ދުނިޔެ

އީޔޫ އާއި ނޭޓޯއިން ހަންގޭރީ ވަކިވާން ޕޮލެންޑުން ލަފާދީފި

ޔޫރަޕިއަން ޔޫނިއަނާއި ނޭޓޯގެ ސިޔާސަތުތައް ހަންގޭރީއަށް ކަމުނުދާ ކަމަށް ވަންޏާ ރަނގަޅު ގޮތަކަށް ވާނީ އީޔޫ އާއި ނޭޓޯއިން ވަކިވުން ކަމަށް ޕޮލެންޑުގެ ޚާރިޖީ ވަޒީރުގެ ނައިބު ވަޑިވަފް ތެއޮފިލް ބަރުތޮޝެވްސްކީ ވިދާޅުވެއްޖެ އެވެ.

ބަރުތޮޝެވްސްކީ މިހެން ވިދާޅުވި ސަބަބަކީ ހަންގޭރީގެ ބޮޑުވަޒީރު ވިކްތަރު އޯބަން، ވާސޯގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، ޔޫރަޕްގައި އޮތް އެންމެ ބޮޑު ދެފުށްކެހެރި އަކީ ޕޮލެންޑު ކަމަށް ވިދާޅުވުމުންނެވެ.

ވިކްޓަރު އޯބަން ވިދާޅުވި ގޮތުގައި ޕޮލެންޑުން ދަނީ ސިއްރިއްޔާތުގައި ރަޝިއާއާ އެކު ވިޔަފާރިކުރަމުންނެވެ. އަދި އެ ވިޔަފާރިގައި ބައިވެރިވުމަށް ބުޑަޕެސްޓަށް ދައުވަތު ދިން ކަމަށް ވެސް އޯބަން ވިދާޅުވި އެވެ.

ބަރުތޮޝެވްސްކީ ވިދާޅުވި ގޮތުގައި ރަޝީއާއާ އެކު ޕްލެންޑު ވިޔަފާރިކުރާ ކަމުގެ ހެއްކެއް ހަންގޭރީއަށް ނުދެއްކޭނެ އެވެ. އެކަމަކު ރަޝިއާއާ އެކު ހަންގޭރީ ވިޔަފާރިކުރާކަން އެއީ އެއްވެސް ބަޔަކަށް ސިއްރުވެފައި އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަން ގައުމެއްގެ ގޮތުގައި ހަންގޭރީ އޮންނަނީ ކީއްވެތޯ ބަރުތޮޝެވްސްކީ ސުވާލު އުފެއްދެވި އެވެ. ޔޫރަޕް ދެކެ އެހާ ރުޅި އަންނަ ނަމަ ދޫކޮށް ދާންވީ ނޫންތޯ ބަރުތޮޝެވްސްކީ ވިދާޅުވި އެވެ.

އޯބަންއަށް ވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ ރަޝިއާއާ އެކު ގާތް ގުޅުމެއް ތަނަސްވަސްކުރެއްވުން ކަމަށް ބަރުތޮޝެވްސްކީ ވިދާޅުވި އެވެ. ރަޝިއާއަށް ސިއްރު ދަތުރުތައް ކުރައްވަނީ އޮތް ގާތްކަމެއްގެ ބޮޑުކަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަންގޭރީ އާއި ރަޝިއާ އަކީ ވަރަށް ގާތް ދެ ގައުމެވެ. ޔުކްރޭން ހަގުރާމައާ ގުޅުވައިގެން މުޅި ޔޫރަޕުން ރަޝިއާއަށް ދަތިކުރި ނަމަވެސް، ރަޝިއާއަށް ގެއްލުން ދިނުމަށް ހަންގޭރީ ބޭނުމެއް ނުވި އެވެ.

ވިކްތަރު އޯބަން ދާދި މިދާކަށް ދުވަހު ރަޝިއާއަށް ކުރެއްވި ދަތުރުގެ ސަބަބުން ވެސް ހަންގޭރީއާ މެދު ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ދެކޭ ގޮތް ވަނީ ވަރަށް ބޮޑަށް ތަފާތުވެފަ އެވެ.

ހަންގޭރީއަށް ދަތިކޮށް އަޅާނެ ފިޔަވަޅުތަކަކާ މެދު ޔޫރަޕިއަން ކައުންސިލުން ވިސްނަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ވިކްތަރު އޯބަން ވިދާޅުވި ގޮތުގައި ރަޝިއާއަށް ކުރެއްވި ދަތުރަކީ ޔުކްރޭން ސުލްހަކުރުމަށް ކުރެއްވި ދަތުރެކެވެ. އެ ދަތުރުގައި ޔޫރަޕާ ގުޅުންހުރި އެއްވެސް މަޝްވަރާތަކެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.