ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރު އޯބަން ދެކެވަޑައިގަންވާ ގޮތުގައި ހަންގޭރީއަށް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ ދިފާއީ ކުޅަދާނަކަން އިތުރުކުރުމާއި ގާނޫން ތަންފީޒްކުރާ އިދާރާތައް ހަރުދަނާކޮށް ގާބިލުކުރުން ކަމަށެވެ.
ވިކްޓަރު އޯބަން ވިދާޅުވި ގޮތުގައި ބަލިކަށި ގައުމުތައް ޒަމާނާ އެކު ނެތިގެންދާނެ އެވެ. އޭނާ އަދި ވިދާޅުވީ ދެމިއޮންނާނީ ގަދަފަދަ ބައެއް ކަމަށެވެ.
ޔޫރަޕްގެ ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަމައެކަނި އެމެރިކާއަށް ބަރޯސާކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް އޯބަން ވިދާޅުވި އެވެ.
ހަންގޭރީ އަކީ ގާބިލު ގައުމަކަށް ވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންވާ ކަމަށް ވިދާޅުވެ އޯބަން ވިދާޅުވީ އަރާ ލޮޅުންތަކަށް ކެތްކުރުމުގައި ހަންގޭރީގެ ސަރުކާރާއި އިގުތިސާދު، ސިފައިން އަދި ގާނޫން ތަންފީޒްކުރާ އިދާރާތައް ގާބިލުވާން ޖެހޭ ކަމަށެވެ.
ހަންގޭރީގެ ވެރިރަށް -- ބުޑަޕެސްޓްގައި، ނޭޝަނަލް ޔުނިވާސިޓީ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަނުން ބޭއްވި ގްރެޖްއޭޝަން ހަފުލާއެއްގައި ވާހަކަދައްކަވަމުން އޯބަން ވިދާޅުވީ ދަރިވަރުން ތަމްރީންކޮށް ތައްޔާރަށް ތިބުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށެވެ.
އޯބަން ވިދާޅުވި ގޮތުގައި ދުނިޔޭގެ ސިޔާސަތުގައި މިހާރު މުޅިންހެން އޮތީ އަޑިގުޑަނެވެ. ކިތަންމެ ތެދުވެރިއެއް ނަމަވެސް ބާރެއް، ހައިސިއްޔަތެއް ނެތް ނަމަ އެއީ ނެތް ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާބިލު މީހުން ބޭނުންވަނީ ހަރުދަނާ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމަށް ކަމަށް ވެސް ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރު އޯބަން ވިދާޅުވި އެވެ.
ހަންގޭރީއަށް މިއަދު ކުރިމަތިވެފައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރޭގައި މެދުއިރުމަތިންނާއި މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް އެ ގައުމަށް އެތެރެވާ ރެފިއުޖީން ހިމެނޭ ކަމަށް އޯބަން ވިދާޅުވި އެވެ.
ރެފިއުޖީންނާ މެދު ޔޫރަޕުން ގެންގުޅޭ ސިޔާސަތު އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށް އޯބަން ވިދާޅުވި އެވެ.
އޯބަން ވިދާޅުވި ގޮތުގައި ހަނގޭރީ ހިމެނެނީ މިއަދު ޔޫރަޕްގައި އޮތް އެންމެ ރައްކާތެރި ގައުމުތަކުގެ ތެރޭގަ އެވެ. އެންމެ ރައްކާތެރި ގައުމަކީ ހަންގޭރީ ކަމަށް ވިދާޅުވި ނަމަވެސް ދޮގަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޭޓޯ އަކީ ސެކިޔުރިޓީ އެއްބާލުމެއް ގޮތުގައި ގާބިލު ޖަމާއަތަކަށް ވުމަށް އޭނާ ވެސް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ހަންގޭރީގެ ރައްކާތެރި ކަމަށް ހަމައެކަނި ނޭޓޯއަށް ބަރޯސާކުރުމަކީ ބިރުބޮޑު ކަމެއް ކަމަށެވެ.
ގައުމު ދިފާއުކުރުމަކީ ހަންގޭރީއަށް އޮތް ވަރަށް ބޮޑު ޒިންމާއެއް ކަމަށް ވެސް ވިކްޓަރު އޯބަން ވިދާޅުވި އެވެ.