހަރެން ހީނުކުރާ ކަހަލަ މިސްރާބަކަށެވެ. ހުނައިނަކީ އަދުހަމްގެ ހިޔަންޏެވެ. އަބަދުހެން ހުނައިނު އައިސް އުޅޭނީ އަދުހަމްމެން ގޭގައެވެ. އޭގެ ދެ މީހުން އެ ރޭ ފާރަލީ ހުނައިނު ރައްޓެހިވެގެން އުޅޭ ކުއްޖާ އެހެން މީހަކާ ގުޅުމެއް އޮންނަހެން ހީވެގެން އެކަން ބެލުމަށެވެ. އެކަމުގެ ތެރެއިން ޒިޔާނާ ބައްދަލުވެދާނޭ އެމީހުން ވެސް ހިޔެއް ނުކުރެއެވެ. ކަމުގެ ހަޤީޤަތް އެ މީހުންނަށް އޮޅުންފިލިއިރު އެނގުނީ ޒިޔާނަކީ ހިލޭ އަންހެނުންނާއެކީ ޕާޓީކުރާ ޒުވާނެއްކަމެވެ. އަދި އެގޮތަށް ޕާޓީކުރުމުގައި އެތައް އަންހެންނުންނަކާއެކީ ބަދުއަޚްލާޤީ ގުޅުން ހިންގާކަމެވެ. އަދުހަމްމެންނަށް ޒިޔާން ހިފުނީ އޭނާއަށް ދޮގުހަދާނޭ ފުރުޞަތެއް ނުލިބޭނެ ފަދަ ހާލަތެއްގައެވެ.

"ސުބްޙާނައްﷲ... ހަމަ ޒިޔާންތަ؟." އިތޫއަށް ވެސް ޤަބޫލުކުރާން ދަތިވީ ކަހަލައެވެ. އަހަރެންގެ ފުށުން އިތޫއަށް އަބަދުވެސް އިވިފައި ވާނީ ޒިޔާންގެ ހަރުދަނާކަމުގެ ވާހަކައެވެ. ރީތި އަޚުލާޤާއި އޭނާގެ އޯގާތެރިކަމުގެ ވާހަކަތަކެވެ. ޒިޔާންގެ ވެސް އުނި ކަންކަން ހުރެއެވެ. ނަމަވެސް އެ އުނި ސިފަތަކަކީ މީހަކު ކަންބޮޑުވާންޖެހޭހާ ބޮޑެތި ކަންކަމެއްނޫނެވެ. ހުރިހާ ގޮތަކުން އެންމެ ފުރިހަމަ އިންސާނެއް ނުހުންނާނެއެވެ. އެހެންވިޔަސް އަހަރެންނަށް ޓަކައި އެއީ އަހަރެންގެ "މިސްޓަރ ޕާފެކްޓް" އެވެ.

"ހޫމް... އަދުހަމާއި ހުނައިނުއާ ދެ މީހުން ކުރިމަތީ ބަހައްޓައިގެން ޒިޔާން ކައިރީ އެހިން. ވަކިން ވެސް އެތައް ވާހަކައެއް ދެއްކިން. ބުނާށޭ... އެ މީހުން ދޮގު ހަދަނީހޭ... ޒިޔާން އިސްޖަހައިގެން ހުރީ. ޗުއްޕު ވެސް ނުބުނި... ގިލްޓީވީމަ ދޯ ދެކޮޅަށް އެއްޗެއް ނުބުނީ. އެހެންނޫނީ ވަގުތުން ބުނަންވީނު އެމީހުން އެ ދައްކަނީ ހަޤީޤަތެއްނެތް ވާހަކަތަކެކޭ... އަދުހަމް ކައިރީ ވަރަށް އާދޭސްކުރިކަމަށްވޭ އަހަންނަށް ސިއްރުކުރަން. ޒިޔާންގެ ދިރިއުޅުން ހަލާކުކޮށްލަން އުޅޭކަމުގެ ތުހުމަތު ވެސް އަދުހަމްގެ ބޮލުގައި އެޅުވި. އެ ގޭތެރޭގައި އެ މައްސަލަ ވަރަށް ހޫނުވިކަމަށްވަނީ... އަހަރެންނާ ހަމައަށް އެ ޚަބަރު އައީ އެކަމެއް ހިނގައިގެން އުޅޭތާ ހަތަރު ދުވަސްފަހުން. އެ ފެމެލީއިން އެކަން ސިއްރުކުރަން އުޅުނީ. އެހެންނުވީ... އެކަމަކު އެ ވާހަކަތައް އަދުހަމްގެ ދުލުން އިވިފައި އަހަރެންނަށް ހީވީ ދުނިޔެ ވެސް އެނބުރިގަތްހެން. އެ ކޯލު ލިބުނުއިރު އޭގެ ދެ ދުވަސް ފަހުން އަހަރެމެންގެ ކައިވެނި. އެއީ އަހަރެންގެ ވާންއުޅޭ ފިރިމީހާ... އިތޫ ބުނެބަލަ. އަހަރެންވީ އެއްވެސް ކަމެއްނުވާކަމަށް ހަދާފައި ޒިޔާނާ އިންނަންތަ؟. އަދުހަމް އެ ވާހަކަދެއްކީތީ އޭނާއަށް ބްލޭމްކޮށްފައި ޒިޔާންގެ ހިމޭންކަމަށް އިތުބާރުކުރަންތަ؟.... ތިން އަހަރު... އެއީ މަދު ދުވަސްކޮޅެއްނޫން. ތިން އަހަރު ރައްޓެހިވެގެން އުޅުނުއިރު އެކަހަލަ ވިޔާނުދާ ދިރިއުޅުމެއް އޭނާ އުޅޭކަމުގެ ހިލަމެއް ވެސް އަހަރެންނަށް ނުވި... ކައިވެނިކޮށްގެން ހުރެ އޭނާ އެހެން ނޫޅޭނެކަމުގެ ކޮން ޔަގީންކަމެއް އޮތީ." އަހަރެންގެ އަޑު ވެސް ކުރެހުނެވެ.

"މިހާރުގެ ޒުވާނުންނަށް މިޖެހެނީ ކޮންކަހަލަ ބަލިމަޑުކަމެއްތަ؟. ހިލޭ އަންހެނަކު ނޫނީ ފިރިހެނެއް ކައިރިޔަށް ނުދަންޏާ މީހަކަށް ނުވަނީތަ؟. ތިބުނާ ކަހަލަ ޕާޓީކުރުން މުޖުތަމައުގައި މިދަނީ އާންމުވަމުން. މަޖާކޮށް އުފާކުރެވޭ ކަމަށްވަނީ ފާޚީޝްކަމުގައި ތިބެތަ... ރަނގަޅަށް އާނަ ތިހެދީ. އެވަރުވީމަ އިތުބާރެއް ނުކުރެވޭނެ." އިތޫ ދަތްކުނޑިވިކާލިއެވެ.

ސިކުނޑިއާއި ހިތަށް ލުއިވިހެން އަހަރެންނަށް އިޙްސާސް ކުރެވުނެވެ. ޒިޔާންގެ ބޭވަފާތެރިކަމާއި އެކަމުގެ ސަބަބުން އަހަރެންގެ އެތެރެ ހަށީގައި އަނދަމުންދާ ރުޅިވެރި ޖަޒުބާތުތައް ބޭރުކޮށްލެވުނީމައެވެ. އެހެންވިޔަސް އެ ޚިޔާލުތަކުން ބޮލުގައި އުފެދުނު ރިހުން ފިލައިގެން ނުދިޔައެވެ. މިރޭ ބޭރަށް ނުކުންނަންވާއިރަށް ބޮލުގައި ހުރި ތަދު ނުފިލައިފިއްޔާ ބޭސްގުޅައެއް ކާލާނީ ކަމުގައި އިތޫ ލަފާ ދިނެވެ.

އަހަރެން ކައިރީ އިނދެފައި އިތޫ ތެދުވީ ސިޓިންރޫމުގައި ހުރި ޓީވީއިން އިޝާ ނަމާދު ބަންގި ގޮވައިގެންނެވެ. އޭނާ ނަމާދުކުރަން ދިއުމުން އަހަރެން ވެސް ސޯފާގައި ނީނދެ ތެދުވީއެވެ. އެހެން ދިމާލަކަށް ޚިޔާލުތައް އަނބުރާލަން ގަސްދުކޮށް ފައިސަލްއަށް ގުޅީމެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރެ އަހަރެން މަޑު ހިނގުމެއްގައި ނުކުތީ ދޮރޯށި ކައިރިޔަށެވެ. ފައިސަލް ފޯނަށް ޖަވާބެއް ނުދިނެވެ. އެވެސް ވަރުގަދަ ފިރިހެނެކެވެ. އިތޫމެންގޭގައި ހުރެފައި އަހަރެން ގުޅިޔަސް ފޯނެއް ނުނަގާނެއެވެ. އަހަރެން މެސެޖެއް ލިޔެފައި ފައިސަލްއަށް ފޮނުވީމެވެ. އެކަނި ހުރި ވަގުތެއްކަމާއި ފައިސަލްގެ އަޑު އަހާލަން ބޭނުންވެގެންކަން ގުޅީ ބުނެފައެވެ. ފޮނުވި މެސެޖަށް ވެސް ރައްދެއް ނައެވެ. ފޫހިކަމާއެކު އަހަރެންނަށް ތުން ހަދާލެވުނެވެ. އަތުތެރޭ ފޯނު ހިފަހައްޓާލައިގެން ހުރެ މަގުމައްޗަށް ނަޒަރު ހިންގާލީމެވެ. މަގުގައި މާބޮޑު އަލިކަމެއްނެތެވެ. ވިއްސާރަ ނަގާފައި އޮތުމުން ފަޒާގައި ދައުރުވަމުން ދިޔަ ވައިރޯޅީގައި ފިނިކަމެއް ހުއްޓެވެ. މަގުމަތިން މީހަކު ފެންނާކަށް ނެތެވެ. އެކަމަކު ޖެހިގެން ހުރި ގޭތެރެއިން ބަޔަކު ވާހަކަދައްކާ އަޑު އިވެއެވެ. ގޭ ކުރިމަތިން ވައަތް ފަރާތަށް އޮތް މަގުގެ ކަންމަތީގައި ހުރި އަންހެންކުއްޖާ ފެނުނީ ކުއްލިއަކަށެވެ. ހުދުކުލައިގެ ޖިންސާއި މަޑު ދަނބުކުލައިގެ ޓޮޕުކޮޅެއް ލާފައި ހުއްޓަސް އެހިސާބުން އޭނާގެ މޫނު ވަކިކުރަން އުނދަގޫވިއެވެ. ކުއްލިއަކަށް ފެނުމުން ބަލާލި ނަމަވެސް އަހަރެން މާބޮޑު ސަމާލުކަމެއް ނުދެމެވެ. ކައިރި ހިސާބެއްގެ ގެއަކުން ނުކުމެ ހުރި ކުއްޖެކޭ ހީވެފައެވެ. އެހެންނަމަވެސް އެ އަންހެންކުއްޖާ ފެނުނު ފަހުން އަހަރެންނަށް އުނދަގޫ އިޙްސާސެއް ކުރެވެންފެށިއެވެ. އޭނާ ސީދާ އަހަރެންނަށް ބަލަހައްޓައިގެންނޭ އެ ހުރީ އަހަރެންގެ ހަވަނަ ހިއްސު ބުނަންފެށިއެވެ. ދެވަނަ ފަހަރަށް އެ ދިމާއަށް ބަލާލީ އެހެންވެއެވެ. ކަންމަތީގައި އެ އަންހެންކުއްޖާ ހުރިކަމެއްނެތްކަމެއް އަހަރެންނަށް ޔަގީނެއްނުވިއެވެ. އަހަރެންގެ ކުރިމަތިން މީހަކު ހުރަސްކެނޑީކަމެއް ވެސް ބުނާކަށް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ އަނދިރިގަނޑެއް އަހަރެންގެ ކުރިމައްޗަށް އެރިކަމެވެ. އަދި އަހަރެންނަށް ދެންވީގޮތެއް ނޭނގޭކަމެވެ. އެކަން ހިނގީ އެސްފިޔަޖަހާލާހައި ކުޑަ ހިނދުކޮޅެއްގެ ތެރެއެވެ.

ޒާތެއްގެ ޒޫން އަޑެއް އިވެމުންދާކަން އެނގުނު ހިނދު އަހަރެން ލޯ ހުޅުވާލީމެވެ. ފުރަތަމަ ވެސް ފެނުނީ ފުލް އިސްޕީޑުގައި އެނބުރެމުންދިޔަ ފަންކާއެވެ. އިވެމުންދިޔަ އަޑަކީ އެއިން ގޮވާ އަޑެކެވެ. އަހަރެން އޮށޯވެކަން އޮތީ ރެއަކާލީ ދެނެވެ. އަވަސްއަވަހަށް ވަށައިގެން ހޯދާލެވުނެވެ. އަހަރެންގެ ކަނާއަތަށް އައިވީ ގުޅާފައި އޮތެވެ. އެއާއެކު މިއޮވެވުނީ ހޮސްޕިޓަލުގައިކަން އަހަރެންނަށް ޔަގީންވިއެވެ. އެކަމަކު ހައިރާންވެ ސުވާލު އުފެދުނެވެ. ހޮސްޕިޓަލުގައި އޮތީމައެވެ. އަހަރެން މީ އިތޫމެން ގޭ ދޮރޯށި ކައިރިއަށް ނުކުމެ ހުރި މީހެއްވިއްޔާއެވެ. އަހަރެން މަޑުމަޑުން ތެދުވެ އެނދުގައި އިށީނީމެވެ. އެތަނުގައި އެހެން އެނދުތައް ހުރިއިރު އަހަރެން ނޫން މީހަކު ނެތެވެ. އަނެއްކާ ހޭލާ ހުއްޓާ އަހަރެންނަށް ހުވަފެން ފެންނަނީބާއޭ ހިތަށް އެރިއެވެ. އިތޫ ކޮބާބާއޭ ހިތާ ސުވާލުކޮށްލެވުނެވެ. މީހަކު ފެނޭތޯ ދާންވިއްޔޭ ހިތަށް އެރި ވަގުތު ބަޔަކު އަންނަކަމުގެ ހިލަންވިއެވެ. އެހެންވެ އެނދުން ނުފައިބާ އިނީއެވެ.

"އައްދޭ... މީނީ ތެދުވެ." އިވުނީ ސީރަތުގެ އަޑެވެ. އޭނާއާއެކު ދެން ހުރީ އިތޫއެވެ.

"ބިރުން އަވަދިކޮށްލައިފި. ނަސީބެންނު އަނިޔާއެއް ނުލިބުނުކަން." އަހަރެންގެ ގާތުގައި މަޑުކޮށްލި ގޮތަށް އިތޫ ބުންޏެވެ.

"އާނަގެ މަންމައަށް ގުޅާ ހިސާބުގައި އިތޫ ހުރީ." ސީރަތު ބުންޏެވެ.

އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ސީރަތު ހުރީމައެވެ. ބޭނުންވީ އިތޫއާ އެކަނި ވާހަކަދައްކާށެވެ. ޚުދު އަހަރެންނަށް ވެސް ވީގޮތެއް ބުނާން ނޭނގޭތީއެވެ. ހޮސްޕިޓަލަށް އެމީހުން އަހަރެން ގެންނާނީ ކަމެއްވީމަތާއެވެ. އަހަންނަށް އަނިޔާއެއް ނުލިބުނުކަން ނަސީބެކޭ އިތޫ ބުނީ ކީއްވެކަމެއް ވެސް އަހަރެންނަށް ބުނާކަށް ނޭނގެއެވެ. އެ ދަނޑިވަޅުގައި އަހަރެންނަށް ބުނެވޭ އެއްޗަކުން އެންމެން ހާސްވެގެން އުޅެންފަށާފާނެއެވެ.

"ބޮލަށް ތަދުވޭތަ؟." އިތޫ އަހާލިއެވެ. އަހަރެން ދެ ފަރާތަށް ބޯހޫރާލީމެވެ. އަހަރެންނަށް އެއްވެސް އުނދަގުލެއް ނުވެއެވެ. ތަނަކަށް ތަދެއް ވެސް ނުވެއެވެ. ފެންފޮދަކަށް އަހަރެން އެދުނީމެވެ. ސީރަތު ނިކަން އަވަހަށް ކުޑަ ފެންފުޅިއެއްގެ މަތި ކަނޑާފައި އަހަރެންނަށް ދިއްކޮށްލިއެވެ.

"އަންނާނަން ނަރުސް ކުއްޖާ ކައިރީ ބުނެފައި." ސީރަތު ބުންޏެވެ. އަދި ފެންފުޅީގެ މަތިގަނޑު އިތޫއަށް ދީފައި އޭނާ ހިނގައްޖެއެވެ. އެ ފުރުޞަތަށް އަހަރެން އިނީ ކެތްތެރިކަން ކުޑަވެފައެވެ.

"އަހަންނަށް ކިހިނެއްވީ؟." ވަގުތުން އަހަރެން އަހާލީމެވެ.

"ޖެހިގެން ހުރި ގޭ ޔުމްނާމެން ޖޯލީގައި ތިއްބާ އެއްޗެއް ވެއްޓުނު އަޑަށް ނުކުމެ ބެލިއިރު އާނަ އޮތީ އަހަރެމެންގެ ދޮރޯށި ބުޑުގައި. އެ ގުރޫޕު އާނަ ނަގައިގަނެގެން ގެއަށް ވެއްދީ. އެމީހުން ގެއަށް ވަދެ ގޮވާއަޑަށް ދޮންބެދައްތަ ނުކުތީ. އަހަރެން ވެސް އަވަސްކޮށްލައިގެން ނުކުތްއިރު ދޮންބެދައްތަ އާނަގެ މޫނުގައި ފެން ހާކަނީ. ވާހިދު ދޮންބެއަށް ގުޅައި ގެނެސްގެން އަވަހަށް އާނަ ގޮވައިގެން ހޮސްޕިޓަލަށް އައީ. ނަސީބަކުން މިކޮޅުގައި ޒުހާ ވެސް ހުރި ގަޑިއަކާ ދިމާވީ... އަޅެ ކީއްވެތަ ނުބުނީ އެހާ ބޮޑަށް ބޮލުގައި ރިއްސާ ވާހަކަ. އަހަރެން ހިޔެއް ނުކުރަން އާނަ ބޮލުގައި ރިއްސާ ވާހަކަ ބުނީމަ މިހެންވެދާނޭ." އިތޫ އިނީ ހާސްވެފައެވެ.

"އަހަރެން ވެސް ހިޔެއްނުކުރަން. ކުއްލިއަކަށް އަނދިރިވެފައި ވީނުވީއެއް ނޭނގުނީ. ކިހާއިރެއް ވެގެން އެ އުޅެނީ... އަހަރެންގެ ފޯނު." އަހަރެން ބުނީމެވެ.

"ހަތެއް ޖަހަނީ." އިތޫ މިހެން ބުނުމާއެކު އަހަރެންނަށް ހަމަ އެ ލަފުޒުތައް ތަކުރާރުކޮށްލީމެވެ. ގަޑިންވީއިރު ޤަބޫލުނުކުރެވުނީއެވެ.

"ސޯ ރޭގައި އެއްކޮށް އަހަރެން ހޮސްޕިޓަލުގައިތަ." އަހަރެންނަށް އަހާލެވުނެވެ. އިތޫ އާނއެކޭ ބުނާން ބޯޖަހާލިއެވެ. އަދި އޭނާ އަޅުވައިގެން ހުރި އަތްދަބަހުގެ ތެރެއިން އަހަރެންގެ ފޯނު ނަގައި ދިއްކޮށްލިއެވެ.

"ނުގުޅާ އެކަކުވެސް." ފޯނު ބަލަން އަހަރެން އަވަސްވެލި ހިނދު އިތޫ ބުންޏެވެ. އޭނާއަށް އަހަރެންގެ ހިތުގައި އޮތް އެއްޗެއް އެނގުނީއެވެ. އަހަންނަށް އިތޫއަށް ބަލާލެވުނެވެ. އަމިއްލައަށް ޔަގީންކުރާން ބޭނުންވެ ފޯނު ބެލީމެވެ. ތެދެކެވެ. އަހަރެންނަށް ފޯނުކޯލެއް އައިސްފައެއް ނެތެވެ. އަހަރެންގެ ޚަބަރެއްނުވީމާ ވެސް ފައިސަލް ނުގުޅީ ކީއްވެބާއެވެ. މެސެޖެއް ވެސް ކޮށްފައި ނެތެވެ.

"ގުޅައިފިއްޔާ ބުނަންވެގެން ހުރީ." އިތޫ ބުންޏެވެ. އަހަރެންގެ މާޔޫސްކަން އިތޫއަށް ފޮރުވާލީމެވެ.

"ކޮންއިރަކުން މިތަނުން ދޫކޮށްލާނީ. ފެންވަރާލައިގެން ޖައްސާލަން ބޭނުމީ." އަހަރެން ބުނީމެވެ.

"މިއަދާއި މިރޭ އަހަރެން ކައިރީ އާނަ މަޑުކުރޭ. ޔޫ އޯކޭކޮށް ފެންނަންޏާ މާދަމާ ނިދަން އެކޮޅަށް ދާނީ. ބައްޕަ ވެސް އުޅެނީ ވަރަށް ކަންބޮޑުވެގެން. އެންމެން ހިތްހަމަޖެހޭނެ އާނަ މަޑުކޮށްލައިފިއްޔާ." އިތޫ ބުންޏެވެ.

މެންދުރުވާންވީއިރު އަހަރެން ދޫކޮށްލައިފިއެވެ. އިތޫއާއި ޢާއިލާގެ އެދުމަށް އަހަރެން ހުރީ އެ ގޭގައެވެ. ފެންވަރާލުމުން ސިކުނޑި ވެސް ތާޒާވި ކަހަލައެވެ. އެއްޗެއް ބަލާ ވެސް ގެސްޓްހައުސްއަށް ދާނޭ ފުރުޞަތެއް އިތޫ ނުދިނެވެ. އެހެންވެ އަހަރެން އުޅުނީ އިތޫގެ ޓީޝާޓަކާއި ހަރުވާލެއް ލައިގެންނެވެ.

"ފަށެއްނެތް... ކޮބާބާ އެ ފަށް..." ކަރުގައި ފައިސަލް ދިން ފަށެއްނެތްކަން އެނގުނީ ރީތިވެ ނިމުނު ފަހުންނެވެ.

"އިތޫ..." އެނދުގައި އިން އިތޫއަށް ގޮވާލުމާއެކު އަހަރެންގެ ކަރުގައި އޮތް ފަށް ދުށީންތޯ އެހީމެވެ.

"އޯ ސޮރީ... އަހަރެން ހަނދާންނެތުނީ." އިތޫ މިހެންބުނެ އެނދުން ތެދުވިއެވެ. އޭނާ އައިސް އަލަމާރީގެ ވަތްގަނޑެއް ހުޅުވާލައި އަހަރެންގެ ފަށް ނަގައިގެން އައިސް ދިއްކޮށްލިއެވެ. އަހަރެން އެ ފަށަށް ބަލާލީމެވެ. ބަދަލެއް އައިސްފައެއް ނެތެވެ.

"ކޮންއިރަކު އަހަރެންގެ ކަރުން މި ފަށް ނެގީ." އިތޫއަށް ބަލާލަމުން އަހަރެން އަހާލީމެވެ.

"ރޭ ދެ ފަހަރަކު އާނަ ހޭއެރި. އެއިން ކޮންމެ ފަހަރަކު ފަށުގައި ހިފައި ދަމަނީ. އެހެންވެ ހީކުރީ ފަށާ ހެދި އުނދަގޫވަނީކަމަށް. ކަނޑައިނުދަނީސް ފަށް ނެގީ އަހަރެން." އިތޫ ބުންޏެވެ. ނަމަވެސް އެ ބުނި އެއްވެސް ކަމެއް އަހަރެން ހަނދާނެއް ނުވެއެވެ.

"ހިނގާ ކާން." ފަށް އަޅައި ނިމުނުތަނާ އިތޫ ބުންޏެވެ.

އިތޫއާއެކު ބަދިގެއަށް އަހަރެން އައީމެވެ. އަހަރެންގެ ސިކުނޑި ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ރޭގައި ދޮރޯށި ކައިރިޔަށް ނުކުމެ ހުއްޓާ ވީ ކަންތައް ހަނދާންކުރަން ފެށީމެވެ. އެކަންވެސް ވީ ބޭކާރެވެ. އެއްވެސް ކަމެއް ދެކޮޅު ނުޖެއްސުނީމައެވެ. އަހަރެންގެ ލޯ މައްޗަށް އަނދިރިވީކަމެއް ނޫނީ ކުރިމަތިން ހިޔަންޏެއް ހުރަސްކެނޑީކަން އަމިއްލަ ނަފްސަށް ވެސް ޔަގީންނުވަނީއެވެ. އަހަރެންނަށް ފެނުނު ގޮތާއި ކުރެވުނު އިޙްސާސާ މެދު ވިސްނާ ސިކުނޑި ވަރުބަލި ވިޔަސް ކުރިއެރުމެއް ނުލިބޭނޭކަން އެނގުނެވެ. އަނެއްކޮޅުން ފާއިތުވަމުންދިޔަ ވަގުތާއެކު އަހަރެންގެ ހިތް ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ފައިސަލްގެ ސަބަބުންނެވެ. ރޭގައި އަހަރެމެން ބައްދަލުނުވީ ކީއްވެކަން ބަލާލަން ހަމަ އެންމެ ފަހަރަކު ވެސް ފައިސަލްގެ ހިތަށް ނާރަނީބާއެވެ. ނޫނީ އޭނާއަށް ވެސް ކަމެއް ދިމާވީބާއެވެ.

ކައިގެން އެނބުރި އިތޫގެ ކޮޓަރިއަށް އައިސް އަހަރެން ފައިސަލްއަށް ގުޅީމެވެ. ފޯނެއް ނުނަގައެވެ. ދެން އަހަރެން މެސެޖުކުރީމެވެ. ޝަކުވާގެ މެސެޖެކެވެ. އަހަރެން މަރުނުވެ ދުނިޔޭގައި ހުރީ ކިރިޔާކަން ބުނެފައެވެ. ކަން ހިނގިގޮތަށްވުރެ ބޮޑުކޮށްލާފައިކަން ބުނެވުނީ އެނގެއެވެ. އެހެންވިޔަސް އަހަރެން ވަނީ ފައިސަލްގެ އިޝާރާތަކަށް ކެތްތެރިކަން ކުޑަވެފައެވެ. އޭނާގެ ހާލެއް ނޭނގޭތީއެވެ. ކުރާ މެސެޖު އޭނާ ނުވެސް ބަލަނީއެވެ.

އެރެޔެވެ. އިތޫއާއެކީ އަހަރެން އިނީ ސިޓިންރޫމުގައެވެ. ބަރާބަރު ދިހަގަޑި ބައިގަ އަހަރެންގެ ފޯނަށް ފައިސަލް މެސެޖު ކުރިއެވެ. އޭނާ އެދުނީ ބޭރަށް ނުކުތުމަށެވެ. އަހަރެން ސޯފާއިން ފުންމައިގެން ތެދުވިގޮތުން އިތޫ އަހަރެންގެ އަތުގައި ހިފިއެވެ. އޭނާ ހާސްވެގެން ކިހިނެއްތޯވީ ސުވާލު ކުރަންފެށިއެވެ.

"ބޭރަށް ނުކުމެލާފައި އަންނާނަން. އެބަހުރި އައިސް." ހިނިއައިސްފައި އަހަރެން ބުނެލީމެވެ.

މި ހުރިހާއިރު ފައިސަލްދެކެ ހިތްހަމަނުޖެހިފައި ހުއްޓެއްކަމަކު އޭނާގެ މެސެޖު ލިބުމާއެކު ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ނިކަން އަވަހަށް އިތޫގެ ކޮޓަރިއަށް ގޮސް މަތި ހަދާލައިގެން ނުކުތީމެވެ. ދޮރޯށިން ބޭރަށް ބޯދިއްކޮށްލީމެވެ. އެއާއެކު ފައިސަލްގެ ކާރު ފެނިއްޖެއެވެ. އޭނާ ކާރު ކުރިޔަށް ޖައްސާލައި ސީދާ ގޭގެ ދޮރާ ހަމައިގައި މަޑުކޮށްލިއެވެ.

"އަރާ." ތިރިކޮށްލާފައިވާ ދޮރުފަތުގެ ބިއްލޫރިގަނޑުން އަހަރެންނަށް ބަލާލާފައި ފައިސަލް ބުންޏެވެ.

"ވެއިޓް އިނގޭ." އަހަރެން ނިކަން އަވަހަށް ބުނެލީމެވެ. ފައިސަލްއާއެކު ދާންވާނީ އިތޫ ކައިރީ ބުނެލާފައޭ ހިތަށް އެރިއެވެ. އެނބުރިލިއިރު ސިޓިންރޫމު ދޮރުމަތީ އިތޫ ހުއްޓެވެ.

"ކާރުގައި އިނީ. އަންނާނަން ދުއްވާލާފައި. އިތޫ ވަރަށް އަވަހަށް ނިދާނަންތަ." އަހަރެން އެހެން ބުނިއިރު ވެސް އަހަރެންގެ މޫނުން ދާން ބޭނުންވެފައި ހުރިވަރު ފާޅުވާނޭކަން އެނގެއެވެ. އިތޫ ހީނލީ އެހެންވެކަން ޔަގީނެވެ. ގޮސްލާފައި އަންނާށޭ އިތޫ ބުނުމާއެކު ނުކުންނަން ދިޔައީމެވެ.

ކާރަށް އަރަން ދޮރުހުޅުވާލި ވަގުތު ހީވީ ބުރަކަށިން ކަނދުރާއާ ހަމައަށް ފިނިގަނޑެއް އެރިހެންނެވެ. ލޯލިތައް ކޮޅަށްޖެހޭ ފަދަ ގޮތެއްވެ ދެ ކޮނޑު ތަޅުވާލެވުނެވެ. ހަމައެވަގުތު އެއްކަލަ ކަންމަތީގައި އަންހެނަކު ހުއްޓާ ލޮލުގައި އަޅައިގަނެއްޖެއެވެ. މިފަހަރު އަހަރެން ޖެހިލުންވީއެވެ. އަހަރެން ނުކުތްއިރު ވެސް އެތާ މީހަކު ހުރިބާއެވެ. އަވަހަށް ކާރަށް އަރައި ދޮރުފަތް ލައްޕާލައިފީމެވެ. އަހަރެން ހަމަޖެހިލަންވާއިރަށް ފައިސަލް ކާރު ދުއްވާލައިފިއެވެ. ބައެއް މަގުތައް އަނދިރިއެއް ކަމަކު ފައިސަލްގެ ހުނަރަށް އަހަރެންނަށް އިތުބާރު ކުރެވެއެވެ. ކިތަންމެ ރެއަކު އޭނާއާއެކު މިގޮތަށް ކާރުގައި ދުއްވާފައި ހުރީމައެވެ. ނަމަވެސް އޭނާގެ ހިމޭންކަން އަހަރެންނަށް އުނދަގޫކުރިއެވެ.

"މިރޭ ހާދަ ފާޑަކަށް..." ބުނަން އުޅުނު ޖުމްލަ ރަނގަޅަށް ފުރިހަމައެއް ނުކުރެވުނެވެ. ފައިސަލް ކާރުގެ ބުރަކި ހިފާލީ ކުރިމަތިން ކާރުގެ ބިއްލޫރިގަނޑުގައި ބާރަށް އައި އެއްޗެއް ޖެހިގަތުމުންނެވެ. އަހަރެން ވެސް ދިޔައީ ކުރިޔަށް އެއްލިގެންނެވެ. ވިންޑްޝީލްޑުގައި ހަރުލާފައި އޮތީ ކާޅެކެވެ. ހަރަކާތް ކެނޑިފައި އޮތް ހެންނެވެ. ފައިސަލް ޗަސްޖަހާލިއެވެ. އަދި އެ ކާޅު ދުރަށް ޖައްސަން އޭނާ ކާރުން ފައިބަން ދޮރުފަތް ހުޅުވާލިއެވެ. އެހިނދު އެ ސޮރު ފިޔަފަތް ތަޅައިގަތުމާއެކު ގޮވައިގަތީ ނިކަން ބާރަށެވެ. ސިއްސައިގެން ދިޔަވަރުން އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. މަޑުޖެހިލާފައި ވެސް ފައިސަލް ދިޔައެވެ. އޭގެ އެއް ފިޔަފަތްގަނޑުގައި ހިފައި ދުރަށް ހޫރާލައިފައި އައިސް ކާރަށް އެރިއެވެ. ނަމަވެސް އަހަރެމެންނަށް ކުރިޔަށް ނުދެވުނެވެ.

(ނުނިމޭ)