ސައުތު އޭޝިއަން ގޭމްސް ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ރެފްރީ އަކަށް ރާއްޖޭގެ ތަޖުރިބާކާރު ރެފްރީ އަހުމަދު ސަލީމް (ކުނޑި) ސަލީމް ހަމަޖައްސައިފި އެވެ.
އިންޑިޔާ އާއި ސްރީލަންކާ ކުޅޭ މުބާރާތުގެ ފައިނަލް މެޗުގައި ރެފްރީކަން ކުރަން ލިބުމުން ސަލީމް ބުނީ މިއީ ރާއްޖެ އަށް ލިބުނު ރީތި ނަމެއް ކަމަށާއި އޭނާ ބަލާނީ މެޗުގައި އެންމެ އިންސާފުވެރިކޮށް ރެފްރީކަން ކުރަން ކަމަށެވެ.
މިއީ ސަރަހައްދީ މުބާރާތެއްގައި ފައިނަލުން ސަލީމަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އޭނާ ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅަށް ރެފްރީކަންކޮށްފަ އެވެ.
ސަލީމަކީ މި ގޭމްސްގައި ފައިނަލް މެޗުގައި ރެފްރީކަން ކުރުމުގެ ފުރުސަތު މިހާތަނަށް ލިބުނު ދެ ވަނަ ރެފްރީ އެވެ. މީގެ ކުރިން ބޭއްވި މުބާރާތެއްގައި ކުރީގެ ރެފްރީ ހުސައިން މުހައްމަދު ވަނީ ވޮލީ ފައިނަލް މެޗުގައި ރެފްރީކަންކޮށްފަ އެވެ. އޭނާ އަކީ ވޮލީ އެސޯސިއޭޝަނުގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ އެވެ.
މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު ވަނީ އިއްޔެ އިންޑިޔާ އަތުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.
ސައުތު އޭޝިއަމް ގޭމްސްގައި ރާއްޖެ ރަނގަޅު ކާމިޔާބީ އެއް ހޯދަމުން އަންނައިރު ވޮލީގެ ފިރިހެން ޓީމާއި އަންހެން ޓީމު ވެސް ވަނީ ސެމީ ފައިނަލްގައި ކުޅެފަ އެވެ. ސެމީން ބަލިވުމުން މިއަދު ތިން ވަނަ ހޮވާ މެޗުގައި ރާއްޖޭގެ ދެ ޓީމު ވެސް ވާދަކުރާނެ އެވެ.