ދުނިޔެ

މުސްލިމުންގެ ބޮޑު އީދާ ދިމާކޮށް ސްވިޑަންގައި ގުރުއާން އަންދައިފި

ސްވިޑަންގެ ވެރިރަށް ސްޓޯކްހޯމްގެ މަރުކަޒީ މިސްކިތުގެ ބޭރުގައި ބުދަ ދުވަހު މުޒާހަރާކުރި ބަޔަކު މުސްހަފެއް ވީދާލައި ސަފްހާތައް އަންދާލައިފި އެވެ.

މިއީ ނޭޓޯ މެމްބަރަކަށް ވުމަށް ސްވިޑަން ކުރާ މަސައްކަތްތަކެއް އަނެއްކާ ވެސް ހުރަސްތަކެއް ކުުރިމަތިވާނެ ކަމެކެވެ.

ސްމިޑަންއަށް މިހާރު ވެސް ނޭޓޯ މެމްބަރުކަން ނުލިބިގެން އުޅެނީ ތުރުކީ ރުޅިއަރުވައި އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް މަލާމާތްކޮށް ފުރައްސާކުރުމާ ވެސް ގުޅިގެންނެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް އެކްޓިވިސްޓުންނަށް ސްޓޮކްހޯމްގެ ފުލުހުން ވަނީ ހުއްދަ ދީފަ އެވެ.

ގުރުއާން އެނދުމުގެ ތެރެއިން ފުލުހުން ވަނީ ނަފުރަތު އުފައްދައި މަސްރަހު ހަލަބޮލިކުރަން މަސައްކަތްކުރި ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފަ އެވެ.

ސްވިޑަންއަށް ނޭޓޯ މެމްބަރުކަން ލިބެން އޮތީ ތުރުކީ ރުއްސައިގެންނެވެ. ތުރުކީ ބުނާ މިންގަނޑަކަށް ސްވިޑަން އިން އަޚުލާގީ މިންގަނޑު ބަދަލުކުރުމަކީ ނޭޓޯގައި ބައިވެރިވުމަށް ސްވިޑަންއަށް އޮތް ޝަރުތެކެވެ.

އެހެން ނަމަވެސް، ގުރުއާން އެނދުން ފަދަ އިސްލާމްދީނާ ދެކޮޅު ހަރަކާތްތަކާއި -- ކުރުދީންގެ ހައްގުތަކަށް ވަކާލާތުކުރުން ފަދަ ހަރަކާތްތަކުގެ ސަބަބުން ތުރުކީ އޮތީ ސްވިޑަން ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ.

ސްވިޑަން ބުނާ ގޮތުން ގުރުއާން އެންދުމާއި ކުރުދީ ދަރިކޮޅަށް ވާކާލާތު ކޮށްދިނުމަކީ ސިހާސީ ވަކި ފިކުރަކުން -- ސިޔާސީ އެކްޓިވިސްޓުންތަކެއް ކުރާ ކަމެކެވެ.

ޑިމޮކްރަސީ އަކީ ޚިޔާޅު ފާޅުކުރުމާއި، ކުރާހާ ފުރައްސާރައަކަށް ކެތްކުރުން ކަމަށް ސްވިޑަން އިން ބުނެ އެވެ.

ތުރުކީ ބުނާ ގޮތުން ބައިނަލްއަގްވާމީ ޓެރަރިސްޓުންގެ ލިސްޓްގައި ތިބި ކިތަންމެ ބަޔަކު މިނިވަންކަމުގައި ސްވިޑަންގައި އެބަ އުޅެ އެވެ. މި މީހުންނާ މެދު ސީރިއަށް ފިޔަވަޅުތަކެއް ސްޓޮކްހޯމް އިން އެޅުމަށް ދާންދެން -- ނޭޓޯ މެމްބަރަކަށް ވުމަށް ސްވިޑަންއަށް ބޭނުންވާ ރުހުން ނުދޭނެ ކަމަށް ތުރުކީ އޮތީ ބުނެފަ އެވެ.

މުޅި ދުނިޔޭގައި މުސްލިމުން ފާހަގަކުރާ އަޟްޙާ ޢީދުގެ ޗުއްޓީއާ ދިމާކޮށް ސްވިޑަންގައި ގުރުއާން އަންދަނީ -- ތުރުކީ ބުނާ ގޮތުން މުސްލިމުން ރުޅިއަރުވައި ލޭކެއްކުމަށެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު، ހާކާން ފީދާން ވިދާޅުވި ގޮތުގައި -- ގުރުއާން އެންދުމަކީ ޚިޔާޅު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ސްވިޑަން އިން އެ ބުނާ ބުނުން ދުވަހަކު ވެސް ތުރުކީ ބަލައި ނުގަންނާނެ އެވެ.

ގުރުއާން އެނދުމަށް މިސްކިތް ދޮށަށް އެއްވެ ތިބި ބައިގަނޑުގެ ތެރެއިން ދެ މީހަކު ވަނީ މުސްހަފުގެ ގަނޑުތައް ވީދައި އޭނާގެ ބޫޓު ފޮހެ އަދި ސަފުހާތަކުގައި އޫރުމަސް ކާއްތައި ރޯކޮށް އަންދާފަ އެވެ.

މި މަންޒަރު ބަލަން 200 އަށް ވުރެ ގިނަ މީހުން މިސްކިތް ދޮށަށް އެއްވެ ތިއްބެވެ.

ސްވިޑަންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަސަން ވިދާޅުވީ ގުރުއާން އެންދުމުގެ ސަބަބުން -- ނޭޓޯގައި ބައިވެރިވުމަށް ސްވިޑަން ކުރާ މަސައްކަތްތަކަށް ދެން ވާނެ ގޮތަކާ މެދު އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.

ބޮޑުވަޒީރު އަދި ވިދާޅުވީ ގުރުއާން އެނދުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނަވަވެސް އެއީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.

ގުރުއާން އެންދުން ހުއްޓުވުމަކީ ފުލުހުންނަށް އޮތް ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.