ދިރާގު

ދިރާގު އީދު ބޮނޑިބަތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށް ގެންދިޔަ ދިރާގު އީދު ބޮނޑިބަތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ "ދިރާގު ޢީދު ބޮނޑިބަތް" ހަރަކާތް ވަނީ މުޅި ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ދިރާގުން ވަނީ މާލެ ސަރަހައްދު، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި އދ. ދަނގެތީގައި "ދިރާގު ޢީދު ބޮނޑިބަތް" ބަހާފަ އެވެ.

މާލެ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސަލްޓަން ޕާކު ކުރިމަތީގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އާބަންކޯއާ ގުޅިގެންނެވެ.

މީގެ އިތުރުން ދިރާގުން ވަނީ އެކި ރަށު އަދި ސިޓީ ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން އެކި ރަށްރަށުގައި ތަފާތު ޢީދު ކުޅިވަރުތަކަށް އެއްބާރުލުންދީފަ އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ވަނީ ދިރާގު އީދު ބޯކިބާއަށް ފާއިތުވި އީދުތަކުގައިވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކޮށްފަ އެވެ.

"މިފަހަރުގެ އީދު ބޮނޑިބަތް ހަރަކާތަށްވެސް މި ލިބުނު ހޫނު ތަރުހީބަށް އަޅުގަނޑުމެން ވަރަށް އުފާކުރަން. ދިރާގުން އަބަދުވެސް ބަލަނީ މިކަހަލަ މުނާސަބު ދުވަސްތަކުގައި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަމުގެ ސަގާފަތް ދިރުވާ އާލާކުރާ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް،" ޖައިޝާން ހަމީދު ވިދާޅުވި އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖްތިމާއީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.