ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓް ލިބުނު މީހުންނަށް މިމަހު ތަޅުދަނޑި ހަވާލުކުރަނީ

ސަރުކާރުގެ ބޯހިޔާ ވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފުލެޓްތަކުގެ ތަޅުދަނޑި ވިނަރެސް ފުލެޓް ލިބުނު މީހުންނަށް މިމަސް ނިމުމުގެ ކުރިން ހަވާލުކުރާނެ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

ވިނަރެސް ފުލެޓަށް ހޮވުނީ މާލޭގައި ރަޖިސްޓްރީ ނުވެ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ކެޓަގަރީން 1،094 މީހުންނާއި، މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ވެފައިވާ މީހުންގެ ކެޓަގަރީން 267 މީހުންނެވެ.

ވިނަރެސް ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވެސް އާބަންކޯ އިން މިހާރު ވަނީ ފަށާފަ އެވެ.

ވިނަރެސް އިން ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކަށާއި، އާންމުންގެ ތެރެއިން ހޮވުނު ފަރާތްތަކަށެވެ. އާންމުންނަށް ލިބޭ ފްލެޓްގެ އަދަދު މުޅިން ސާފުވާނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކުގެ ތެރެއިން ވިނަރެސްއަށް ފްލެޓް ބަދަލުކުރި ފަރާތްތަކުގެ އަދަދު ސާފުވުމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން އަގު އަދާކޮށް ނިމޭއިރު އެޕާޓްމަންޓްގެ އަގު ދެގުނައާ ގާތްކުރާނެ އެވެ.