ދުނިޔެ

މުގައްދަސް ފޮތްތައް އެންދުމަކީ ގަދަރުކުޑަ، ހިތްދަތި އަމަލެއް: އެމެރިކާ

ޤުރުއާން އެނދުމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ވިދާޅުވީ -- ގާނޫނީ ގޮތުން ކުރެވެން އޮންނަ ހުރިހާ ކަމަކީ ކުރުން އެދެވިގެންވާ ކަންކަން ނޫންކަން ހަމަ ކަށަވަރު ކަމަށެވެ.

މުސްލިމުންނަށް މުޅި އަހަރުގައި އަންނަ އެންމެ އުފާވެރި ދުވަސް -- އަޟްޙާ ޢީދާ ދިމާކޮށް ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ މަރުކަޒީ މިސްކިތް ދޮށުގައި އީރާގުގެ ރެފިއުޖީއެއް ކަމަށްވާ ސަލްވާން މޮމީކާ ވަނީ ކީރިތި ޤުރުއާންގެ މުސްހަފެއް ވީދައި ސަފުހާތައް އަންދާފަ އެވެ.

އޭގެ ކުރިން މުސްހަފް ބިމަށް އެއްލައި ފައިއަރައި ޗަސްކޮށް އަދި ސަފުހާތަކުން ސަލްވާން މޮމިކާގެ ބޫޓު ފޮހެ އޫރު ލެއިން ތެންމައި ވަނީ ތައުހީނުކޮށްފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ވެޑާންޓް ޕަޓޭލް ވިދާޅުވި ގޮތުގައި މުގައްދަސް ފޮތްތައް އެންދުމާ އެމެރިކާ އަބަދުވެސް ދެކޮޅެެވެ. އޭނާ އަދި ވިދާޅުވީ މި ނޫން ވިސްނުމެއްގައި އެމެރިކާ ދެމި ނޯންނާނެ ކަމަށެވެ.

ތަރުކަމާން އަދި ވިދާޅުވީ ސްވިޑަންގައި ހިންގި މި ހަރަކާތާ ބެހޭ ގޮތުން އެ ގައުމުގެ ސަރުކާރާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މިފަދަ ކަންކަން މި ގޮތުގައި ހިންގަން ދޫކޮށްލާނީތޯ ސުވާލު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްވިޑަންގައި މިއީ ގުރުއާން އެންދި ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރުގެ ކުރީ ކޮޅު ދެފަހަރެއްގެ މަތިން އެކްޓިވިސްޓުންތަކެއް ވަނީ ގުރުއާން އަންދައި އިސްލާމް ދީނަށް މަލާމާތްކޮށްފަ އެވެ.

މިއިން ކޮންމެ ފަހަރަކު ވެސް ގުރުއާން އަންދާފައި ވަނީ ފުލުހުންގެ ފުރިހަމަ ތާއީދާ އެކު އެވެ. ގުރުއާން އަންދާ މީހާގެ ރައްކާތެރިކަން ބެލެހެއްޓުމަށް އޭނާ ވަށައިގެން ފުލުހުން ތިބެ އެވެ.

މިހެންކަމުން ގުރުއާން އެންދުމަކީ ސްވިޑަންގެ ސަރުކާރާއި ފުލުހުން އަދި ކޯޓުތަކުން ވެސް ރުހިގެން ކުރުވާ ކަމެކެވެ.

އެހެން ނަމަވެސް ސްވިޑަންގެ ބޮޑުވަޒީރު އަދި ވިދާޅުވީ ގުރުއާން އެނދުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނަމަވެސް އެއީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ. ގުރުއާން އެންދުން ހުއްޓުވުމަކީ ފުލުހުންނަށް އޮތް ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.