ދުނިޔެ

ޓައިޓޭނިކް ބަލަން ކަނޑަށް ފެއްތި އުޅަނދުގެ ބައިތައް ނަގައިފި

އުތުރު އެޓްލާންޓިކް ކަނޑަށް ފެތިފައި އޮތް މަޝްހޫރު ޓައިޓޭކް ބަލަން ޖޫން 18 ގައި ޓޫރިސްޓުން ގޮވައިގެން ކަނޑު އަޑިއަށް ދަތުރުކުރި އުޅަނދު -- ޓައިޓަންގެ ބައިތައް ފެނުން މައްޗަށް ނަގައިފި އެވެ.

ޓައިޓަން ދަތުރު ފެށިތާ އެއްގަޑި 45 މިނެޓްވި ތަނާހެން ވީއެއް ނުވީއެއް ނޭނގި ޚަބަރު ހުސްވި އެވެ. އަދި ފެންމަތީގައި އޮތް މައި އުޅަދާއި ގުޅުން ކެނޑުނެވެ.

ދަތުރު އިންތިޒާމްކުރި "އޯޝަންގޭޓް އެކްސްޕެޑިޝަން" އިން އެމެރިކާގެ ކޯސްޓް ގާޑަށް މިކަން އަންގައި އިމަޖެންސީ އިއުލާންކޮށް މީހުން ސަލާމަތްކުރުމަށް ދުނިޔެއަށް ގޮވާލި އެވެ.

ޓައިޓަން އަށް ވީގޮތް ދުނިޔެއަށް ހާމަވީ ޖެހިގެން އައި ދުވަހު ކަނޑު އަޑިއަށް އޮޓަމެޓިކް ރޮބޮޓް އުޅަނދުތައް ފޮނުވައި ހޯދި ހޯދުމުންނެވެ.

ޓައިޓަންއިން ދަތުރުކުރި ފަސް މީހުންނާ އެކު ކުޑަ ސަބްމެރިން އޮތީ އެޓްލާންޓިކް ކަނޑުގެ 12،500 ފޫޓު އަޑީގައި ބައިތައް ވަކިވެފަ އެވެ. އޯޝަންގޭޓް އެކްސްޕެޑިޝަނުން ބުނާ ގޮތުން މި އުޅަނދަކީ 14،000 ފޫޓު އަޑިއަށް ފީނުމުގެ ކުޅަދާނަކަން ހުރި އުޅަނދެކެވެ.

މީހުން ސަލާމަތްކުރަން މަސައްކަތްކުރި މީހުންނަށް ދިރި ހުއްޓައި އެކަކުވެސް ސަލާމަތް ނުކުރެވޭނެކަން މި ހިސާބުން ޔަގީންވި އެވެ.

ދެން ބެލީ އުޅަނދު ގޮވަން މެދުވެރިވި ސަބަބު ހޯދުމަށް ޓަކައި އޭގެ ބައިތައް ފެނުން މައްޗަށް ނެގުމުގެ މަސައްކަތްތަކެވެ.

ޓައިޓާންގެ ބައިތައް މިހާރު ވަނީ ކެނެޑާގެ ނިއުފައުންޑްލޭންޑްގެ ބަނދަރަށް ނަގާފަ އެވެ.

ޓައިޓަން ފަޅައިގެން ދާނެ ގޮތުގެ އެނިމޭޝަނެއް -- މި އުޅަނދުގެ ބައިތައް މިހާރު ވަނީ ފެނުން މައްޗަށް ނަގާފައި

އިދާރާތަކަށް ފުރަތަމަ ހީކުރެވުނީ ޓައިޓަން ދަތުރުކުރި މަގުމަތީގައި ކޭބަލެއް ފަދަ ވާގަނޑެއްގައި އަޅައިގަނެ އުޅަނދު ތާށިވީ ކަމަށެވެ. އެހެން ނަމަވެސް، އުޅަނދުގެ ވަކިވެފައި ހުރި ބައިތައް ފެނުމުން ދިރި ހުރި އިންސާނަކު ފެންމައްޗަށް ނަގަން ނުލިބޭނެކަން ކަށަވަރުވި އެވެ.

ޓައިޓަން އަކީ އޯޝަންގޭޓް އެކްޕެޑިޝަނުން ބޮލަކަށް 250،000 ޑޮލަރު ނަގައިގެން ދުއްވާ ވިޔަފާރި އުޅަނދެކެވެ. ކަނޑުގެ ލޮނުގަނޑުގެ ޕްރެޝަރުގައި މި އުޅަނދު ޗިސްވުމުގެ ކުރިން 13 ދަތުރު ވަނީ ކޮށްފަ އެވެ. އުޅަނދު ފެތުނީ 14 ވަނަ ދަތުރުގުގައި އަޑިއަށް ދަނިކޮށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން ޓައިޓާން ފަޅައިގެން ދިޔައީ އުޅަނދަށް ބެލުމެއް ނެތީ މާގިނައިން ދަތުރުކުރުމުގެ ސަބަބުންނެވެ. ކޮންމެ ދަތުރަކަށް ފަހު އުޅަނދުގެ ރައްކާތެރިކަން ކަށަވަރުވެފައި ނެތުމަކީ ވެސް އޯޝަންގޭޓްސް އިން ހެދި ގޯހެކެވެ.