ފިނިޕޭޖް

"ގޯޑް އިޒް އަ ބުލެޓް" ފިލްމު ކަމަކު ނުދިޔަ

އެކްޝަން ތްރިލާ "ގޯޑް އިޒް އަ ބުލެޓް" މިދިޔަ ޖޫން 23 ވަނަ ދުވަހު ރިލީޒްކުރުމާ އެކު ގިނަ މީހުންނާއި ކްރިޓީކުންގެ ހިޔާލަކީ މިއީ ބަލަން ކަމުދާ ފިލްމެއް ނޫން ކަމަށެވެ.

ނިކް ކެސެވެޓްސް ލިޔެ ޑައިރެކްޓްކުރި މި ފިލްމް ބިނާކޮށްފައިވަނީ ބޮސްޓަން ޓެރަންގެ މި ނަން ކިޔާ ވާހަކަ އަށެވެ.

މި ފިލްމްގައި ލީޑް ރޯލް އަދާކުރަނީ ނިކޮލާ ކޯސްޓާ-ވަލްޑޫ އާއި މައިކާ މޮންރޯ އެވެ.

ނިކޮލާގެ ކެރެކްޓާ، އަކީ ޑިޓެކްޓިވް ބޮބް ހައިޓަވާ އެވެ. ޝައިތާނާ ކަމުދާ ކަލްޓެއް އޭނާގެ ކުރީގެ އަންހެނުން މަރާލައި އަންހެން ދަރިފުޅު ކިޑްނެޕް ކުރުމުން، އެ ކަލްޓްގެ އަތްދަށުން ސަލާމަތްވި ހަމައެކަނި އަންހެން ކުއްޖާ، ކޭސް ހާޑިން (މައިކާ މޮންރޯ)ގެ އެހީގައި ޕޮލިހުން ވަކިވެ އެ ކަލްޓްގެ މެންބަރަކަށްވެ އެވެ. އަދި އެ ކަލްޓްގެ ސައިކޯ ލީޑަރު ސައިރަސް ކިބައިން ދަރިފުޅު ސަލާމަތްކުރުމަށް މަސައްކަތް ކުރެ އެވެ.

މި ދެ މީހުންނަށް ދަ ފެރީމޭން (ޖޭމީ ފޮކްސް) އެހީވެ އެވެ. ސައިރަސްގެ ރޯލް އަދާކޮށްފައިވަނީ ކާލް ގްލޫސްމަން އެވެ. އަދި ބޮބްގެ ދަރިފުޅުގެ ރޯލް އަދާކުރީ ކްލޮއީ ގާއި އެވެ.

ނިކް ބުނީ މި ވާހަކަ ފިލްމަށް ހެދުމަށް އުޅޭތާ 18 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. ނިކް އަކީ "ދަ ނޯޓް ބުކް"، "މައި ސިސްޓާސް ކީޕާ" އަދި "ދި އަދާ ވުމަން"ގެ ޑައިރެކްޓަރެވެ.

ނިއު ޔޯކް ޓައިމްސް އިން ބުނި ގޮތުގައި މިއީ ނިކް ކުރިން ޑައިރެކްޓްކޮށްފައިވާ ފިލްމްތަކާ މުޅިން ތަފާތު ފިލްމެއް ކަމަށާއި މި ފިލްމުގައި ބޭނުންނުވާވަރަށް އަނިޔާވެރިކަން ދައްކާފައިވާ ކަމަށެވެ. އަދި އެކަންކަން ފިލްމާ ގުޅުވާފައިވާ ގޮތް ކަމުނުދާ ކަމަށާއި ފިލްމުގެ ކެރެކްޓާތަކުގެ އެކްޓިން ވެސް މޮޅު ނޫން ކަމަށެވެ.

ވެރައިޓީ.ކޮމް އިން މި ފިލްމު ޑޭވިޑް ލީންޗްގެ ފިލްމަކާ ވައްތަރުކޮށްފައި، ކާލް ގްލޫސްމާން އާއި އޭނާގެ ކަލްޓް ގްރޫޕް އަނިޔާވެރިވީ ނަމަވެސް، އެ ގަބޫލުކުރެވޭ ފަދަ ގޮތަކަށް ގެނެސްދީފައި ނުވާ ކަމަށް ބުނެފައިވެ އެވެ. އަދި މި ފިލްމުގެ ސީޖީއައި ވެސް ހުރީ ދަށް ފެންވަރެއްގައި ކަމަށް ނިއު ޔޯކް ޓައިމްސް އިންނާއި ވެރައިޓީން ބުނެފައިވެ އެވެ.

ދަ ހޮލީވުޑް ރިޕޯޓާއިން ބުނީ މި ފިލްމުގެ ޑައިލޮގާއި އެކްޓިން އާއި އަނިޔާވެރިކަމާއި މައިގަނޑު ގޮތެއްގައި ފިލްމު ގެނެސްދީފައިވާ ގޮތް ކަމުނުދާ ކަމަށެވެ.

އައިއެމްޑީބީގައި އަދި ރޮޓަން ޓޮމާޓޯސްގައި ބައެއް މީހުން މި ފިލްމަށް ތައުރީފްކޮށްފައިވާއިރު ގިނަ މީހުން "މިއީ ބަލާވަރުގެ ފިލްމެއް ނޫން"، "ޓައިމް ވޭސްޓް" ފަދަ ބަސްތައް ބުނެފައިވެ އެވެ.

ރޮޓަން ޓޮމާޓޯސް އިން މި ފިލްމަށް 30 ޕަސަންޓްގެ ރޭޓިން ދީފައިވާއިރު، އައިއެމްޑީބީގައި ތިން ތަރިއާއި 6.1 ގެ ރޭޓިން ދީފައިވެ އެވެ.

މަދު ސިނެމާތަކެއްގައި ރިލީޒްކޮށްފައިވާ މި ފިލްމު ޑިޖިޓަލް ސްޓްރީމިން ޕްލެޓްފޯމްތަކުގައި ރިލީޒްކުރާނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.