( 27 ޖޫން 2023 އާ ގުޅޭ )
ކާޅު ދުރަށް ޖައްސަން އޭނާ ކާރުން ފައިބަން ދޮރުފަތް ހުޅުވާލިއެވެ. އެހިނދު އެ ސޮރު ފިޔަފަތް ތަޅައިގަތުމާއެކު ގޮވައިގަތީ ނިކަން ބާރަށެވެ. ސިއްސައިގެން ދިޔަވަރުން އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. މަޑުޖެހިލާފައި ވެސް ފައިސަލް ދިޔައެވެ. އޭގެ އެއް ފިޔަފަތްގަނޑުގައި ހިފައި ދުރަށް ހޫރާލައިފައި އައިސް ކާރަށް އެރިއެވެ. ނަމަވެސް އަހަރެމެންނަށް ކުރިޔަކަށް ނުދެވުނެވެ.
އިތޫމެންގެއާ ތަންކޮޅެއް ދުރުގައި ކާރު ޕާކުކޮށްލައިގެން އަހަރެންނާއި ފައިސަލް ތިބީމެވެ. އޭނާ އައީ އަހަރެން ގޮވައިގެން ތަނަކަށްދާން ގަސްދުކޮށްގެން ކަމެއް ނޫނީ އެހެން ފަހަރުތައްހެން ދުއްވާލަން ދާންކަމެއް ނޭނގެއެވެ. އޭނާގެ ފުށުން ފާޅުވާ ހިތްހަމަނުޖެހުމުގެ އަސަރަކީ އޭނާ ރާވާފައި ގޮތަށް ކަންކަން ނުދިއުމުގެ ސަބަބު ކަމަށް ވެދާނެއެވެ. އަހަރެން އެކަމާ ސުވާލެއް ނުކުރަމެވެ. އަހަރެންނަށް އެނގޭ ކަމަކީ މިރޭ އަހަރެމެންނަށް މިދިމާވީ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. ކާޅުތަކެއް ގޮވާއަޑެއް ނީވި ކުއްލިއަކަށް ކާރުގެ ކުރިމަތިން ބިއްލޫރިގަނޑުގައި އައިސް ކާޅު ޖެހިގެންނަނީއެވެ. ކުރިޔަށް ނުދެވިގެން ފައިސަލް ކާރު އަނބުރާލުމުން އެކަމުން ސަލާމަތްވެއްޖެއެވެ.
"ކޮންއިރަކުން އެކޮޅަށް އަންނާނީ." ވެރިވެފައި އޮތް ހިމޭންކަން ނައްތާލީ ފައިސަލްއެވެ.
"މާދަން ދާންކަމަށް." އަހަރެން ސީދާ ސުވާލަށް ޖަވާބުދިނީމެވެ.
"ކީކޭ ޑަކްޓަރު ބުނީ." ފައިސަލް އަހާލިއެވެ. އޭނާ އަހަރެންނަށް ނުބަލާ އިނދެ ވާހަކަދައްކާތީ އުނދަގޫވިއެވެ.
"އެއްވެސް މައްސަލައެއްނެތޭ." އަހަރެން ބުނީމެވެ.
"އެ ގޭތެރޭގައި ކީއްކުރީ." ފައިސަލް ތިންވަނަ ސުވާލު ކުރިއެވެ. ނަމަވެސް މިފަހަރު ހީވީ ފައިސަލް ކަމަކަށް އަހަރެންނަށް ތުހުމަތު ކުރީ ހެންނެވެ. ބުނަންވީ އެއްޗެއް ނޭނގި އަހަރެން ފައިސަލްއަށް ބަލަން އިނީމެވެ. އަހަރެންގެ ފަރާތުން ޖަވާބެއް ނައުމުން އޭނާގެ ނަޒަރު މިރޭ ފުރަތަމަ ފަހަރަށް އަހަރެންނަށް އަމާޒުވެލައިފިއެވެ.
"ކިޔާދޭން ބޭނުންނޫނީތަ؟." ފައިސަލް ބުންޏެވެ.
"ކިޔައިނުދޭކަށްނޫން. އަހަރެން އެ ގޭގައި މާބޮޑުކަމެއް ނުކުރަން. އިތޫގެ ވެޑިންނަށް ނިންމަން ހުރި ކަންކަމުގައި އަހަރެމެން އުޅުނީ. ދެން އިރުއޮއްސުނުއިރު ފައިސަލް މަތިން ހަނދާންވެގެން ގުޅާލަން ދޮރޯށި ކައިރިއަށް ނުކުމެލީ. ފައިސަލް ނުނަގަމެންނު ފޯނެއް... އެތާ ހުއްޓާ ލޯ މައްޗަށް އަނދިރިވީ. ދެން ހޭލެވުނީ ހޮސްޕިޓަލުގައި އޮއްވާ...ރޭގައި... ރޭ އަހަރެންގެ ޚަބަރެއްނުވީމާ ވެސް ފައިސަލް ގުޅާނުލި." އަހަރެންނަށް ތުންފުއްތާލެވުނެވެ. ރުޅި އަންނާކަށް ބޭނުމެއްނޫނެވެ. އެހެނެއްކަމަކު ދެމެދުގައި ވާހަކަ ކުރިޔަށްދާ ގޮތުން ހީވަނީ ދެބަސްވުމެއް ފެށިދާނޭ ހެންނެވެ. އަހަރެން ފައިސަލްއަށް މޫނު އަނބުރާލީމެވެ. ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލީމެވެ.
"އާނަ..." ފައިސަލް ގޮވާލީ މަޑުމަޑުންނެވެ. އަހަރެން ބަލާނުލުމުން އުނގުމަތިން އަހަރެންގެ އަތުގައި ހިފާލައި ގާތަށް ދަމާލިއެވެ.
"ސޮރީ." ފައިސަލް ބުންޏެވެ. އަހަރެން އެނބުރި އޭނާއަށް ބަލާލީމެވެ. އޭނާގެ ދެ ލޮލުން ފާޅުވާން ހުރީ ތަފާތު އަސަރެކެވެ. އެ ސިކުނޑީގައި ހިނގަމުންދާ ޚިޔާލުތައް އަހަރެންނަށް ހާމަކުރާން ބޭނުންނުވާ ކަހަލައެވެ.
"ފައިސަލް." އަހަރެން ގޮވާލީމެވެ. ހަޤީޤަތުގައި އަހަރެން ބޭނުންވީ ކޮންމެ ވާހަކައެއް ވެސް އަހަރެންނާ ޚިއްޞާކުރެވިދާނޭކަން ބުނާށެވެ.
"އެނގޭ އެއީ އާނަގެ ބެސްޓްފްރެންޑްގެ ގެކަން. އެހެންވިއަސް އެ ގޭ މީހުންނަށް އިތުބާރުކުރަން ދަތި. އަހަރެންނަށް.... އަސްލު އެހާ ހިތްހަމައެއް ނުޖެހޭ ދުވާލު ހަތަރުދަމު އެ ގޭގައި އާނަ ބަހައްޓާކަށް." ފައިސަލް ވާހަކަދެއްކީ ޖެހިލުންވެ އިނދެއެވެ. އަހަރެން ހިތްހަމަނުޖެހިދާނޭކަން އޭނާއަށް އެނގެނީއެވެ.
"އެމީހުން ގޯހެއްނޫން... އައި މީން... އިތުބާރު ނުކުރާންވާނީ އެފަދަ ކަމެއް ފެނުނީމަތާ. އެ ގޭތެރެއިން އެފަދަ ކަމަކާ ދިމައެއްނުވޭ. އެންމެން ވެސް ވަރަށް ރަނގަޅު. އަހަރެންނަކަށް ނުވިސްނޭ ފައިސަލް ތިބުނާ އެއްޗެއް" އަހަރެން ބުނީމެވެ.
"ދިމާވާ ކަންކަމާމެދު ވިސްނާލަބަލަ... މިރޭ ވެސް... އާނައަށް ހީވޭތަ އެއީ އާދައިގެ ކަމެއްހެން." ވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު ފައިސަލް ބުންޏެވެ. ފުންކޮށް ވިސްނާލަން އަހަރެންނަށް ފައިސަލް މަޖުބޫރުކުރުވައިފިއެވެ. އޭނާ އެ އިޝާރާތްކުރަނީ ކޮންކަމަކަށްކަން ނަގައިގަންނަން އަހަރެންނަށް ދައްޗެއްނުވިއެވެ. އެހެންވީރު ފައިސަލް ބުނަން އެ އުޅެނީ މި ދިމާވާ އާދަޔާ ޚިލާފު ކަންކަން ގުޅިފައިވަނީ އިތޫމެންނާ ހެއްޔެވެ. އެކަމަކު ހާދަ ޤަބޫލުކުރާން އުނދަގުލެވެ. އެ ގޭގައި އުޅޭ އެންމެންނަކީ ދީނުގެ ކަންކަމަށް ސަމާލުކަންދީ އެކަމަށް ފަރުވާތެރިވާ ބައެކެވެ. އެފަދަ ބައެއްގެ ތެރެއިން އެކަހަލަ ރޫޚާނީ ކަމެއް ފާޅުވެދާނެބާއެވެ.
"އޯކޭ... ދެން ތިހެން ނީނދޭ. އެއީ ނުދައްކާ ވާހަކައެއް." އަހަރެންގެ ހިމޭންކަން ފައިސަލްއަށް އުނދަގޫކުރީ ކަހަލައެވެ. އޭނާ ހިފަހައްޓާލައިގެން އިން އަހަރެންގެ އަތްތިލަ އުފުލާލައި ތުންފަތުގައި ޖައްސާލައި ބޮސްދިނެވެ.
އަހަރެމެންގެ ބައްދަލުވުން ނިންމާލަން ފައިސަލް ބޭނުންވީއެވެ. ލޯބިން ދެމެދުގައި ހަމަޖެހިލައިގެން ވާހަކައެއް ވެސް ދައްކާނުލެވި ދާން ޖެހުމުން އަހަރެން ދެރަވިއެވެ. އެހެންވިޔަސް ފައިސަލް ގަޔާނުވެފައި ހުރީތީ އިތުރަށް އޭނާއަށް އުނދަގޫކަންވާނީ އެނގޭތީ ޝަކުވާ ނުކުރީއެވެ. އިތޫމެން ގޭ ދޮރުމައްޗަށް ކާރު މަޑުކުރުމުން އަހަރެން ފޭބީއެވެ. ފައިސަލް މަޑުނުކޮށް ކާރު ދުއްވާލީތީ އަހަރެން ވަކިން ދެރަވިއެވެ. އެހެންޏާ އިތޫމެން ގެއަށް އަހަރެން ވަންނަންދެން އޭނާ މަޑުކުރާނެއެވެ.
އަހަރެން ގޭތެރެއަށް ވަންއިރު އިތޫ ސިޓިންރޫމު ސޯފާގައި އިނެވެ. އޭނާ އިނީ ފޯނެއްގައެވެ. އަހަރެން އައިސް ސޯފާއެއްގައި އިށީނީމެވެ. އިތޫގެ ވާހަކައިން އޭނާ އިނީ ޒަފަރަށް ގުޅައިގެންކަން އެނގުނެވެ.
"ހާދަ އަވަހަކަށް ތިއައީ." ފޯނުކޯލު ނިންމާލި ގޮތަށް ފުރަތަމަ ވެސް އިތޫ އަހާލިއެވެ.
"އާން. އިތޫއަށް ޝައްކުވެދާނެތީ ފައިސަލް އަވަހަށް ދިޔައީ." އަހަރެން ދޮގު ހެދީމެވެ. އިތޫ ޖަހާލީ ހިނިގަނޑެކެވެ.
"އަހަންނަކަށް ނޭނގޭ އެކައްޗެއް ވެސް. ބަޔަކު ރައްޓެހިވެގެން އުޅޭކަން އަދިއަމުދުން ނޭނގޭ." ހެމުންހެމުން އިތޫ ބުންޏެވެ.
ދޮރޯށި ތަޅުލާފައި އައިސް މައިގޭގެ ދޮރު ވެސް އިތޫ ތަޅުލިއެވެ. އަހަރެމެން އިތޫގެ ކޮޓަރިއަށް އައީ އޭގެ ފަހުގައެވެ. ނިދަން އޮށޯތެއްކަމަކު އަހަރެންނަށް ނިދަން ފަސޭހައެއްނުވިއެވެ. ފައިސަލް ދެއްކި ވާހަކައާމެދު ވިސްނެނީއެވެ. އަހަރެންގެ ބުއްދިއަށް ވިސްނޭ ވަރަށްވުރެ ވަންހަނާކަން ބޮޑެވެ. އެނގޭ ކަންކަމަށްވުރެ ނޭނގި ސިއްރުވެފައިވާ ކަންކަން ގިނައީއެވެ.
ޖެހިގެން އައި ދުވަހެވެ. ދޭތެރެއަކުން ވާރޭ ވެހިލާފައި ހުއްޓާލައެވެ. ދުވަހުގެ ގިނަ ވަގުތު އަހަރެން އުޅުނީ އިތޫއާއެކީ ގޭތެރޭގައެވެ. ނަމަވެސް އަސުރުން ފަސްވީ ފަހުން އަހަރެމެން ވިޔަފާރި ކުރަން ނުކުތީމެވެ. ކޮންމެ މީހެއްގެ އަތުގައި ކުޑައެއް އޮތެވެ. ވާރޭ ނުވެހޭނެކަމެއް ޔަގީންނުވާތީއެވެ. އަހަރެމެންނާއެކީ ސީރަތު ވެސް ބައިވެރިވިއެވެ. ދާންވީ ފިހާރަ މާކުރިން ވެސް އެމީހުން ވަނީ ނިންމާފައެވެ. ފޮތިގަނެގެން އިތޫގެ ދޮންތަމެންގެއަށް އަހަރެމެން ފޯރިއިރު ހަވީރު ފަހެއް ޖަހައި ހިނގައްޖެއެވެ. އިރުއޮއްސި ނަމާދަށް ގޮވީ އެ ގޭގައި ތިއްބައެވެ. އިޝާ ނަމާދަށް ގޮވުމުގެ ކުރީން އެނބުރި ގެއަށް އަންނަން ސީރަތު ބޭނުންވިއެވެ. އެހެންވެ އަހަންނާއި ސީރަތުގެ ހެދުން ފެހުމަށް މިންނަގައި ނިމުމުން އެ ގޭގައި މާގިނައިރު ވާހަކައިގައި ނުތިއްބެވެ.
ގެއަށް އައިސް ވަދެވުމުން ސީރަތު އަވަސްވެލީ ނަމާދު ކުރާށެވެ. އޭނާ ދަމުން އަހަރެންނާއި އިތޫ ކައިރީ ވެސް ނަމާދު ކުރަން ދާށޭ ބުންޏެވެ. އިތޫ ދިއުމުން އަހަރެން ސޯފާގައި މަޑުކޮށްލީއެވެ. ފޯނަށް މެސެޖެއް އައީ އެވަގުތެވެ. އަޖައިބުވީ ފައިސަލްގެ މެސެޖެއްކަން ފެނިފައެވެ. މެސެޖުގައި އޮތީ މިރޭ ތަންކޮޅެއް ކުރީން އަހަރެން ބަލާ އަންނަންތޯ އަހާފައެވެ. އެއްވެސް ވިސްނުމަކާނުލާ ވަގުތުން އަހަރެން މެސެޖު ފޮނުވާލީ އެންމެ ރަނގަޅޭ ބުނެފައެވެ. ފައިސަލްއާ އަހަރެންނާ ދެމެދަށް އައިސްގެން މިއުޅޭ ދުރުކަން ދެމިގެންދާން އަހަރެން ނޭދެމެވެ. ދެމީހުން ދިމާވެ އެކުގައި ވަގުތު ހޭދަކުރެވިގެން ނޫނީ ހަމަޖެހުމެއް ނުލިބޭނެކަން އަހަރެންނަށް ވިސްނެއެވެ.
ރޭގަނޑު ކާން ނިންމީ ފައިސަލްއާއެކީއެވެ. އަހަރެމެން ދެ މީހުން އެކުގައި ވަގުތު ހޭދަކޮށްނުލެވޭކަން އިތޫއަށް އަހަރެން ވިސްނައިދިނީމެވެ. ޑޭޓަކަށް ނުކުންނަނީއޭ އަހަރެން ބުނީމެވެ. އެއަށްފަހު އެނބުރި ގެސްޓްހައުސްއަށްކަން ދާނީ ވެސް ބުނީމެވެ. ސީރަތު ކޮށާނޭވަރު އެނގޭތީ އޭނާ ހަމަޖައްސާލަން އިތޫ ކައިރީ ބުނީމެވެ. އަހަރެންނާއި ފައިސަލްއަށް ފުރުޞަތުދޭން އިތޫ ހުރީ ތައްޔާރަށެވެ. ރޭގަނޑުގެ ކެއުމުގެ ކުރީން އަހަރެން އެ ގެއިން ނުކުތީމެވެ. އޭރު ތުނިތުނިކޮށް ވާރޭ ވެހެއެވެ.
"ދަނީތަ." ދޮރޯށިން އަހަރެން ނުކުމެ ދޮރު ލައްޕާނުލެވިގެން އުޅެނިކޮށް އަންހެނަކު ބުނި އަޑު އިވުނެވެ. ހީވީ އަހަރެންގެ ނުހަނު ކައިރީގައި ހުރެ ވާހަކަދެއްކީ ހެންނެވެ. މޭގަނޑު ތެޅިގޮތް ގޮތުން ނުބައި ގޮތެއްވެގެން ދިޔައެވެ. އަހަރެންގެ ވަށައިގެން ކަޅި އުކާލެވުނެއް ކަމަކު އެއްވެސް މީހަކު ނުފެނުނެވެ. ހިތަށް ހިސާބަކަށް ބިރުވެރިކަން ވަނެވެ. ނަމަވެސް ފައިސަލްގެ ކާރު އޮތީ ކައިރީގައި ފެންނާށެވެ. ހަލުވިފިޔަވަޅުގައި އައިސް އަވަހަށް ކާރަށް އެރީއެވެ. އެއާއެކު ދެން ހިތަށް އެރީ އަނެއްކާ ރޭގައި ކަންތައްވީގޮތަށް ނުވާނެބާއެވެ. އެ ޚިޔާލުތަކުން އަހަރެންނަށް ނުކުންނަން ޖެހުނީ ފައިސަލްގެ އިނގިލިތަކުގެ ބީހުން އަހަރެންގެ ކޯތާފަތަށް އިޙްސާސް ކުރެވިގެންނެވެ. އަހަރެން ބަލާލުމުން އޭނާ ހިނިތުންވުމެއް ދިނެވެ. އެ ހިނިތުންވުން އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. މިރޭ ފައިސަލް ފެންނަނީ އަހަރެން އޭނާ ދުށުމަށް އެދޭ ސިފައިގައެވެ.
"ފައިސަލްއާއެކީ ޑިނާއަކަށް ދާން މިއައީ ނުވެސް ކައި." އަހަރެން ބުނީމެވެ.
"ތީ އެއްވެސް ކަމެއްނޫނެއްނު. ހިނގާ ކާންދޭނަން." ފައިސަލް ބުނެލިއެވެ.
ރަށުތެރެއިން ރެސްޓޯރެންޓަކަށް ދާން ޚިޔާލު ފާޅުކުރުމުން އެގޮތް ފައިސަލްއަށް ކަމަކުނުދިޔައެވެ. މީހުން ގިނަވާނެތީ އޭނާ ދާން ބޭނުންނުވީއެވެ. ބަދަލުގައި އޭނާ އަބަދުވެސް ކަންތައްކުރާ ފަދައިން ގެސްޓްހައުސްގައި ކެއުމެއް ތައްޔާރު ކުރާނީކަން ފައިސަލް ބުންޏެވެ. ނަސީބަކުން އެއްވެސް ކަމެއްދިމާނުވެ އަހަރެމެންނަށް ގެސްޓްހައުސްއަށް އާދެވިއްޖެއެވެ. ކާރުން ފައިބައިގެން އައިސް ގެސްޓްހައުސްގެ ދޮރޯށިން އެތެރެވެވުމާއެކު ފައިސަލް އަހަރެންގެ ގައިގާ ބައްދާލައިފިއެވެ. އަދި މައި އިމާރާތުގެ ތެރެއަށް ވަންނަން އައީ އަހަރެން އުރާލައިގެންނެވެ. އޭނާގެ ލޯބިވެތިކަން އިތުރުވެފައިވާ ކަހަލައެވެ. އަހަރެމެން ހެމުންހެމުން އައިސް ވަނީ ބަދިގެއަށެވެ. ފައިސަލް އަހަރެން ބޭންދީ ކާމޭޒުމަތީއެވެ. އަދި ކާއެއްޗެއް ތައްޔާރު ކުރާން އޭނާ އުޅެންފެށިއެވެ. ދުރުގައި ނުހުރެވިގެން އަހަރެން މޭޒުމަތިން ފުންމާލައިގެން ފައިސަލް ކައިރިޔަށް އައިމެވެ. ކައިރީގައި އެނބުރޭ މެއްސެއްހެން އޭނާގެ ގާތުން އަހަރެން ދުރަށް ނުދަމެވެ.
ފާޚާނާއަށް ދާންޖެހިގެން އަހަރެން ބަދިގެއިން ނުކުތީމެވެ. އެންމެ ކައިރީގައި ހުރީ ސްޓާފުން ބޭނުންކުރުމަށް ކައުންޓަރު ކައިރީ ހުރި ފާޚާނާއެވެ. އެތަން ބޭނުންނުކުރާތާ ވަރަށް ދުވަސްވެއްޖެކަން ފައިސަލް ބުންޏެވެ. އެހެންވިޔަސް ބަދިގެއިން ޓިޝޫކޮޅެއް ހިފައިގެން އަހަރެން އައިސް އެ ފާޚާނާއަށް ވަނީމެވެ. ފާޚާނާ ތަށިމަތީ އިންދާ އަހަރެންގެ ނޭފަތުގައި ޖެހުނީ ކުނިވަސް ކަހަލަ ވަހެކެވެ. ދުވި ނުބައިވަހުން އަހަރެން އޯކަށް ދެމުނެވެ. އަވަހަށް ފާޚާނާކޮށްލައިގެން އަހަރެން ތެދުވެ ފާޚާނާ ތެރެއަށް ބަލާލީމެވެ. އެއްޗެއް މަރުވެފައި އޮތީތޯއެވެ. ހިރަފުސްކަމެއް ހުއްޓަސް ފާޚާނާތެރެ ފެންނަނީ ސާފުކޮށެވެ. ދެ އަތްދޮންނަން ހުއްޓާ އަންހެނަކު ހަޅޭލަވައިގަތް އަޑު އިވުނެވެ. ސުކުންތަކަށް އަހަރެންގެ ހަރަކާތް ހުއްޓި ގަނޑުވީއެވެ. ރަނގަޅަށް އަތް ދޮވެވުނުތޯއެއް ނުބަލަމެވެ. ފާޚާނާއިން ނުކުތް ގޮތަށް ދުވަމުން އައިސް ބަދިގެއަށް ވަނީއެވެ.
"ފައިސަ..." ބުނަން އުޅެފައި ވެސް ހުއްޓާލީމެވެ. ފައިސަލް ރޭގައި ދެއްކި ވާހަކަތައް ހަނދާންވީއެވެ. އިތޫމެން ގެއިން ނުކުތް ވަގުތު އަންހެނަކު ވާހަކަދެއްކި އަޑު އަހަރެންނަށް ރީތިކޮށް އިވުނެވެ. ދެންމެ ވީ ކަންތަކާ އެކަމާ ގުޅުމެއްވޭބާއެވެ. ފައިސަލް ކައިރީ ބުނެފިނަމަ އަނެއްކާވެސް ޝައްކުކުރާނީ އިތޫމެންނަށެވެ. އެކަމަކު މިވަނީ ކިހިނެއްކަން ނުބަލާ ހުންނަންވެދާނެ ހެއްޔެވެ. އަހަރެން އެބަ ވަރަށް ބިރުގަނެއެވެ.
"ކީއްވެފަ ތިހުންނަނީ. އާދޭ ކާން." ފައިސަލް ބުންޏެވެ. އޭރު ތަށިތައް މޭޒުމަތީ އަތުރައި ނިމިއްޖެއެވެ.
ކައިގެން އަހަރެމެން އައީ އަހަރެން ހުންނަ ކޮޓަރިއަށެވެ. އަހަރެންނަށް ޚާއްޞަ ހަދިޔާއެއް އޮތްކަން ފައިސަލް ބުނީ އެނދުގައި ހަމަޖެހިލި ވަގުތެވެ. އޭނާ ގުދުވެލައި އަހަރެންގެ ދެ ފައިތިލަ ބޮސްދިނެވެ. އޭނާގެ ގަސްދަކީ ކޮބާކަމެއް ނޭނގެއެވެ. އަހަރެން އިނީ ޝައުގުވެރިވެފައެވެ. އަނެއްކޮޅުން ފައިސަލްގެ ފުށުން ފެންނަ ލޯބިވެތިކަން ނުހަނު ކަމުގޮސްފައެވެ. އޭނާ ޖިންސުގެ ޖީބުން ނެގި އެއްޗެއް އަހަރެންގެ ކަނާއަތު ފައިގެ މެދު އިނގިލީގައި އެޅުވިއެވެ. ފައި ކުރުކޮށްލައި އެއީ ކޮންއެއްޗެއްތޯ އަހަރެން ބަލާލީމެވެ. ރިހިކުލައިގެ ފައިގެ އިނގިލިތަކުގައި އަޅާ އަނގޮއްޓިއެކެވެ. ފީރޯޒުކުލައިގެ ކުދިކުދި އެސްތަކެއް ޖަހާފައި ހުއްޓެވެ. ފައިގެ އިނގިލިތަކުގައި ދުވަހަކުވެސް އަނގޮއްޓިއެއް އަހަރެން ނާޅަމެވެ. އަހަންނަށް އެހާ ކަމުދާ ކަމަކަށްނުވަނީއެވެ. އެހެންނަމަވެސް ފައިސަލްގެ މޫނުގައިވީ އުފާވެރިކަން ގެއްލުވާލަން ބޭނުންނުވީއެވެ.
"ރީތިތަ؟." ފައިސަލް އަހާލިއެވެ. އަހަރެން ބޯޖަހާލީމެވެ.
ފައިސަލްގެ ގައިގާ ބައްދާލައިގެން އަހަރެމެން ވާހަކަދައްކަން ތިބިކަން އަހަރެން ހަނދާންހުއްޓެވެ. ދެންވީ ގޮތެއް ބުނާކަށް ނޭނގެއެވެ. ބޮލަށް ތޫނުތަނެއްވީހެން ވެސް ހީވެއެވެ. ގައިން ވަރުދޫވެ ކުއްލިއަކަށް ވަރަށް ބޮޑަށް ވަރުބަލިވެއްޖެކަމުގެ އިޙްސާސް ކުރެވުނެވެ. ލޯ މެރި ތަނެއް ނުފެންނަ ވަގުތު ދެއެވެ. ލޯ ހުޅުވިއްޖެނަމަ ފެންނަނީ އަހަރެންނަށް ޤަބޫލުކުރާން ދަތި މަންޒަރެކެވެ. އަމިއްލަ ނަފްސު ހުއްޓުވަން އަހަރެން މަސައްކަތް ކުރިޔަސް އެއްވެސް ބާރެއް ނެތް ކަހަލައެވެ. އެއްވެސް ކަމެއްގައި އަމިއްލަ އިޚްތިޔާރެއް ނެތް ފަދައެވެ. އަހަރެންގެ ޢަމަލުތައް އެ ދަރަޖައަށް ހިނގައިދާނޭބާއޭ ވެސް އަމިއްލަ ހިތާ ސުވާލު ކުރެވުނެވެ. އަހަރެންގެ ހަރަކާތްތައް އަހަރެންނަށް އެބަފެނެއެވެ. އެކަމަކު އެ ހަރަކާތްތައް ހުއްޓުވުމުގެ ބާރު އަހަރެންގެ ނެތީ ކީއްވެބާއޭ ހިތަށް އެރިއެވެ.
"މީ... ހުވަފެނެއްތަ؟." އަހަރެން ބުނީމެވެ. ނަމަވެސް އަޑެއް ނުނިކުތެވެ.
ފައިސަލްގެ އަތުގެތެރޭގައި އޭނާގެ ކޮންމެ ބީހުމެއްގެ އިޙްސާސް ހަށިގަނޑަށް އެބަކުރެވެއެވެ. އޭނާ ޖަވާބުދާރީ އެވަނީ އަހަރެންގެ އިސްނެގުމަށެވެ. ނަމަވެސް އެއީ އަހަރެން ބޭނުންވާގޮތް ނޫންކަން ސިކުނޑިއާއި ޟަމީރު ވެސް އެއްބަސްވެއެވެ. އެނދު ފައިބާ ފައިސަލްގެ އަތުގެތެރެއަށް އަހަރެން އުފުލާލިއެވެ. އެހިނދު ރީތިވާ މޭޒުގެ ލޯގަނޑުން އަހަރެންނަށް ފެނުނު ސޫރައިން ނަފްސު ރޫރޫ އަޅާލިއެވެ. ނޫނެކޭ ބުނެވުނެވެ. ތެޅިގަނެފައި ފައިސަލްއާ ދުރަށްދާން މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ އަމިއްލަ ހަށިގަނޑު ހަރަކާތްކުރަމުންދިޔައީ އަހަރެން ބޭނުންވާ ގޮތަކަށްނޫނެވެ.
(ނުނިމޭ)