ބަރުދަން ލުއިކުރުމުގެ ބޭނުމުގައި ބައެއް މީހުން އާދައިގެ ހަކުރުގެ ބަދަލުގައި ކައިބޮއި ހަދާ ތަކެތީގައި އާޓިފިޝަލް ސްވީޓްނާ ނުވަތަ މަސްނޫއީ ހަކުރު ބޭނުން ކުރެ އެވެ. އޭގެ ތެރޭގައި ހަކުރުގެ މިންވަރު ޒީރޯ ޕަސެންޓްގައި ހުރިކަމަށް ބުނެ ވިއްކާ އެކި ކަހަލަ ލުއި ބުއިންތައް ހިމެނެ އެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިންޒާރުދީފައިވާ ގޮތުގައި މިއީ އެއްގޮތަކަށް ވެސް ކުރަންވާ ވަރުގެ ކަމެއް ނޫނެވެ.
ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި އާޓިފިޝަލް ސްވީޓްނާ ބޭނުން ކުރުމަކުން ހަށިގަނޑަށް އޭގެ އެދެވޭ ބަދަލެއް ނާދެ އެވެ. އަދި ދިގު މުއްދަތަށް ބަލާއިރު ބަރުދަން ލުއިކުރުމަށް މިކަމުން އެހީތެރިއެއް ނުވެ އެވެ. އޭގެ ބަދަލުގައި ދިގު މުއްދަތަކަށް މިކަހަލަ ހަކުރު ބޭނުންކުރާ މީހުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް މާ ގިނަ އެވެ. މީގެ ތެރޭގައި ޓައިޕް 2 ޑައިބެޓީސް އާއި ކާޑިއޯވެސްކިއުލާ ބަލިތައް ބޮޑެތި މީހުންނަށް ޖެހުމުގެ ފުރުސަތު އިތުރުވެ އެވެ.
ޑަބްލިޔުއެޗްއޯގެ ޑައިރެކްޓަ ފޯ ނިއުޓްރިޝަން އެންޑް ފުޑް ސޭފްޓީ ފްރެންސިސްކޯ ބްރެންކާ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އާދައިގެ ހަކުރުގެ ބަދަލުގައި މިހާރަކަށް އައިސް ވަރަށް ގިނަ މީހުން އާޓިފިޝަލް ހަކުރު ބޭނުންކުރާ ކަމަށެވެ. ނަމަވެސް މިއީ ހަކުރުބަލި ފަދަ ބަލިތަކުން ދިފާއު ވެވޭނެ ގޮތެއް ނޫން ކަމަށާއި އަދި ބަރުދަން ލުއިކުރަން ވެސް މިކަމުން އެހީތެރިކަމެއް ނުލިބޭނެކަމަށް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
"އާޓިފިޝަލް ސްވީޓްނާގައި ހަށިގަނޑަށް ފައިދާ ކުރާނެ އެއްވެސް މާއްދާއެއް ނުހިމެނޭ. ވަރަށް ޅަ އުމުރުން ފެށިގެން ކާ އެއްޗެތީގެ ފޮނި ރަހަ މަޑުކުރަން މީހުން މަސައްކަތް ކުރަން ޖެހޭ. އަދި މޭވާ ފަދަ ތަކެތި ކައިގެން ފޮނި އެއްޗެތި ކެއުމުން އެ ލިބޭ ހިތްހަމަޖެހުން ހޯދުން ރަނގަޅުވާނެ،" ފްރެންސިސްކޯގެ ބަޔާނުގައި ވެއެވެ.
މި އިރުޝާދަކީ ހަކުރުބަލި ހުރި މީހުންނަށާއި ޖެހިދާނެތީ ބަލައިގެން އުޅެން ޖެހޭ މީހުންނަށް ވެސް އަމަލުކުރަން ޖެހޭ އިރުޝާދެކެވެ.
އާޓިފިޝަލް ސްވީޓްނާ އަކީ އެހާ ގޯސް އެއްޗަކަށް ވަނީ ކީއްވެ ހެއްޔެވެ؟ އާޓީފިޝަލް ސްވީޓްނާގެ ތެރޭގައި ހިމެނޭ އޭސަލްފޭމް ކޭ، އެސްޕާޓޭމް، އެޑްވަންޓޭމް، ސައިކްލަމޭޓްސް، ނިއޮޓޭމް، ސެކަރީން، ސުކްރަލޯސް، ސްޓީވިއާ ފަދަ ހުރިހާ އެއްޗެތި ވެސް ހަށިގަނޑަށް ގޯހެވެ. މީގެން އެއްވެސް ބާވަތެއްގެ އާޓިފިޝަލް ސްވީޓްނާއެއް ބޭނުންކުރުން ރަނގަޅެއް ނޫނެވެ. މި ބާވަތުން ލޭ ގަނޑުގަތުމުގެ މައްސަލަތަކާއި ހިތާއި ސިކުނޑިއާ ގުޅިފައިވާ ނާރުތަކަށް މައްސަލަ ދިމާވާ ކަމަށް ވެއެވެ.
މި ގައިޑެންސް ނެރެފައި މިވަނީ މަދުން ކެލޮރީ ހުންނަ ސްވީޓްނާ، އެރިތުރިޓޯލް ކިޔާ ޒީރޯ-ކެލޮރީ ހަކުރު ސަބްސްޓިޓީއުޓެއް ބޭނުންކުރާނަމަ ހާޓް އެޓޭކާއި ސްޓްރޯކް އަދި މިފަދަ ކަމަކުން ފުރާނަ ދިއުމުގެ ފުރުސަތު ބޮޑުކަމަށް ސައިންސްވެރިން ބުނިތާ މާ ގިނަ ދުވަހެއް ނުވަނީ އެވެ. ވަރަށް ގިނަ 'ކީޓޯ" ޕްރޮޑަކްޓްސް ގައާއި ލޯ-ކާބް ޕްރޮޑަކްޓްސްގައި ފޮނި ރަހަލައްވަން މި ބާވަތް ބޭނުން ކޮށްފައި ހުރެ އެވެ.