ބޭރު ކުޅިވަރު

މާޓިން އޮޑެގާޑް: މިއީ ދެ ވަނަ މެސީތަ؟

Jan 25, 2015

ނޯވޭގެ ފުޓްބޯޅަ ކުޅުންތެރިޔާ މާޓިން އޮޑޭގާޑް އަކީ މިހާރު ވެސް ތަރިއެކެވެ. މިދިޔަ މަހު 16 އަހަރު ފުރުނު މި ކުޅުންތެރިޔާ އެންމެފަހުން ޔޫރަޕްގެ ފުޓްބޯޅައިގެ ޝަރަފާ ފަހުރާ ގުޅިފައިވާ ކްލަބް، ރިއަލް މެޑްރިޑާ ގުޅުމުން އޭނާ ވަނީ އަދި ކުރިއަށް ވުރެ ބޮޑު ތަރިއަކަށްވެފަ އެވެ.

ބައެއް ފަރާތްތަކުން ބުނަނީ މިއީ "ދެ ވަނަ މެސީއެއް" ކަމަށެވެ. އަނެއް ބަޔަކު މި ޒުވާން ކުޅުންތެރިޔާ ސިފަކުރަނީ "ރޮނާލްޑޯ އާއި މެސީއެއް" ގެ ގޮތުގަ އެވެ.

އެހެންވީމަ ނޯވޭގެ މި އެޓޭކިން މިޑްފީލްޑަރާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށްތޯ ބަލާލަމާ ހިނގާށެވެ.

އޭނާ އަކީ ނޯވޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ އަށް ނުކުތް އެންމެ ހަގު ކުޅުންތެރިޔާ އެވެ.

ސްޓޯމްގޮޑްސެޓް އައިއެފް ގެ ކުޅުންތެރިއެއްގެ ގޮތުގައި މިދިޔަ އަހަރުގެ އެޕްރީލް މަހު އޭނާ ދަނޑަށް އެރިއިރު 15 އަހަރާއި 117 ދުވަހެވެ.

އެ މެޗުގައި ވެސް އޭނާ ވަނީ ނިކަން އާދަޔާހިލާފު ކުޅުމެއް ދައްކައި ގިނަ ބަޔަކު ސިއްސުވާލައިފަ އެވެ. އޮޑޭގާޑަކީ ނޯވޭގެ މި ލީގުގައި ގޯލެއް ކާމިޔާބުކޮށްފައިވާ އެންމެ ހަގު ކުޅުންތެރިޔާ ވެސްމެ އެވެ.

ނޯވޭގެ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރިކޯޑް ވެސް މިހާރު އޮތީ އޭނާގެ އަތުގަ އެވެ.

ނޯވޭގެ ޑްރާމެން އަށް އުފަން މި ކުޅުންތެރިޔާ އަކީ ފުޓްބޯޅަ ގޭމު، ފީފާ15 އަށް ދެވިހިފައި މޮޔަވެފައިވާ ކުޅުންތެރިއެކެވެ. އަދި އޭނާގެ ފެވަރިޓް ޓީމަކީ ލިވަޕޫލެވެ. ފީފާ ގޭމު ކުޅޭއިރު އޭނާ އަބަދުވެސް ނަގަނީ ލިވަޕޫލެވެ.

އެހެންވީމަ މިއީ ފަހަރެއްގައި ލިވަޕޫލްގެ ފޭނުންނަށް އޮތް އުފާވެރި ޚަބަރެކެވެ. ނަމަވެސް ފުޓްބޯޅައިގެ ވާޗުއަލް ދުނިޔެއިން ނުކުންނައިރު އޭނާ މި ވަނީ ރިއަލް މެޑްރިޑްގެ ކުޅުންތެރިޔަކަށް ވެފަ އެވެ.

އޭނާ އެންމެފަހުން ކުޅުނު ނޯވޭގެ ކްލަބް ސްޓޯމްގޮޑްސެޓްގެ މިހާރުގެ ކޯޗު، ޑޭވިޑް ނީލްސަން މި ކުޅުންތެރިޔާ ސިފަކުރަނީ "ސުޕަހީރޯއެއް" ގެ ގޮތުގަ އެވެ. ރިއަލް މެޑްރިޑްގެ ކޯޗު، ކާލޯ އެންޗަލޮއްޓީ ވެސް ބުނަނީ މިއީ އާދަޔާހިލާފަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ.

އޮޑޭގާޑްގެ ކުޅުމުގެ ސްޓައިލަށް ބަލާއިރު ގިނަ މީހުން އޭނާ ސިފަކުރަނީ އާޖެންޓީނާ އާއި ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާ އެވެ. އަދި ބައެއް މީހުން ބުނާ ގޮތުން އޭނާ އަށް ލިބިފައި ވަނީ ރިއަލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެސީއާ އެއްގޮތް ހުނަރުތަކެކެވެ.

އުމުރުން 16 އަހަރުގެ މި ކުޅުންތެރިޔާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ޔޫރަޕްގެ ކްލަބުތަކުގެ އަދަދު 30 އަށް ވުރެ މައްޗަށް އަރަ އެވެ. ބޮރޫޝިއާ ޑޯޓްމަންޑާއި ބަޔާން މިއުނިކް އަދި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީގެ އިތުރުން ބާސެލޯނާ އާއި ލިވަޕޫލުން ވެސް މި ކުޅުންތެރިންތެރިޔާ އަށް ފާރަލަމުން ދިޔަ އެވެ.

ރިއަލް މެޑްރިޑާ ގުޅުމުގެ ކުރިން ލިވަޕޫލާއި ބަޔާން މިއުނިކް އަދި މެންޗެސްޓާ ޔުނައިޓެޑާ އެކު އޭނާ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވެ އެވެ.