ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ބައިވެރިވެ ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ސްޕެޝަލް އޮލިމްޕިކްސް ޓީމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ބައިވެރިވެ ރާއްޖޭގެ ޓީމުގެ އެތުލީޓުންނާއި އެތުލީޓުންގެ ބެލެނިވެރިން އަދި ޑެލިގޭޝަނުގެ މެންބަރުންނާ ރައީސް ސޯލިހް ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.
ޖަރުމަނުގެ ބާލިންގައި މިދިޔަ މަހުގެ 17 އިން 25 އަށް ބޭއްވި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ ޓީމުން ވަނީ ދެ ރަން މެޑަލް އާއި އެއް ލޯ މެޑަލް ހޯދާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަހުވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ އެތުލީޓުން ވަރަށް ފުރިހަމަ ކާމިޔާބީއެއް ހާސިލުކޮށްފައިވާތީ އެކަން ފާހަގަކުރައްވާ މި ކާމިޔާބީ ހޯދުމުގައި މަސައްކަތްކޮށް ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.
ރައީސް ސޯލިހްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ބާކީނުކޮށް ހުރިހާކަމެއްގައި ޝާމިލުކޮށްގެން ކުރިޔަށްދިއުންކަމާއި ކުޅިވަރުގެ ދާއިރާގައިވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެއީކަން ފާހަގަކުރައްވާފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ކުޅިވަރުގައި ބައިވެރިވުމަށް ފުރުސަތުތައް ފަހިކޮށްދެވުނުކަން ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުން ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ދުނިޔޭގެ އެތައް އެކި ގައުމުތަކުން 6،500 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވި އެވެ.