ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފިކޯއަށް ބަޑިން ހަމަލާދީ ވަރަށް ބޮޑަށް ޒަކަމްކޮށްލައިފި އެވެ. އޭނާއަށް ހަމަލާދީފައި ވަނީ ކެބިނެޓްގެ ބައްދަލުވުމަކަށް ފަހު ބޭރަށް ނުކުމެވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ސަލާމްކުރައްވަނިކޮށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފިކޯގެ ހަށިގަނޑުގެ އެތައް މިތަނަށް ވަނީ ވަޒަންއަރާފަ އެވެ. އިމަޖެންސީގައި ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ޚަބަރުތައް ބުނެ އެވެ.
ސްލޮވާކިއާގެ މީޑިއާތައް ބުނާ ގޮތުން ބޮޑުވަޒީރު ފިކޯއަށް ހަމަލާދިނީ ޔުރައީ ސިންތުއާ ނަމަކަށް ކިޔާ މީހެކެވެ.
ސިންތުއާ، 71، އަކީ ޅެންވެރިއެއް އަދި ލިޔުންތެރިއެއް ކަމަށް ޚަބަރުތައް ބުނެ އެވެ. ސްލޮވަކް އެސޯސިއޭޝަން އޮފް ރައިޓާސް އުފެއްދި މީހަކީ މިއީ ކަމަށް ޚަބަރުތައް ބުނެ އެވެ.
ރޮބަޓް ފީކޯއަށް ބަޑިން ހަމަލާދިނީ ކޮން މަގުސަދެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ. އޭނާއަށް ހަމަލާދީފައި މިވަނީ ސްލޮވާކިއާގައި މިހާރު އޮތް ރައީސް ޒުޒާނާ ޗަޕްތޯވާގެ ސަރުކާރު އަންނަ މަހު -- ޖޫން 15 ގައި ނިމުމަކަށް އަންނާނެކަން ކަށަވަރުވެފައި ވަނިކޮށެވެ.
ސްލޮވާކިއާގެ ވެރިކަމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ ޕީޓަރު ޕެލެގްރިނީ އެވެ. ޕެލެގްރިނީގެ ސަރުކާރުގައި ވެސް ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާނީ ފިކޯ އެވެ. މިއީ ވަރަށް އަރިސް ދެ ބޭފުޅުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޒުޒާނާގެ ސަރުކާރަކީ ހުޅަނގާ ވަރަށް ގާތް ސަރުކާރެކެވެ. އަނެއްކޮޅުން ޕެލްގްރިނީ އާއި ފިކޯ އަކީ ރަޝިއާއަށް ވަރަށް ތާއީދުކުރައްވާ ދެ ބޭފުޅުންނެވެ.
ޑޮކްޓަރުންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ބޮޑުވަޒީރު ފިކޯގެ ބަނޑަށް ވަޒަންއަރާފައި ހުރި ތަނުން އަދިވެސް ލޭމަނައެއް ނުވެ އެވެ. ޑޮންޓަރުން އުޅެނީ ދެން ހަދާނެ ގޮތެއް ނެތިގެންނެވެ.
ބޮޑުވަޒީރުގެ ކޮންޑަށް ވަޒަނެއް އަދި ދަށްބަޑަށް ދެ ވަޒަން އަރާފައި ހުރި ކަމަށް ޑޮކްޓަރުން ބުނެ އެވެ.