ދުނިޔެ

ޗައިނާގެ ފުއްޕާހަމުން ޖާސޫސްކުރި ކަމަކަށް ނުބެލެވޭ: ޕެންޓަގަން

ޗައިނާގެ ފުއްޕާހަމާ ބެހޭ ގޮތުން އެނގިވަޑައިގަތީ ކޮން އެއްޗެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން -- އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންގެ ތަަރުޖަމާން ބްރިގޭޑިއާ ޖެނެރަލް ޕެޓް ރައިޑާ ވިދާޅުވީ -- އެމެރިކާގެ ވައިގެ ތެރެއަށް ޗައިނާއިން ފުއްޕާހަމެއް ފޮނުވުމުގެ ބޭނުމަކީ ޖާސޫސްކޮށް މައުލޫމާތު އެއްކުރުން ކަމަށް ކުރިން ގަބޫލުކުރެވެނު ނަމަވެސް އެއީ އެފަދަ ބޭނުމެއްގައި ފޮނުވި ފުއްޕާހަމެއް ކަމަށް ބަލާނެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.

ޗައިނާގެ ފުއްޕާހަމުގައި ޖާސޫސްކުރަން ބޭނުންކުރެވިދާނެ ކެމެރާ އާއި ސެންސަރުތައް ހުރި ކަމަށް ގަބޫލުކުރެވުނު ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

އެމެރިކާގެ އަލަސްކާއާ ދިމާ މަތީގައި، ވައިގެ ތެރޭގައި ފުއްޕާހަމެއް ގުޑިނުލައި ދެތިން ދުވަސް ވަންދެން އޮތުމުން އެމެރިކާ ވަނީ މި އަހަރުގެ ކުރީކޮޅު -- ޖެނުއަރީ 28 ގައި އެމެޖެންސީވެފަ އެވެ.

އެއީ އެމެރިކާގެ ސަލާމަތަށް ނުރައްކާ ކުރުމަށް ޗައިނާއިން ފޮނުވި ފުއްޕާހަމެއް ކަމަށް އެމެރިކާގެ އޮފިޝަލުންނަށް އެއިރު އޮތީ ވިސްނިވަޑައިގެންފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް މި ފުއްޕާހަމާ ބެހޭ ގޮތުން ޕެންޓަގަނުން ވިސްނައި ދެއްވީ ވެސް މި ބީދައިން -- ވަރަށް ނުރައްކާތެރި އެއްޗެއް ގޮތުގަ އެވެ. މިހެން ކަން ހިނގައި ދިއުމުން، ބައިޑަންގެ އޯޑަރަށް ފުއްޕާހަމަށް މިސައިލުން ހަމަލާދީ ވައިދުއްވާލައި ފެބްރުއަރީ 6 ގައި ކަނޑަށް ވައްޓާލި އެވެ.

އަދި ޕެންޓަގަނުން ފުއްޕާހަމުގެ ބައިތައް ކަނޑުން ނަގައި ތަހުލީލު ވެސް ކުރި އެވެ.

މި ފުއްޕާހަމާ ބެހޭ ގޮތުން ޗައިނާއިން އަބަދުވެސް ބުނަމުން ދިޔައީ އެއީ ސައިންސްގެ ހޯދުންތަކަށް -- މޫސުން ބެލުމަށް ވަކި ދާއިރާއަކަށް ފޮނުވި ފުއްޕާހަމެއް ކަމަށެވެ. މޫސުމީ ވަޔަށް އައި ބަދަލެއްގައި މިސްރާބު އޮޅި އެމެރިކާއާ ދިމާއަށް ދަތުރުކުރީ ކަމަށެވެ.

ޖާސޫސީ ފުއްޕާހަމެއް ކަމަށް އެމެރިކާއިން ތުހުމަތުކީ އެ ހަމުގެ ހަގީގަތް އެމެރިކާއަށް ނޭނގޭތީ ނޫން ކަމަށް ވެސް ޗައިނާގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އެއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ޚަރާބުކުރާ ގޮތެއް ނެތިގެން ކުރި ކަމެއް ކަމަށް ވެސް ބެއިޖިންއިން ވަނީ ބުނެފަ އެވެ.

މި ފުއްޕާހަމަ ބެހޭ ގޮތުން ވޯލް ސްޓްރީޓް ޖާނަލުން ވެސް ރިޕޯޓްކުރީ ޚަބަރުތައް އޮޅޭ ގޮތަށެވެ. ނަން ހާމަކުރަން ބޭނުން ނުވާ މީހަކާ ހަވާލާދީ އެ ނޫހުން އެއިރު ބުނީ -- ފުއްޕާހަމުގައި ކެމެރާތަކާއި ސެންސަރުތައް ހުރި ކަމަށެވެ.

އޭގެ ބޭނުމަކީ އެމެރިކާގެ ސިޓީތަކުގެ މަތީގައި ފުއްޕާހަން ބާއްވައިގެން އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ ބެހޭ މައުލޫމާތު -- ފޮޓޯ އާއި ވީޑިއޯ އަދި ވައިގެ ތެރޭގައި ހުރި ކެމިކަލްތަކުގެ އަސަރު ޗައިނާއަށް ފޮނުވުން ކަމަށެވެ.