ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ފުލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްތަކުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް ހައިކޯޓުގައި ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.
ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022ގަ އެވެ.
ޔޫސުފް ނައީމުގެ މައްޗަށް އުފުލި ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވެ އެ ދުވަހު އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުން އަވަސްކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައި މިވަނީ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލްނުކުރާހާ ހިނދަކު އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެކަން ޔަގީންކުރެވޭތީ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ ރައީސް ޔާމީނަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލުމަށް މިހާރު ހަމަޖައްސާފައިވަނީ މިމަހުގެ 23 އިން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.