ދުނިޔެ

އިންޑިއާ އަށްވެސް އައިއެސްގެ ބިރުވެރިކަން އެބައޮތް: ޔޫއޭއީ

އިންޑިއާގައި ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތުގެ ބިރުވެރިކަން ނެތް ކަމަށް ބުނެ ދެއަތް އުރާލައިން ތިބެވެން ނެތް ކަމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ބުނެފި އެވެ.

ޔޫއޭއީން ވަނީ ދާދި ފަހުން ހަނގުރާމަވެރި އައިއެސް ޖަމާއަތާއި ގުޅުން ހުރި އިންޑިއާގެ ބަޔަކު ޑީޕޯޓުކޮށްފަ އެވެ. އެގައުމުން ބުނީ މިހާރަށްވުރެ ބޮޑަށް އިންޑިއާ "ހޭލަން" ވެއްޖެ ކަމަށެވެ.

"އިންޑިއާގައި އެބަހުރި ބައެއް ސަރަހައްދުތައް އައިއެސް ގެ ނުރައްކާ ބޮޑު. އެސަރަހައްދު ތަކުގައި އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް. އަހަރުމެން އެބަޖަހޭ އެމީހުންނަށް ހަމަލާދީ އެމީހުން ބޭރުކޮށްލަން." ޔޫއޭއީގެ ދާޚިލީ ވަޒީރު ޑރ. އަންވަރު މުހައްމަދު ގަރްގޭޝް ވިދާޅުވި އެވެ.

އަންވަރު މިހެން ވިދާޅުވީ ޔޫއޭއީގެ ކްރައުން ޕްރިންސް ޝެއިޚް ޒަޔާދް އަލް ނަހްޔާން ތިން ދުވަހުގެ މުއްދަތަށް އިންޑިއާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުގެ ކުރިން އިންޑިއާގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ މުހިއްމު ކަމާއި ބެހޭގޮތުން އެންޑީޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

އަންވަރު ވިދާޅުވީ ދެގައުމު ދެމެދުގައި އޮންނަ ގުޅުން މިހާރުވެސް ވަރަށް ވަރުގަދަ ކަމަށާއި ގުޅިގެން މަސައްކަތް ކުރާނަމަ ކުރިއަށް އޮތްތަނުގައި މިއަށްވުރެވެސް ވަރުގަދަވާނެ ކަމަށެވެ. އަދި އެގޮތުން ދެގައުމު ގުޅިގެން ކުރި މަސައްކަތުން އައިއެސް ޖަމާއަތާއި ގުޅުންހުރި އެތައް ބަޔަކު މިހާރުވެސް ޑީޕޯޓުކޮށްލާފައިވާ ކަން ފާހަގަ ކުރެއްވި އެވެ.