ފިނިޕޭޖް

ޖޭމްސް ގަންގެ އާ ސުޕަމޭންއަކަށް ޑޭވިޑް ކޮރެންސްވެޓް

ޑީސީ ސްޓޫޑިއޯގެ ކޯ-ސީއީއޯ ޑައިރެކްޓްކުރާ "ސުޕަމޭން: ލެގަސީ"ގެ ކްލާކް ކެންޓް އާއި ލޮއިސް ލޭން އިއުލާންކޮށްފި އެވެ.

މިގޮތުން ކްލާކް ކެންޓް/ސުޕަމޭންގެ ރޯލަށް ކާސްޓްކޮށްފައިވަނީ ޑޭވިޑް ކޮރެންސްވެޓް އެވެ. އަދި ލޮއިސް ލޭންގެ ރޯލަށް ކާސްޓްކޮށްފައިވަނީ ރޭޗަލް ބްރޮސްނަހޭން އެވެ.

މިއީ ޑޭވިޑް ބޮޑު ފްރެންޗައިޒެއްގައި ލީޑް ރޯލް އަދާކުރާ ފުރަތަމަ ފަހަރެވެ. ޑޭވިޑް އެންމެ ފަހުން ފެނިގެން ދިޔައީ "ޕާލް" ގައެވެ. އަދި ރަޔާން މާފީ ސީރީޒް "ދަ ޕޮލިޓިޝަން" އަދި "ހޮލީވުޑް" އިން ފެނިފައިވެ އެވެ.

ޑޭވިޑްގެ ކުރިއަށް އޮތް ޕްރޮޖެކްޓްތަކުގެ ތެރޭގައި "ލޭޑީ އޮފް ދަ ލޭކް" ސީރީޒް އާއި "ޓްވިސްޓާ"ގެ ސިކުއެލް "ޓްވިސްޓާސް" ހިމެނެ އެވެ.

ޑޭވިޑް 2019 ގައި ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ ހުވަފެނަކީ ކޮންމެވެސް ދުވަހަކުން ސުޕަމޭންގެ ރޯލް އަދާކުރުން ކަމަށެވެ. އެ ހުވަފެން މިހާރު އެވަނީ ހަގީަތަކަށް ވުމުގެ މަގުމަތީ ގައެވެ.

ޑޭވިޑްގެ އާ ރޯލާމެދު ވާހަކަ ދައްކަމުން އޭނާ ބުނީ ހެންރީގެ ސުޕަމޭން ސީރިއަސް އަދި ޑާކް ސްޓައިލް އޭނާއަށް ވަރަށް ކަމުދިޔަ ނަމަވެސް، އޭނާގެ ސުޕަމޭން ވާނީ އުފާވެރި އަދި ޕޮޒިޓިވް ކެރެކްޓާއަކަށް ކަމަށެވެ.


ރޭޗަލް އަށް ބަލާލާއިރު އޭނާއަކީ "ދަ މާވެލަސް މިސިޒް މެއިސަލް" ގައި މިޒް މެއިސަލްގެ ރޯލް ފަސް ސީޒަންގައި އަދާކޮށްފައިވާ އެކްޓްރެސް އެކެވެ. މީގެ އިތުރުން "ހައުސް އޮފް ކާޑްސް"، "މޭންހެޓަން"، "ދަ ބްލެކްލިސްޓް"، "ބިއުޓިފުލް ކްރީޗާސް"، "ލައުޑާ ދޭން ބޮމްބްސް"، "ދަ ކުރިއާ" ފަދަ ފިލްމުތައް ކުޅެފައިވެ އެވެ.

ޖޭމްސް ގަން ޓްވީޓްކޮށް ބުނެފައިވަނީ ކެވިލް އާއި ޑޭވިޑަކީ ހުނަރުވެރި އެކްޓަރުންނަށް ވުމުގެ އިތުރުން ވަރަށް ރަނގަޅު ދެ މީހުން ކަމުގައެވެ.

ޑީސީ އެކްސްޓެންޑަޑް ޔުނިވާސްގައި ކްލާކް ކެންޓް/ސުޕަމޭންގެ ރޯލް އަދާކުރަމުން އައީ ހެންރީ ކެވިލް އެވެ. މިދިޔަ އޮކްޓޯބަރު މަހު ވޯނާ ބްރަދާސް އިން ބުނެގެން "މޭން އޮފް ސްޓީލް"ގެ ސިކުއެލްގެ ހަބަރު އިއުލާންކޮށްފައި ވަނިކޮށް، ނޮވެމްބަރު މަހު ޖޭމްސް ގަން އާއި ޕީޓާ ސަފްރާން ޑީސީ ސްޓޫޑިއޯސްއާ ހަވާލުވުމަށް ފަހު، ޖޭމްސް ގަން ވަނީ ސުޕަމޭންގެ ދެން ނެރޭ ފިލްމުގެ މިސްރާބު ބަދަލުކުރުމަށް ނިންމާފަ އެވެ. އެހެންކަމުން ހެންރީ ކެވިލް ނޫން ސުޕަމޭންއެއް ފެންނާނެ ކަމަށް އިއުލާންކޮށްފައިވެ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ އަދަދެއްގެ ފޭނުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.